ލަންޑަން (ނޮވެމްބަރު 29) – އާސެނަލްގެ ކޯޗުކަމުން އުނާއީ އެމެރީ ވަކިކޮށް ވަގުތީ ކޯޗަކަށް 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަދި ކުރީގެ ފޯވާޑް ފްރެޑީ ލިއުންބާގް ހަމަޖައްސައިފި އެވެ.
އާސެނަލްގެ ކޯޗުގެ މަގާމް 22 އަހަރު ވަންދެއް ފުރި އާސެނަލް ވެންގާ ވަކިވުމުން މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމަށް ގެނައި އެމެރީ ފުރަތަމަ ސީޒަނުގައި އެ ޓީމު ޔުރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދިނެވެ. ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގަ އެވެ.
އެކަމަކު މި ސީޒަނުގައި ނަތީޖާތައް ވަރަށް ދަށެވެ. ރޭ ޔުރޮޕާ ލީގުގައި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން އާސެނަލް 2-1 އިން ބަލިވި މެޗަކީ އެ ޓީމު މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ހަތް ވަނަ މެޗެވެ. އަދި އެއީ 1992 ވަނަ އަހަރުގެ ފަހުން އެންމެ ނަތީޖާ ދަށްކޮށް ދިޔަ ދުވަސްވަރެވެ. ލީގުގައި އޮތީ އަށް ވަނައިގަ އެވެ.
ސްޕެއިނުގެ ސެވިއްޔާ އަށް ޔުރޮޕާ ލީގު ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކޮށްދީ އަދި ފަހުން ފްރާންސްގެ ޕީއެސްޖީގައި ތަރިންގެ ސްކޮޑަކަށް ކޯޗުކޮށްދިން އެމެރީ އާސެނަލުން ވަކިކުރީ އެ ކްލަބުން ބުނި ގޮތުގައި ނަތީޖާގެ އިތުރުން ކުޅުން ވެސް ކްލަބުން ގަބޫލުކުރާ މިންގަނޑުގައި ނެތުމުންނެވެ.
އާސެނަލްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ސްވިޑަންގެ ލިއުންބާގް ވަނީ 1998-2007 އަށް އާސެނަލަށް ކުޅެދީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި މެޗަކުން ބަލިނުވެ 2004 ވަނަ އަހަރު ލީގު ކާމިޔާބުކުރުން ހިމެނެ އެވެ.