ލަންޑަން (ސެޕްޓެމްބަރު 19) - އާސެނަލްގެ ކެޕްޓަނެއް ހޮވުމަކީ މިހާރު އޮތް ހާލަތުގައި ކުރަން ފަސޭހަކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

އާސެނަލްގެ ކެޕްޓަން ބޭންޑް އަޅައިގެން އެންމެ ފަހުން ކުޅުނު ފްރާންސްގެ ޑިފެންޑަރު ލޯރެންޓް ކޮޝިއެލްނީ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮށްލައިފަ އެވެ. ކްލަބް ބަދަލުކުރަން ބޭނުންވާތީ ކޮޝިއެލްނީ ވަނީ އާސެނަލްގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިވަން ދެކޮޅު ހަދައިފަ އެވެ. އެހެންވެ އާސެނަލުން އެންމެ ފަހުން އޭނާ ފްރާންސްގެ ބޯޑޯ އަށް ވިއްކާލީ އެވެ.

އާސެނަލްގެ ކެޕްޓަން ބޭންޑް އަޅައިގެން މި ސީޒަނުގައި ކުޅެނީ ސްވިޒަލެންޑްގެ ގްރޭނިޓް ޝާކާ އެވެ. އެ ނިންމުމަށް އާސެނަލްގެ ގިނަ ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ޔޫރޮޕާ ލީގުގައި މިރޭ ރަށުން ބޭރުގައި ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުނީ ކެޕްޓަނެއް ހޮވުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށާއި ޓީމުގެ ކެޕްޓަނުން އަންނަ ހަފްތާގައި އިއުލާނުކުރާނެ ކަމަށެވެ.

"މިއީ ފަސޭހަކަމެއް ނޫން. މި ފަދަ ކްލަބެއްގައި ހުންނަ ކެޕްޓަނެއް ވާންޖެހޭނެ ހުރިހާ ގޮތަކުން ވެސް ލީޑަރަކަށް. އަންނަ ހަފްތާ ތެރޭގައި އާ ކެޕްޓަނެއް އިއުލާނުކުރާނަން. މިފަދަ އުނދަގޫ ކަމެއް ކުރަން ޖެހުމުން ވަރަށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި،" ކުރިން ސެވިއްޔާ އާއި ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.

އާ ކެޕްޓަނެއް ހޮވަން މިރޭ ޔޫރޮޕާ ލީގުގައި ފްރޭންކްފާޓާއި ދެކޮޅަށް ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު އެސްޓަން ވިލާއާ ބައްދަލުކުރާ މެޗުގެ އިތުރުން އަންގާރަ ދުވަހު ގަރަބާއޯ ކަޕްގައި ކުޅޭ މެޗުގައި ކުޅުންތެރިންގެ ކުޅުމަށް ވަރަށް ރަނގަޅަށް ބަލާނެ ކަމަށް އެމެރީ ބުންޏެވެ.

މި ސީޒަން ފެށުމުގެ ކުރިން އެމެރީ ބުނީ އާ ކެޕްޓަނެއްގެ ރޯލަށް ފިޓްވާނެ ކުޅުންތެރިން އެ ކްލަބްގައި ގިނަ ކަމަށާއި އޭގެ ތެރޭގައި ޝާކާގެ އިތުރުން މެސުޓް އޮޒިލް އަދި ނަޗޯ މޮންރެއާލް ހިމެނޭ ކަމަށެވެ. މީގެ ތެރެއިން މޮންރެއާލް ވަނީ ދާދި ފަހުން ރެއާލް ސޮސިއެޑާޑަށް ބަދަލުވެފަ އެވެ.