އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ގޮވައިގެން ދަތުރުކުރި މަތިންދާބޯޓު އިރާގުގެ ބަސްރާ އެއާޕޯޓަށް ޖެއްސުން އެ ގައުމުގެ ސިވިލް އޭވިއޭޝަން އިދާރާއިން މަނާކޮށްފި އެވެ.

އިރާގުން އެގޮތަށް އަމަލުކުރޯ އިރާންގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.

އިރާގަށް ޖެއްސުން މަނާކުރުމުން އެ ބޯޓު ވަނީ އެނބުރި އިރާނަށް ގޮސް އެ ގައުމުގެ އަބަދާން އެއާޕޯޓަށް ޖައްސާފަ އެވެ. އިރާގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓް އޮފިޝަލަކު ބުނީ އިރާނުގެ ގައުމީ ޓީމު މިހާރު އިރާގުގެ ބަސްރާއަށް ދިއުމަށް ހަމަޖެހިފައިވަނީ އެއްގަމު މަގުން ކަމަށެވެ. 

އިރާން ޓީމު އިރާގަށް ދަނީ ބަސްރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ގައުމުގެ އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރުމަށެވެ. އެ މުބާރާތުގައި އީރާނުގެ އިތުރުން އިރާގު، ލުބުނާން އަދި ފަލަސްތީން ވާދަކުރެ އެވެ.

އިރާގުގެ ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު އަލް ޖަޒީރާއަށް ބުނީ، އެ ފިޔަވަޅު އަޅަންޖެހުނީ އެމެރިކާއިން އީރާންގެ އެއާލައިންތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެއްޖެނަމަ އިރާގަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެގޮތުން ކަމަށެވެ.

އެމެރިކާއިން ވަނީ އީރާންގެ އެއާލައިންތަކަށް ހިދުމަތްދޭ އެއްވެސް ގައުމެއްގެ އެއާޕޯޓަކަށް ނުވަތަ ކުންފުންޏަކަށް ވިޔަސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފަ އެވެ.

އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ނިޒާމުން އެފަދަ ފަރާތްތައް ބޭރުކުރުން ވެސް ހިމެނެއެވެ.