ލަންޑަން (ފެބްރުއަރީ 21) - އަނިޔާ އާއި އެހެނިހެން ސަބަބުތަކާ ހުރެ ފޯމު ގެއްލިފައިހުރި އާސެނަލްގެ ތަރި މެސުޓް އޮޒިލް ފެންވަރު ސާބިތުކުރަން ޖެހޭކަމަށް ބުނެ އޭނާ އަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ޗެލެންޖުކޮށްފި އެެވެ.
އާސެނަލުން އޮޒިލްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ. އޮޒިލް ކޮންޓްރެކްޓް އާ ކުރި އެންމެ ބޮޑު ސަބަބަކީ އޭރު އާސެނަލުގެ ކޯޗަކަށް ހުރި އާސެން ވެންގާއާ އެކު މަސައްކަތްކުރަން ބޭނުންވުމެވެ. އެކަމަކު އޭގެ ފަހުން ވެންގާ ވަނީ މިދިޔަ ސީޒަނަށް ފަހު އާސެނަލް ދޫކޮށްލައިފަ އެވެ.
ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ އުމުރުން 30 އަހަރުގެ އޮޒިލްގެ އެއްބަސްވުން އާ ކުރުމަށް ފަހު އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ އެންމެ ބޮޑު ސަބަބަކީ މާ ފަސޭހަކޮށް އުޅެން ބޭނުންވުން ކަމަށް ބުނެފަ އެވެ. އަދި އޮޒިލަށް އޭރު އާސެނަލްގެ އެންމެ ބޮޑު މުސާރަ ހުށަހެޅީ ގިނަ ސަބަބުތަކަކަށް ބެލުމަށް ފަހު ކަމަށާއި އެކަމަކު އޭގެން އެންމެ ބޭނުންވާ ފައިދާއެއް އަދި ކްލަބަށް ނުކުރާ ކަމަށް ބުންޏެވެ.
މި ސީޒަނުގައި ތަފާތު ސަބަބުތަކާ ހުރެ އާސެނަލްގެ ގިނަ މެޗުތަކުން އޮޒިލް ނުފެނެ އެވެ. އެމެރީ ބުނީ އޭނާ ޓީމު ނަގަނީ ފިޓްނަސް އާއި ޓްރެއިނިންގެ އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު ކަމަށާއި އޮޒިލް އަށް ވެސް އޭނާގެ ޓީމުން ފުރުސަތު ލިބޭނީ ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށެވެ.
"މީގެ ފުރުސަތު އޮތީ އޮޒިލް އަތުގައި. މި ހަފްތާގައި އޮޒިލް އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން. އަހަރެން އޮޒިލްއާ ބައްދަލުކޮށް އޭނާ އަށް އަންގައިފިން ގަވާއިދުން ޓީމުގައި ހިމެނެން ބޭނުންނަމަ ބުރަކޮށް މަސައްކަތް ކުރަން. މިއީ އޭނާ އަށް އޮތް ޗެލެންޖް،" މިރޭ ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ބެލަރޫސްގެ ބޭޓް ބޮރިސޯފްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެމެރީ ބުންޏެވެ.
މިދިޔަ ހަފްތާގައި ބޭޓް އަތުން އާސެނަލް 1-0 އިން ބަލިވެފައިވާއިރު، މިރޭ އަމިއްލަ ދަނޑުގައި އާސެނަލަށް ވަނީ ނަތީޖާ އަނބުރާލަން މަޖުބޫރުވެފަ އެވެ. އާސެނަލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މިރޭގެ މެޗަށް ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް ސަސްޕެންޑްވެފައިވުމެވެ.
"އަހަރެމެންނަށް އަމިއްލަ ދަނޑުގައި ކުޅޭއިރު ސަޕޯޓަރުންގެ އެހީގައި ނަތީޖާ އަނބުރާލެވޭނެ. މި ޓީމުގައި އެ ފެންވަރު އެބަހުރި. ނުވަދިހަ މިނިޓަކީ އާސެނަލް ދަނޑުގައި ވަރަށް ގިނަ ވަގުތު،" އުއްމީދުގައި ހުރެ އެމެރީ ބުންޏެވެ.
ފުރަތަމަ ލެގުގައި ބާޓޭއާ ދެކޮޅަށް ނުކުތް ސްކޮޑުގައި އޮޒިލަށް ފުރުސަތު ނުދެ އެވެ. އެކަމަކު މިރޭގެ މެޗުގައި އޮޒިލް ބޭނުންކުރާނެ ކަމަށް އެމެރީ ވަނީ ބުނެފަ އެވެ. އާސެނަލްގެ ދަނޑުގައި ބާޓޭއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:00 ގަ އެވެ.