ލަންޑަން (ފެބްރުއަރީ 11) - އޭނާ ހަވާލުވިއިރު އާސެނަލް އޮތީ ގޯސް ފައްތަރެއްގައި ކަމަށާއި ހާލަތު ބަދަލުކުރަން އެކަށީގެންވާ ވަގުތު ވެސް ނުލިބޭ ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
އާސެނަލްގެ ކޯޗުގެ މަގާމް 22 އަހަރު ވަންދެއް ފުރި އާސެނަލް ވެންގާ ވަކިވުމުން މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމަށް ގެނައި އެމެރީ ފުރަތަމަ ސީޒަނުގައި އެ ޓީމު ޔުރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދިނެވެ. ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގަ އެވެ. އާސެނަލްގެ ކޯޗުކަމުން އެމެރީ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅުގަ އެވެ. އެމެރީގެ ބަދަލުގައި މިހާރު އާސެނަލަށް ކޯޗުކޮށްދެނީ އެ ޓީމުގެ ކުރީގެ ކެޕްޓަން މިކޭލް އާޓެޓާ އެވެ.
ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް އެމެރީ އަށް އާސެނަލްގައި ލިބުނީ 18 މަސް ދުވަހެވެ. ކުރިން ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން އެމެރީ ބުނީ އާސެނަލް ކަހަލަ ޓީމެއްގައި ކަންތައްތައް ބަދަލުކުރެވޭނީ ވަގުތު ލިބިގެން ކަމަށެވެ.
"އާސެނަލް ގޯސް ފައްތަރެއްގައި އޮންނަތާ ދެ އަހަރުވެފައި އޮއްވައި އަހަރެން ވެސް ހަވާލުވީ. އަދިވެސް ކަންތައްތައް ބަދަލުވުމުގެ މަރުހަލާއެއް އެ ދަނީ. ހުރި މައްސަލަތަކަށް ވަގުތީ ގޮތުން ހައްލެއް ހޯދައި އަހަރެން އެ ޓީމާ އެކު ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދިނިން. ލީގުގެ ފަސް ވަނައިގައި ނިންމުނީ. ޔަގީނުންވެސް އަހަރެމެން އަތުގައި ގަދަ ހަތަރަކަށް ވަނުމުގެ ބާރު ވަރަށް ފަހަކާ ޖެހެންދެން އޮތް،" ފްރާންސް ފުޓްބޯލް އަށް އެމެރީ ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"އަހަރެން ވަގުތު ބޭނުންވީ އަހަރެން ބޭނުންވި އާ އާސެނަލް ބިނާކުރަން. އޭގެ މަންޒަރު އަހަރެން ދިޔައީ ކުރަހަމުން. އެކަމަކު ވަކި ހިސާބަކުން މަސައްކަތް ޖެހުނީ ހުއްޓާލަން."
އެމެރީ ބުނީ މި ސީޒަން ފަށަން ޖެހުނުއިރު ޓީމު ގޯސް ފައްތަރަކަށް ދިޔައީ ހަތަރު ކެޕްޓަނުން ގެއްލުމުންނެވެ. އެއީ ފުޓްބޯޅަ އިން ރިޓަޔާކުރި ގޯލްކީޕަރު ޕެޓަ ޗެކާއި ޔުވެންޓަސް އަށް ބަދަލުވި އާރޮން ރަމްސޭ އާއި ބޯޑޯއާ ގުޅުނު ލޯރެންޓް ކޮޝިއެލްނީ އަދި ސޮސިއެޑާޑަށް ސޮއިކުރި ނަޗޯ މޮންރެއާލް އެވެ.
"ހަތަރު ކެޕްޓަނުން ގެއްލުމުން ވަރަށް އުނދަގޫވި. ދެން ޓީމުގައި ހުރި ބައެއް ކުޅުންތެރިންގެ ކަންތައްތައް ހުރީ އެންމެ ރަނގަޅަކަށް ނޫން. ޓީމަށް ކޮށްދޭ ކަންތައްތައްތަކަށް ވުރެ ކްލަބުން އެ ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަންތައްތައް އިތުރުކުރަން ޑިމާންޑްކުރާ ކުޅުންތެރިން ގިނަ،" އެމެރީ ބުންޏެވެ.
އެމެރީ ބުނީ ކްލަބްގެ ހާލަތު ބަދަލުކުރަން އާސެނަލުން އެންމެ ބޮޑަށް ކުރަން ޖެހޭނީ ކުޅުންތެރިން ރަނގަޅު ވިސްނުމެއްގައި ބެހެއްޓުން ކަމަށެވެ.
ސެވިއްޔާ އަށް ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގުގައި ކޯޗުކޮށްދިން އެމެރީ މި ވަގުތު ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އެމެރީ އަށް އެވަޓަންއާ ހަވާލުވާން ލިބުނު ފުރުސަތު ދޫކޮށްލީ އަމިއްލަ ސަބަބަކާ ހުރެ އެވެ. އެމެރީ ބޮޑަށް ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭށެވެ.