މެސީގެ ތަފާތު މޮޅު ކުޅުމަކާ އެކު ބާސާ އިން ސެވިއްޔާ ބަލިކޮށްފި

ސެވިލް، ސްޕެއިން (ފެބްރުއަރީ 24) - ލިއޮނަލް މެސީގެ ކެރިއަރުގައި ހެދި 50 ވަނަ ހެޓްރިކާ އެކު ބާސެލޯނާ އިން ރޭ ސްޕެނިޝް ލީގުގައި ފަހަތުން އަރައި 4-2 އިން ސެވިއްޔާ ބަލިކޮށްފި އެވެ.


މި މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. އެތުލެޓިކޯ މިރޭ ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.

ރޭގެ މެޗު ފަށައިގެން 22 ވަނަ މިނިޓްގައި އަމިއްލަ ދަނޑުގައި ކުޅުނު ސެވިއްޔާ އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ޖޭސުސް ނަވާސް އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ތެރެއިން މެސީ ޖެހި ހިތްގައިމު ވޮލީއަކުން ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން ސެވިއްޔާ އަށް ލީޑުނަގައިިދިނީ އާޖެންޓީނާގެ ފުލްބެކް ގަބްރިއެލް މަކާޑޯ އެވެ.

ދެ ވަނަ ހާފަށް ބާސެލޯނާ އިން ނުކުތީ އޮސްމާން ޑެމްބެލޭ ކުޅެން އަރުވައިގެންނެވެ. މެޗުގެ 67 ވަނަ މިނިޓްގައި މެސީ ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖަހައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށެވެ.

މެޗުގެ އިތުރު ވަގުތުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ. ރޭގެ ލަނޑުތަކާ އެކު ސްޕެނިޝް ލީގުގެ ރަން ބޫޓުގެ ރޭހުގައި މެސީ ކުރީގައި އުޅެނީ 25 ގޯލާ އެކު އެެވެ.

"އަބަދު އެންމެ މޮޅަކަށް ނުކުޅެވޭނެ ޓީމަކަށް. ބައެއް ފަހަރު ޖެހޭނެ މެޗުގައި ނުކުންނަ ކޮންމެ ހާލަތަކަށް ތައްޔާރުވާން. މި މެޗުގައި އަހަރެމެން ކުރިމަތިވި ޕްރެޝަރުތަކަށް ވަރަށް ރަނގަޅަށް ކުރިމަތިލައިފި. މިއީ އެގޮތުން ބަލާއިރު ވަރަށް ރަނގަޅު މެޗެއް،" ރޭގެ މެޗަށް ފަހު މެސީ ބުންޏެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް ދެ މެޗުގެ ކުރިން މިއީ ބާސެލޯނާ އިން ކުރިމަތިލި ރަނގަޅު ޓެސްޓެއް ކަމަށާއި މި މެޗުގައި ދެއްކި ހިތްވަރުގެ ފައިދާ ކުރިއަށް އޮތް މެޗުތަކުގައި ކުރާނެ ކަމަށެވެ.