ރޮނާލްޑޯ އާއި މެސީގެ އެނބުރި އައުން އުފާވެރިއެއް ނޫން

ލަންޑަން (މާޗް 23) - މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މަޝްހޫރު ދެ ތަރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ގައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.


ވެނެޒުއޭލާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ މެޗުން ބަލިވީ 3-1 އިންނެވެ. ޔޫރޯ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅުނު އާޖެންޓީނާއާ ދެކޮޅަށް ވެނެޒުއޭލާ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމަށް މެޗުގެ ހަ ވަނަ މިނިޓްގައި ލީޑުނަގައިދިނީ ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް ސޮލޮމަން ރޮންޑޮން އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޯން މުރީޔޯ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި އާޖެންޓީނާ އިން ކުޅުން ރަނގަޅުކޮށް މެޗުގެ 59 ވަނަ މިނިޓްގައި ލަނޑު ޖެހި އެވެ. މި ގޯލު ކާމިޔާބުކުރީ އިންޓަ މިލާނުގެ ފޯވާޑް ލަޓާއުރޯ މާޓިނޭޒް އެވެ. މި މެޗަށް ނެގި ސްކޮޑުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ޗެލްސީގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ބާކީކޮށްފަ އެވެ.

ރޭގެ މެޗުގައި ވެނެޒުއޭލާ އިން ޖެހި ފަހު ގޯލު ކާމިޔާބުކުރީ މެޗު ނިމެން ފަނަރަ މިނިޓަށް ވެފައި ހުއްޓައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ޖޯސެފް މާޓިނޭޒް އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެސީގެ އުކުޅު ވަޅަށް ލިބުނު އަނިޔާގެ ސަބަބުން، މޮރޮކޯ މެޗުގައި އޭނާ ނުކުޅޭނެ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މެސީ ގައުމީ ޓީމާ ދުރަށް ޖެހިލީ އަމިއްލަ ސަބަބަކާ ހުރެ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ޔޫކްރޭނާ ދެކޮޅަށް ޕޯޗުގަލް އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޕޯޗުގަލް އިން 18 ޝޮޓް ފޮނުވާލިއިރު، އެންމެ ގޯލެއް ވެސް ކާމިޔާބު ނުކުރެވުނެވެ. ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު އަމިއްލަ ސަބަބަކާ ހުރެ ރޮނާލްޑޯ، އެންމެ ފަހުން ޕޯޗުގަލް ކުޅުނު ހަ މެޗުގައި ބައިވެރިނުވެ އެވެ. ރޭގެ މެޗުގައި އޭނާ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.