އަރާމުކުރަން މެސީ ބޭނުމެއްނުވި: ވަލްވޭޑޭ

ބާސެލޯނާ (މާޗް 10) - ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު އޮއްވައި ސްޕެނިޝް ލީގުގައި ރޭ 3-1 އިން ރަޔޯ ވަޔެކާނޯ އަތުން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ލައްވައި ކުޅުވީ އޭނާ ވެސް އަރާމުކުރަން ބޭނުންނުވުމުން ކަމަށް ބާސެލޯނާ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.


ރޭގެ މެޗުތަކަށް ފަހު ބާސެލޯނާ އެއް ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް އެވެ. އެތުލެޓިކޯ ރޭ ކުޅުނު މެޗުގައި ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި ކުޅެ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ލެގަނޭސް އަތުން މޮޅުވެފަ އެވެ. އެތުލެޓިކޯ މުހިއްމު ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިނީ އަންގާރަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗު އޮތުމުންނެވެ.

ވަލްވޭޑޭ ބުނީ އެހެން ޓީމުތަކުން ކަންތައް ކުރާގޮތް ބާސެލޯނާ އިން ނުބަލާނެ ކަމަށާއި އެ ޓީމުގައި ގޮތް ނިންމާނީ ކުޅުންތެރިންނާއި އެންމެން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"ވަކި ޓީމަކުން ކުޅުންތެރިންނަށް އަރާމް ދީގެން ކުޅުނަސް އަހަރެމެން އެގޮތަށް ކަންކުރުން މުހިއްމެއް ނޫން. ބާސެލޯނާގައި ގޮތް ނިންމާނީ ކުޅުންތެރިންނާއި މަޝްވަރާ ކޮށްފައި. މެސީ އާއި ސުއަރޭޒް ބޭނުންވި މި މެޗުގައި ކުޅެން. މިއީ ޗެމްޕިއަންސް ލީގު މެޗު ފަސޭހަކޮށް ނެގުމެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ ވަނަ ލެގުގެ މެޗުތަކުގައި ނަތީޖާތައް ނުކުތްގޮތުން ބާސެލޯނާ އަށް އަމިއްލަ ދަނޑުގައި ކުޅުނަސް ފަސޭހަކޮށްލެވެން ނެތް ކަމަށް ވަލްވޭޑޭ ގަބޫލުކުރެ އެވެ.

"ބޮޑެތި މެޗުތަކެއްގައި ނަތީޖާ އެނބުރިގެންދިޔަ ގޮތް އަހަރެމެންނަށް ފެނިއްޖެ. އަހަރެމެން އެކަން ތަޖުރިބާ ވެސް ކޮށްފިން. އަހަރެމެން މި މުބާރާތުގެ އެއްވެސް މެޗެއް ފަސޭހަވާނެ ކަމަށް އެއްވެސް އިރެއްގައި ގަބޫލެއް ނުކުރަން. ކޮންމެ މެޗަކީ ވެސް ފައިނަލެއްގެ ނަޒަރުން ކުޅޭނީ،" ވަލްވޭޑޭ ބުންޏެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކުރީ މެސީ އާއި ސުއަރޭޒްގެ އިތުރުން ޖެރާޑް ޕީކޭ އެވެ. ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި މެސީ 26 ގޯލާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އެ ޓީމުގެ ސުއަރޭޒް ވަނީ 17 ގޯލު ޖަހައިފަ އެވެ.