ލަންޑަން (ޑިސެމްބަރު 22) - އާސެނަލުގެ ޖަރުމަނުގެ މިޑްފީލްޑަރު މެސުތު އޮޒިލް އަންނަ މަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ޖެހިޖެހިގެން 22 މެޗު ބަލިނުވެ ހަމަކުރި އާސެނަލް ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. މިދިޔަ ހަފްތާގައި ރެލިގޭޝަނުގައި އޮތް ސައުތެމްޓަން އަތުން ބަލިވިއިރު، ބުދަ ދުވަހުގެ ރޭ ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން 2-0 އިން ބަލިވެ ލީގު ކަޕުން ކަޓައިފަ އެވެ.
ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އޮޒިލް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްއިރު، ޓޮޓެންހަމް މެޗުގައި އޮޒިލް ނުފެނެ އެވެ. އެމެރީ އެ މެޗަށް ފަހު ބުނީ އޮޒިލް ބޭނުންނުކުރީ ޓެކްޓިކަލް ސަބަބުތަކެއްގެ ހުރުމުން ކަމަށެވެ.
ފަހަކަށް އައިސް އެމެރީގެ ޓީމުން އޮޒިލަށް ފުރުސަތު ނުލިބޭތީ އޭނާގެ ހިތްހަމަ ނުޖެހުންތަކެއް އެބަހުރި ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އަދި އޮޒިލް އާސެނަލް ދޫކޮށްލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ،
"އަހަރެން ހުރިހާ ކުޅުންތެރިން ބޭނުންވަނީ ރަނގަޅު ވިސްނުމެއްގައި ހުރެ ޓީމަށް އެހީވެދޭން. އޮޒިލަށް އެ ވިސްނުމުގައި އޭނާގެ ކޮލިޓީ ބޭނުންކޮށްގެން އަހަރެމެންނަށް ތަފާތެއް ގެނެވޭނެ. އަހަރެމެން އޭނާ ބޭނުން،" އެމެރީ ބުންޏެވެ.
އޮޒިލް މެޗުތަކުގައި ބޭނުންނުކުރާތީ އޭނާ ހިތްހަމަ ނުޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް އެމެރީ ވަނީ ޖަވާބު ދީފަ އެވެ.
"ނުކުޅެ ތިބޭ ކޮންމެ ކުޅުންތެރިއަކު ވެސް ހުންނާނެ ހިތްހަމަނުޖެހުންތަކެއް. އެއީ ޔަގީންކަމެއް. ފުރުސަތު ދޭނަން ހުރިހާ ކުޅުންތެރިންނަށް ވެސް. ކޮންމެ ކުޅުންތެރިއަކު ވެސް ޓީމަށް ވެވުނު ގޮތަކުން އެހީވުން އޮތީ. އަހަރެން އޮޒިލް ގާތުގައި ބުނިން އޭނާގެ މުހިއްމުކަން މި ޓީމަށް އޮތް ވާހަކަ. ރަނގަޅު ވަގުތުތަކުގައި އޭނާގެ އެހީ ބޭނުންވާނެ،" ކުރިން ސެވިއްޔާ އާއި ޕީއެސްޖީގައި ކާމިޔާބީތަކެއް ހޯދި އެމެރީ ބުންޏެވެ.
އާސެނަލުން އޮޒިލްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭގެ ކުރިން އޮޒިލްގެ މުސްތަގުބަލާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނު ގައުމީ ޓީމުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ އެ ޓީމަށް ކުޅުން ހުއްޓާލި އޮޒިލް ވަނީ މި ސީޒަނުގައި އާސެނަލްގެ ކެޕްޓަން ބޭންޑް އަޅައިގެން ބައެއް މެޗުތަކުގައި ކުޅެފަ އެެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިއަދު ހަވީރު ރާއްޖެ ގަޑިން 17:30 ގައި ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.