ސަންޗޭޒް ހޯދަން ބޮޑެތި ކްލަބްތައް ގަދަހިފުމަކަށް

ލަންޑަން (ޖެނުއަރީ 12) - އާސެނަލަށް ކުޅޭ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ހޯދަން އިނގިރޭސި ބޮޑެތި ކްލަބްތަކުން މަސައްކަތް ފަށައިފި އެވެ.


ސަންޗޭޒް ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ މެންޗެސްޓާ ސިޓީ އެވެ. އެހެން ނަމަވެސް މިހާރު މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޗެލްސީން ވެސް ވަނީ ސަންޗޭޒްގެ ސޮއި ހޯދަން މަސައްކަތް ފަށައިފަ އެވެ.

މި ސީޒަނަށް ފަހު ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ސަންޗޭޒް ވިއްކާލައިގެން ޓްރާންސްފާ ފީއެއް އާސެނަލުން ބޭނުންނަމަ މި މަސް ނިމުމުގެ ކުރިން އޭނާ ވިއްކާލަން ޖެހެ އެވެ. އެހެން ނޫން ނަމަ ސީޒަން ނިންމާލުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ބޭނުން ކްލަބަކަށް ބަދަލުވުމުގެ އިހުތިޔާރު އޭނާ އަށް އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ނުރަސްމީ ގޮތަކަށް ސިޓީ އަށް އަންގާފައިވަނީ ސަންޗޭޒް ގަންނަން 35 މިލިއަން ޕައުންޑުގެ ފީއެއް ދެއްކުމަށެވެ. އެހެން ނަމަވެސް ސިޓީން ބޭނުންވަނީ މި މަހު ސަންޗޭޒް ގަންނަ ނަމަ 20 މިލިއަން ޕައުންޑް ދޭށެވެ. އަދި ސަންޗޭޒަށް ވަކިން ސިޓީން ހުށަހަޅާފައިވަނީ ސީޒަން ނިންމާލުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި އެ ޓީމަށް ބަދަލުވުމަށެވެ. އެ ގޮތަށް ސިޓީ އަށް ބަދަލުވެއްޖެނަމަ އެ ކްލަބުން އޭނާ އަށް ސޮއިކުރާއިރު ބޯނަހެއްގެ ގޮތުގައި ވަނީ 13 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑުން ސަންޗޭޒް ގަންނަން ބޭނުންވަނީ 20 މިިލިއަން ޕައުންޑާއި އެ ޓީމަށް ކުޅޭ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ދިނުމަށް ފަހު އެވެ.

ޔުނައިޓެޑުގެ ހުށަހެޅުމަށް އާސެނަލުން ގަބޫލު ނަމަވެސް ސަންޗޭޒް އެ ކްލަބަށް ބަދަލުވާން ބޭނުމެއް ނުވެ އެވެ. އެހެން ކަމުން ޔުނައިޓެޑަށް ވަނީ ސަންޗޭޒް ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

އިނގިރޭސި ލީގު ކަޕްގެ ފުރަތަމަ ލެގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ސަންޗޭޒް ހޯދުމަށް މަސައްކަތް ކުރަން އެ ކްލަބުގެ ވެރިންނަށް އަންގައިފަ އެވެ. މި ސީޒަނަށް ފަހު އެޑެން ހަޒާޑް ޗެލްސީ ދޫކޮށްލާނެ ކަމަށް ބެލެވިފައިވާއިރު، އެ ކްލަބްގެ އުއްމީދުތަކާ އެއްވަރަށް ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް ނުކުޅެވޭ ކަމަށް ބުނެ މީޑިއާގައި އަންނަނީ ގިނަ ފާޑުކިޔުންތަކެއް އެ ކްލަބަށް އަމާޒުވަމުންނެވެ.

ބާސެލޯނާ އަށް 142 މިލިއަން ޕައުންޑަށް ފިލިއްޕޭ ކުޓީނިއޯ ވިއްކާލުމަށް ފަހު ލިވަޕޫލުން ވެސް އަންނަނީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންނަށް ފާރަލަމުންނެވެ. އެގޮތުން ސަންޗޭޒަކީ ވެސް އެ ޓީމުގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް ލިވަޕޫލުން ބޮޑަށް އިސްކަންދެނީ މޮނާކޯ އަށް ކުޅޭ ފްރާންސްގެ ތޯމަސް ލެމާ އާއި ޝާލްކާ އަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ އަދި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅޭ ޑެނީ ސަބާޔޯސް އަށެވެ.

ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ބުނާގޮތުގައި ސަންޗޭޒް ބަދަލުވާނެ ކަމަށް ބެލެވެނީ ސިޓީ އަށެވެ. ދާދި ފަހުން ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ދިން އިންޓަވިއުއެއްގައި ވެސް ވަނީ ސަންޗޭޒް އެ ކްލަބަށް ބަދަލުވުމުގެ ކަންތައްތައް ނިމިފައިވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. އަދި ސިޓީގެ ކުރިއަށް ކުޅޭ ގަބްރިއެލް ޖީސޫސް އަށް އަނިޔާވެފައިވުމުން މި ވަގުތު އެ ޓީމަށް އިތުރު ފޯވާޑެއްގެ މުހިއްމުކަން ބޮޑެވެ.