ލަންޑަން (މެއި 2) - އާސެނަލާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށް އެ ކްލަބްގެ ތާރީހުގައި އާ ސޮފްހާއެއް ލިޔަން ބޭނުންވާ ކަމަށް ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
އާސެނަލަށް މިހާތަނަށް ޔޫރަޕްގެ ޝަރަފްވެރި ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކުރެވިފައިނުވެ އެވެ. އެ ޓީމުގެ ތާރީހުގައި މިހާތަނަށް ކާމިޔާބު ކުރެވުނު ހަމައެކަނި ޔޫރަޕްގެ މުބާރާތަކީ 1994 ވަނަ އަހަރުގެ ޔުއެފާ ކަޕް ވިނާސް ކަޕް އެވެ. އެމެރީ އަކީ ޔުރޮޕާ ލީގު ސެވިއްޔާއާ އެކު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
މި ފަހަރުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލް ނުކުންނާނީ އެމެރީ ކުރިން ކޯޗުކޮށްދިން ވެލެންސިއާއާ ދެކޮޅަށެވެ.
އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމަށް އާސެނަލަށް މިހާރު އަމިއްލަ ބާރެއް ނެތެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމަށް ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް ލިބޭއިރު، އެމެރީގެ އަމާޒު މިހާރު ހުރީ ޔޫރޮޕާ ލީގަށެވެ.
"އަހަރެން ބޭނުން އާސެނަލްގައި ތާރީހުން ޖާގަ ހޯދަން. މި ޓީމު ގޮވައިގެން ޔޫރޮޕާ ލީގު ކާމިޔާބުކުރަން. އެއީ ޗެމްޕިއަންސް ލީގަށްދާން ވެސް ހުޅުވިގެންދާނެ ދޮރެއް. އެކަން ކުރެވޭނީ ސަޕޯޓަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން. ޔޫރޮޕާ ލީގުގެ ސެމީ އަށް އާސެނަލް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުންޏެވެ.
ސެވިއްޔާއާ އެކު ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި އެމެރީ ވަނީ 2008 އިން 2012 އަށް ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭރު އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގުގައި ވާދަކޮށްފަ އެވެ. އަދި ތިން އަހަރު ސްޕެއިނު ލީގުގެ ތިން ވަނަ ވެލެންސިއާ އަށް ހޯދައިދިނެވެ. ވެލެންސިއާ ސަޕޯޓަރުންގެ މެދުގައި އެމެރީއާ މެދު ހިތްހަމަނުޖެހުންތައް އުފެދުނީ ސެވިއްޔާގެ ކޯޗަކަށް ހުރެ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިން ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ.
"އަހަރެން އަބަދުވެސް ވެލެންސިއާ އަށް އިހުތިރާމް ކުރާނަން. ކުރިން ބުނެވިފައި ހުންނަ ވާހަކަތަކަކީ މާޒީވެފައިވާ ކަންތައްތައް،" އެމެރީ ބުންޏެވެ.
އަނިޔާގެ ސަބަބުން އާސެނަލްގެ ޑެނިސް ސުއަރޭޒާއި އާރޮން ރަމްސޭ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ. މި ސީޒަނަށް ފަހު ރަމްސޭ އާސެނަލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވާން ނިންމާފައިވާއިރު، އެމެރީ ވަނީ ރަމްސޭ އެ ޓީމަށް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ސީޒަނުގެ ފަހު މެޗުތަކުގައި ރަމްސޭ އަށް ނުކުޅެވުމަކީ ލިބުނު ގެއްލުމެއް ކަމަށް އެމެރީ ބުންޏެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.