ލަންޑަން (ޖުލައި 25) - ނަސްލީ ތަފާތު ކުރުންތަކާއި ޒާތީ ސަބަބުތަކަކާ ހުރެ ޖަރުމަނު ގައުމީ ޓީމަށް ދާދި ފަހުން ކުޅުން ހުއްޓާލި މިޑްފީލްޑަރު މެސުތު އޮޒިލް އަށް އޭނާގެ ކްލަބް އާސެނަލުން ފުރިހަމަ އަށް ހިމަޔާތް ދޭނެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރަން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އޭނާއާ މެދު ވަރަށް ބޮޑަށް ނަސްލީ ތަފާތު ކުރުންތައް އޮތުމާއި ޖަރުމަނު ފެޑެރޭޝަނުން އޭނާއާ މެދު އިހުތިރާމް ކުޑަކޮށް ދެކޭތީ ދެން ޖަރުމަނު ޓީމަށް ކުޅެން ބޭނުމެއް ނުވާ ކަމަށެވެ. އޮޒިލާ މެދު ނަސްލީ ތަފާތު ކުރުންތައް ޖަރުމަނުން ގެންގުޅެން ފެށީ ވޯލްޑް ކަޕް ފެށުމުގެ އެއް މަސް ކުރިން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު އޮޒިލާއި ޖަރުމަނުގެ ކުޅުންތެރިއާ އިލްކާއި ގުންޑޮގާން ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ.
އެ ބައްދަލުވުމުގައި އޮޒިލް ވަނީ އޭނާގެ ނަން ޖަހާފައިވާ އާސެނަލްގެ ޖޯޒީއެއް އުރުދުގާނަށް ހަދިޔާކޮށްފަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓިއިރު، ގިނަ ބަޔަކު އެކަމުގެ ޒިންމާ އެޅުވީ އޮޒިލް ބޮލުގަ އެވެ. ފާޑުކިޔުންތައް ގިނަވެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އޮޒިލް ނިންމުމުން އޭނާގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ޖަރުމަނު ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އޮޒިލްގެ އާއިލާ ނިސްބަތްވާ ތުރުކީގެ ރައީސް އުރުދުގާން ވެސް ވަނީ އޮޒިލް އަށް ސަޕޯޓް އޮތް ކަމަށް ވިދާޅުވެފަ އެވެ.
އުމުރުން 29 އަހަރުގެ އޮޒިލް ވަނީ ދާދި ފަހުން އާސެނަލްގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެެ. އާސެނަލްގެ ކޯޗު އެމެރީ ބުނީ އޮޒިލަށް އެ ޓީމުން ހުރިހާ ގޮތަކުން އެހީތެރިވާނެ ކަމަށެވެ.
"އާސެނަލްގެ ހުރިހާ ކުޅުންތެރިން އޮޒިލް އަށް އެހީވާނެ. އޭނާ އަކީ އާސެނަލްގެ އާއިލާގެ މީހެއް. މި ޓީމަކީ ވެސް އެއް އާއިލާއެއް. އަހަރެމެން އޮޒިލް އަށް ހިމާޔަތް ދޭނަން. އަދި އޭނާގެ ކޮންމެ ނިންމުމަކަށް އިހުތިރާމްކޮށް ސަޕޯޓް ވެސް ދޭނަން،" މި ސީޒަނުގައި އާސެނަލާ ހަވާލުވި އެމެރީ ބުންޏެވެ.
އެމެރީގެ އިތުރުން އާސެނަލަށް ކުޅޭ ތަޖުރިބާކާރު ކީޕަރު ޕެޓަ ޗެކް ވެސް ވަނީ މި ހުރިހާ ފާޑުކިޔުންތަކާ ކުރިމަތިލުމަށް ފަހު އަވަހަށް ޕްރީ ސީޒަންގެ ޕްރެކްޓިސްތަކުގައި ބައިވެރިވީތީ އޮޒިލަށް މަރުހަބާ ކިޔައިފަ އެވެ.
އާސެނަލް ޕްރީ ސީޒަނުގައި ދެން އެންމެ އަަަވަަހަށް ކުޅޭ މެޗުގައި އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މާދަމާ ވާދަކުރާނީ އެތުލެޓިކޯ މެޑްރިޑާ އެވެ. އެމެރީ ވަނީ މި މެޗުގައި އޮޒިލް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.