ލަންޑަން (ނޮވެމްބަރު 29) – ޔުރޮޕާ ލީގުގައި ރޭ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 2-1 އިން އާސެނަލް ބަލިވުމާ އެކު އެ ޓީމުގެ ކޯޗު އުނާއި އެމެރީގެ މަގާމް ގެއްލޭނެކަން ވަރަށް ބޮޑަށް ޔަގީންވެއްޖެ އެވެ.

ރޭގެ މެޗަކީ އާސެނަލަށް މޮޅެއް ނުލިބި ވިދިވިދިގެން ނިންމާލި ހަތް ވަނަ މެޗެވެ. އެ ޓީމު 27 އަހަރު ތެރޭ މިހާ ނަތީޖާ ދަށް ދުވަސްވަރެއް ގޮސްފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެމެރީ މަގާމުން ވަކިކުރާނެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމް 2006 ވަނަ އަހަރު ހުޅުވި ފަހުން މިހާތަނަށް އެންމެ މަދުން ސަޕޯޓަރުން ވަން މެޗަށް ފަހު، ސަޕޯޓަރުން ވަނީ އެމެރީ އާއި ޓީމުގެ ކުޅުންތެރިންނާ މެދު ދެކޮޅުވެރިކަން ފާޅުކޮށްފަ އެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ އެމެރީ ބޭރުކުރަން އެދި ބޯޑުތައް ވެސް އުފުލައިފަ އެވެ.

އެކަމަކު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަގާމާ ބެހޭ ގޮތުން ސުވާލުކުރުމުން އެމެރީ ބުނީ އެކަމާ ނުވިސްނާ ކަމަށެވެ. އެމެރީ ބުނީ އޭނާ ވިސްނަނީ ކުރިއަށް އޮތް މެޗުގައި ޓީމުގެ ހާލަތު ރަނގަޅުކުރެވޭނެ ގޮތަކާ މެދު ކަމަށެވެ.

މި މެޗުން ބަލިވި ނަމަވެސް އަނެއް ބުރަށް ދިއުމަށް އާސެނަލަށް އަދިވެސް ބޮޑު ފުރުސަތެއް އެބައޮތެވެ. އެ ޓީމު 10 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތުމުން މާނައަކީ، ފަހު މެޗުގައި ބެލްޖިއަމްގެ ސްޓެންޑަޑް ލީގް އަތުން ބޮޑު ތަފާތަކުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ އަނެއް ބުރަށް ދެވުމެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އޮތީ ފްރެންކްފަޓެވެ. ސްޓެންޑަޑް ލީގް ހަތް ޕޮއިންޓާ އެކު ތިން ވަނައިގައިއިރު ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ ޕޯޗުގަލްގެ ވިޓޯރިއާ ޑި ގުއިމަރޭސް އެވެ.

ރޭގެ މެޗުގައި އާސެނަލުން 45 ވަނަ މިނެޓުގައި ކެޕްޓަން ޕިއެރޭ އެމެރިކް އޯބަޔަމަންގެ ގޯލުން ލީޑު ނެގި އެވެ. ބަލިވީ ފްރެންކްފަޓުގެ ޖަޕާން މިޑްފީލްޑަރު ޑައިޗީ ކަމާޑާ ދެ ވަނަ ހާފުގެ ކުރީކޮޅު ވައްދާލި ދެ ލަނޑުންނެވެ.