ޔުނައިޓެޑްގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

މެންޗެސްޓާ (މޭ 27) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.


މީޑިއާ ރިޕޯޓްތައް ބުނާގޮތުން ތިން ދުވަހުގެ މަޝްވަރާތަކަށް ފަހު މޮރީނިއޯ ވަނީ މިއަދު ޔުނައިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ޔުނައިޓެޑުން ރަސްމީކޮށް އަދި މިކަން އިއުލާންކޮށްފައިނުވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މޮރީނިއޯ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން އެ ޓީމުގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސީ ފާއިތުވި ދެ އަހަރު އެ ޓީމަށް ކޯޗުކޮށްދިން ނެދަލެންޑްސްގެ ލުއީ ވެން ހާލް ވަކިކުރުމަށްފަހު އެވެ. ވެން ހާލް މި ސީޒަނުގައި ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ނަމަވެސް އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑްގެ ކުޅުން ވަނީ ދަށްވެފަ އެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއީ ވެން ހާލް އާއި މޮރީނިއޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުން ވަނީ މީގެ ކުރިން ވެސް އެ ޓީމުގެ ކޯޗަކަަށް މޮރީނިއޯ ގެންނަން މަސައްކަތް ކޮށްފަ އެވެ. އެއީ 2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން އެލެކްސް ފާގަސަން ވަކިވުމުންނެވެ. އެހެން ނަމަވެސް އެ ފަހަރު މޮރީނިއޯ ނިންމީ ޗެލްސީއާ ހަވާލުވުމަށެވެ. ޔުނައިޓެޑުން އެ ޓީމު ހަވާލުކުރީ ޑޭވިޑް މޮއިސްއާ އެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން މޮއިސް ވަކިކުރުމުން ބާކީ މެޗުތަކުގައި އެ ޓީމަށް އިރުޝާދު ދިނީ ރިޔާން ގިގްސް އެވެ.

މޮރީނިއޯ ޗެލްސީ ކޯޗުކަމުން ވަކިކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭނާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު، އެ ޓީމަށް ސީޒަނުގެ ބާކީބައި އިރުޝާދު ދިނީ ގޫސް ހިޑިންކެވެ.

މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމުން އޭނާ އަށް އެޓީމުގެ ކުރީގެ ތަރިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި ޕޯލް ސްކޯލްސް އާއި ރިއޯ ފާޑިނަންޑް ހިމެނެ އެވެ.

ޔުނައިޓެޑަކީ މޮރީނިއޯގެ ކެރިއަރުގައި އޭނާ ކޯޗުކޮށްދޭ އަށް ވަނަ ކްލަބެވެ. އޭނާ ވަނީ ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓައާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.