މިފަހަރު ވެސް ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް އައިސް ޓީވީއިން އެޗްޑީކޮށް ދައްކަނީ!


މިއަދު ފަށާ އިންގްލިޝް ޕްރިމިއާ ލީގު (އީޕީއެލް)ގެ ފުލް ސީޒަން އައިސް ޓީވީން ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

އައިސް ޓީވީގެ އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ ސީޒަނުގެ ކަވަރޭޖު މިދިޔަ އަހަރަށްވުރެ ފޯރި ގަދަވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތަޖުރިބާ އަށް ބަލައި ކަންކަން ރަނގަޅު ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއް ވަގުތެއްގައި ދެ މެޗެއް ދައްކާނަމަ، އައިސް ޓީވީން ދައްކާނީ ޓްވިޓާ ޕޯލް އެއް މެދުވެރިކޮށް ނަގާ ވޯޓަކުން އެންމެ ގިނަ މީހުން ބަލަން ބޭނުންވާ މެޗެވެ.

މިއަހަރުގެ ކަވަރޭޖުގައި ކުރީ އަހަރެކޭ އެއްގޮތަށް ވީހާވެސް ބޮޑަށް ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ލައިވް ކަވަރޭޖުގައި ބައިވެރިވެ ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އަދި އައިސް ޓީވީން މެޗްތައް ބަލާ ފަރާތްތަކަށް ވެސް އިނާމު ހޯދުމަށް ފުރުސަތުތައް އޮންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފުޓްބޯޅަ ބަލާ ކޮންމެ މީހަކަށް ވެސް އަޅުގަނޑުމެންގެ ލައިވް ކަވަރޭޖުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި. ވީހާވެސް ބޮޑަށް ފޭނުން ބައިވެރިކޮށްގެން، އިނާމުތައް ލިބޭ ގޮތަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

"ކޮންމެ ތާކު ހުރެގެން ވެސް އަޅުގަނޑުމެންގެ ކަވަރޭޖުގައި ސަޕޯޓަރުންނަށް ބައިވެރިވެވޭނެ. ސަޕޯޓަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރަން. މިދިޔަ އަހަރު ވެސް އައިސް ފެންޓަސީ ޕްރިމިއާ ލީގުގައި 800 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވި،"

ހުރިހާ މެޗެއް އެޗްޑީކޮށް އައިސް ޓީވީން ދައްކާނެ.

މިދިޔަ އަހަރުގެ ކަވަރޭޖުގައި ސަޕޯޓަރުންނަށް ބައިވެރިވާން ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އައިސް ޓީވީން މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ މެޗުތައް ދައްކާފަ އެވެ. އައިސް ޓީވީން ބުނީ އެއީ ރާއްޖޭގެ ލޯކަލް ޓީވީއަކުން މިހާ ބޮޑު މުބާރާތެއް ދެއްކި ފުރަތަމަ ފަހަރު ކަމަށެވެ.

މިއަދު ފަށާ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އާސެނަލް އާއި ލެސްޓާ ސިޓީ އެވެ. މިއަދު އެ މެޗު އެކަނި ކުޅޭއިރު، މާދަމާ ހަތް މެޗެއް ކުޅެން ހަމަޖެހިފައިވެ އެވެ.

މީޑިއާނެޓްގެ ހިދުމަތް ލިބޭ ހުރިހާ ރަށަކަށް ވެސް، ޗެނަލް ނަންބަރު 100 އިން އައިސް ޓީވީ ފެންނާނެ އެވެ. މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް އައިސް ޓީވީން ދެއްކި އެވެ.