ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އުރީދޫ އަކީ ރާއްޖޭގެ އެންމެ ބޮޑު ލީގު ޕްރިމިއާ ލީގަށް 2015 ވަނަ އަހަރު ރީބްރޭންޑްކުރި ފަހުން ފާއިތުވި ދެ އަހަރުގެ ވެސް ސްޕޮންސަރުންނެވެ. ކުރިއަށް އޮތް ތިން އަހަރު ވެސް އުރީދުން ޕްރިމިއާ ލީގު ސްޕޮންސަ ކުރުން ވެގެންދިޔައީ އެފްއޭއެމާއި އުރީދޫ އަށް ވެސް ލިބިގެން ދިޔަ ހިތްހަމަ ޖެހުމެއް ކަމަށް އެ ދެ ފަރާތުން ދެކެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވީ އުރީދޫ އަކީ މުޖުތަމައު ތެރޭގެ ހަމަޖެހުމާއި ގުޅުން ބަދަހި ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"ހަގީގަތުގައި ވަރަށް އުފާވެރި ދަނޑިވަޅެއްގައި މި އެއްބަސްވުން މިއައީ. އެއީ އުރީދޫ އިން ރާއްޖޭގައި ފެށި މަސައްކަތަށް 12 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން ކަހަލަ ގޮތަކަށް މިކަންމިވީ. ހަގީގަތުގައި އުރީދޫ އަކީ އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް އިސްކަންދޭ ބައެއް. ހަމަ އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު ސްޕޮންސަކުރުމަކީ،" ނަޖީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމް އާއި އުރީދޫއާ ދެމެދު އޮތް ގުޅުން ކުރިއަށް ގެންދިއުމަކީ އެ ކުންފުނިން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ.

އުރީދޫގެ ސީއީއޯ ނަޖީބު (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އުރީދޫގެ ސީއީއޯ ނަޖީބު (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އުރީދޫ އަކީ ދިވެހި ފުޓްބޯޅަ އަށް ފަަހަކަށް އައިސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ފަރާތް ކަމަަށާއި އެ ކުންފުނީގެ އެހީގައި ދިވެހި ފުޓްބޯޅަ އާ އުސްމިނަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަބަދު ވެސް އޮންނަ ކަމަށެވެ.

"އުރީދޫ އަކީ އަބަދުވެސް އަޅުގަނޑުމެންނާ ވަރަށް ގާތްކަމެއް ބަހައްޓާ ކުންފުންޏެއް. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އެންމެ ބޮޑު އެހީތެރިކަމެއްދޭ އެއް ފަރާތް. ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އެންމެ ބޮޑު ލީގު ސްޕޮންސަކުރުމަށް އުރީދޫ އިން ނިންމުމަކީ މުޅި ފުޓްބޯޅަ އަށް ލިބިގެންދިޔަ އުފާވެރި ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަހަރު ލީގުގައި އަތޮޅުތަކުގެ ޓީމުތައް ވެސް ކުޅުމުން މީގެ ފައިދާ އުރީދޫ އަށް ވެސް ކުރާނެ ކަމަށެވެ.

"ހަގީގަތުގައި މި ފަހަރުގެ ޕްރިމިއާ ލީގު އުރީދޫ އިން ސްޕޮންސަ ކުރުމުން އެ ކުންފުނިން އެ ކުރީ ހަަމައެކަނި މާލޭގައި ކުޅޭ އަށް ޓީމުގެ ލީގެއް ނޫން. މިއީ މުޅި ރާއްޖޭގެ ޕްރިމިއާ ލީގު. މީގެ 82 ޓީމުގެ ތެރެއިން އައި އަތޮޅު ތެރޭގެ ހަތަރު ޓީމެއް ވެސް އެބަކުޅޭ މީގެ ފައިދާ އުރީދޫ އަށް ވެސް އެބައޮތް،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް ކްލަބް އަދި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއް ކަމަށްވާ ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ށ. މިލަންދޫ އަދި އއ. މާޅޮހެވެ.

އަންނަ ހުކުރު ދުވަހުގެރޭ ލީގުގެ ފުރަތަމަ މެޗުގައި އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ މިނިވަން ޗެމްޕިއަންޝިޕްެ ޗެމްޕިއަން ދ.ކުޑަހުވަދޫއާ ދެކޮޅަށެވެ.