ލަންޑަން (ޑިސެމްބަރު 28) - އާސެނަލްގެ ކޯޗު އުނާއި އެމެރީ ފައިން ޖެހި ފުޅިއަކުން ސަޕޯޓަރެއްގެ ގައިގައި ޖެހުނު މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ބުދަ ދުވަހުގެރޭ ބްރައިޓަންއާ 1-1 އިން އެއްވަރުވި މެޗުގައި އެމެރީ ފައިން ޖެހި ފެން ފުޅިއެއް ގޮސް ޖެހުނީ ބްރައިޓަން ސަޕޯޓަރެއްގެ ގައިގަ އެވެ. މެޗު ނިމުމާ އެކު އެމެރީ ވަނީ ގޮސް އެ ސަޕޯޓަރު ކިބައިން މައާފަށް އެދިފަ އެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމެރީ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އެ ފުޅިން އެހާ ބާރަށް ނޫން ވިޔަސް އެ ސަޕޯޓަރެއް ގައިގައި ޖެހުނު. އަހަރެން މެޗު ނިމުމާ އެކު ގޮސް މައާފަށް އެދުނިން. އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫން ވިޔަސް. އަހަރެންގެ އަތުން ވެގެންވާނެ ކަމެއް ނޫން އެއީ. އަހަރެން ދެކެނީ މި ވާހަކަ ދެން ނުދައްކާނެ ކަމަށް،" އެމެރީ ބުންޏެވެ.

ބްރައިޓަން އާއި އާސެނަލް ކުޅުނު މެޗުގެ ރެފްރީ ރިޕޯޓުގައި އެ ވާހަކަތައް ހިމަނާފައިނުވެ އެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން އެ މައްސަލަ ބަލަން ނިންމީ ވީޑިއޯ ފުޓޭޖަށް ބެލުމަށް ފަހު އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އެމެރީ އަށް ޖަވާބުދާރީވާން ފުރުސަތު ދީފައިވަނީ އަންނަ ބުދަ ދުވަހާ ހަމައަށެވެ.

މީގެ ކުރިން މެޗެއްގެ ތެރެއިން ފުޅިއަކު ފައިން ޖެހުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބެންޗަށް ނާދެވޭ ގޮތަށް އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރީ ޖެހި ފުޅިން ސަޕޯޓަރެއްގެ ގައިގައި ޖެހިފައިވާތީ އޭނާ އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައުން ގާތެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ޑައިވްކޮށްގެން ޕެނަލްޓީ ހޯދާފައިވާ ކަމަށް ބުނެ އޭނާ ދެ މެޗަށް ސަސްޕެންޑްކުރަން ރެފްރީ ޕެނަލްގެ އެޑްވައިޒަރު މާކް ހަލްސޭ ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިނގިރޭސި އެފްއޭގެ ޕެނަލުން ނިންމީ ޕެނަލްޓީ ހޯދަން ސަލާހު ޑައިވްކުރިކަން ވީޑިއޯ ބެލުމުން ސާބިތުނުވާ ކަމަށެވެ.

ލީގުގައި ދެން އެންމެ އަވަހަށް އާސެނަލް ކުޅޭ މެޗުގައި މާދަމާރޭ ރަށުންބޭރުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށެވެ.