އުރީދޫ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ދިވެހި ލީގު ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން އެންމެ ބޮޑު ބަދަލެއް ގެނައީ މި އަހަރު އެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ވާދަކުރާ ލީގާއި ޕްރިމިއާ ލީގު ވަކިކޮށްލުމެވެ. އެއާ އެކު ޕްރިމިއާ ލީގުގައި ކުޅޭނީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމު ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމާއި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާ ހަތަރު ޓީމެވެ.
ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް ކުރިއަށް އޮތް ތިން އަހަރު އުރީދޫ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މުޅި ރާއްޖެ އަށް ޕްރިމިއާ ލީގު ފުޅާ ކުރުމަކީ އެފްއޭއެމްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާ ކުރުމަކީ. މި ވަގުތު މާލޭގައި އެކަނި މި މުބާރާތް ކުޅުނު ނަމަވެސް މުސްތަގުބަލުގައި މުޅި ރާއްޖޭގައި މި މުބާާރާތް ބާއްވަން ބޭނުން،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް މިދިޔަ އަހަރު އިންތިހާބުވެވަޑައިގަތުމަށް ފަހު ބައްސާމްވި އެންމެ ބޮޑު ވައުދަކީ އަތޮޅުތަކުގެ ފުޓްބޯޅައިގެ އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމަށް 15 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމުގެ ވައުދެވެ.
މުޅި ރާއްޖެ އަށް ރާއްޖޭގެ އެންމެ ބޮޑު ލީގު ފުޅާކުރާއިރު ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެކަމަކު އޭނާ "މިހާރަ"ށް ވިދާޅުވީ އެ ކަންތައްތަކާ ގުޅޭގޮތުން އެފްއޭއެމުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ގާތްގަނޑަކަށް މަހެއްގެ ތެރޭގައި އަތޮޅުތަކުގެ އިންފްރާސްޓްރަކްޗާ ޕްލޭންތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މި ބަލަނީ. އަތޮޅުތަކަށް ރަނގަޅު ވަސީލަތްތަކެއް ނުލިބި މި ވަރުގެ ބޮޑު ކަމެއް ނުކުރެވޭނެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މި ބަލަނީ އެ މަސައްކަތް ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ބޭއްވި ފަހުން އެ މުބާރާތުގެ ފޯމެޓަށް މި ދިޔަ ދެ އަހަރު ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މުސްތަގުބަލުގައި ވެސް މި މުބާރާތަށް ބައެއް ބަދަލު އައުން އެކަށީގެންވާ ކަމަށާއި މި ބަދަލުތައް ގެންނާނީ ޓެކްނިކަލް މީހުންގެ ލަފާ ހޯދުމަށް ފަހު ކަމަށް އެފްއޭއެމުން ބުނެ އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ހޯދި ސ. ފޭދޫ ޓީމު ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ކުޅެފަ އެވެ. އަދި މި އަހަރު ފޯމެޓަށް ގެނައި ބަދަލާ އެކު ޕްރިމިއާ ލީގުން އަތޮޅުތަކުގެ ހަތަރު ޓީމަށް ފުރުސަތު ދިނުން ވެގެންދިޔައީ ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އަތޮޅުތަކުގެ ޓީމުތަކަށް ދިން އެންމެ ބޮޑު ފުރުސަތަށެވެ.