ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނަމުގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް މުއާމަލާތު ކުރަމުން އަންނަ ކަމަށާއި އެކަން އިސްލާހުނުކޮށްފިނަމަ ގަނޫނާ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އިންޒާރެއް ދެއްވައިފި އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ސައްހަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހާމަކޮށްފައިވަނިކޮށް އެ ކޮމިޓީ ބަލައިނުގަންނަ ކަމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) އިން ވަނީ ހާމަކޮށްފަ އެވެ. އަދި އެފްއައިވީބީން އެންގި ގޮތަށް އެ ފެޑެރޭޝަނުގެ ނިންމުމަށް އިހުތިރާމް ކުރުމަށް އެދި ވީއޭއެމް ހިންގުން ލަތީފްގެ ލީޑަޝިޕާ ހަވާލުކުރުމަށް އެދި އޭނާ ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަށް މި މަހު 15 ވަނަ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގެ ޖަވާބު މިދިޔަ އާދިއްތަ ދުވަހު ހީނާ ވިދާޅުވީ ވީއޭއެމްގެ ރައީސްކަން ލަތީފަށް ގެއްލިފައިވާއިރު، އެސޯސިއޭޝަންގެ ނަމުގައި މުއާމަލާތްކުރުމުގެ ހުއްދައެއް ލަތީފަށް ނެތް ކަމަށެވެ.
"އެސޯސިއޭޝަނު (ވީއޭއެމް) ގެ ލެޓާހެޑް ބޭނުންކޮށް އަދި ރިފަރެންސް ނަމްބަރު ދެއްވާ އެސޯސިއޭޝަން ނަމުގައި މުއާމަލާތް ކުރުމުގެ ރަސްމީ ހައިސިއްޔަތު މިހާރު އޮތް ފަރާތެއްކަމުގައި ލަތީފް ނުވާހިނދު މި ފަދަ މުއާމަލާތް ކުރުމަކީ ޝަހުސު އޮޅުވާލުންކަމުގައިވާތީއާއި އަދި ރަަސްމީ ހައިސިއްޔަތެއްނެތި މި ފަދަ ލިޔުންތައް ތައްޔާރުކޮށް ވުޒާރާތަކަަށް ފޮނުވުމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ކަނޑައެޅިފައިވާ ގޮތުން ޖިނާއީ ކުށެއް ކަމުގައިވާތީ ވޮލީބޯލް އެސޯސިއޭޝަންގެ ލެޓަހެޑް ރިފަރެންސް ނަމްބަރު ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ރައީސްގެ ނަމުގައި މި ފަދަ ލިޔެކިޔުންތައް ނުފޮނުވުމަށާއި އެއްވެސް ފަރާތަކާއި މި ފަދައިން މުއާމަލާތު ނުކުރުމަށް މުހައްމަދު ލަތީފަށް ނަސޭހަތްތެރިވަމެވެ." ކޮމިޝަނާ އޮފް ސްޕޯޓްސް ފޮނުއްވި ސިޓީގައިވެ އެވެ.
ލަތީފް އަންނަނީ ވީއޭއެމްގެ ރަސްމީ ލެޓަހެޑްގައި މީޑިއާ އަށް ވެސް ގިނަ ނޫސްބަޔާންތައް ފޮނުވަމުންނެވެ. އަދި އެ ހައިސިއްޔަތުގައި ބައިނަލްއަގުވާމީ އެކި ފަރާތްތަކާ ވެސް މުއާމަލާރްކުރަމުން އަންނަ ކަމަށް އެނގިފައިވެ އެވެ. ހީނާގެ ސިޓީގައި ވިދާޅުވީ ވީއޭއެމްގެ ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ދެން ލަތީފް މުއާމަލާތުކުރާނަމަ "ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުއްވުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅާނެ" ކަމަށެވެ.
ވީއޭއެމް ހިންގުން ލަތީފްގެ ދައުރުގެ އިންތިހާބީ ލީޑަޝިޕާ ހަވާލުކުރަން މި މަހު ހަތަރު ވަނަ ދުވަހު އެފްއައިވީބީން ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. ލަތީފްގެ ދައުރުގައި މަގާމުތަކަށް އެކި ބަދަލުތައް އައިސްފައިވާއިރު، އެންމެ ފުރަތަމަ 2016 ވަނަ އަހަރު ފަހު ކޮޅު ލަތީފް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވިއިރު، އެކުގައި ހުރި ޓީމުގެ އެންމެން ކަހަލަ ގޮތަކަށް ވަނީ ބަދަލުވެފަ އެވެ.
ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުން ބަދަލުކުރަން ވީއޭއެމްގެ ކުރީގެ ރައީސް ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ނިންމީ ލަތީފްގެ ފަރާތުން އެދިފައިވާގޮތަށް މި ވަގުތު ވަގުތީ އަމުރެއް ނެރެދީފިނަމަ މި ދައުވާގެ މައުލޫގައި ދުރާލާ ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭތީ މި ވަގުތު ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ލަތީފްގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާ، މީޑިއާ އަށް ދައުވަތު ނުދީ ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވާއިދު ބަދަލު ކުރުމުގެ އިތުރުން ވޮލީގެ ލޯގޯ އަށް ވެސް ބަދަލު ގެނައުމުންނެވެ. އަދި އެ ލޯގޯ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނީސް ވީއޭއެމުން ބޭނުންކުރުމުން ވެސް ފާޑުކިޔުން އަމާޒުވިއިރު، މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ކަންތައްތައް ހިނގާދިޔައީ ގަވައިދާ އެއްގޮތަކަށް ނޫން ކަމަށް އެ ޖަލްސާގައި ބައިވެރިވި އޮބްޒާވަރުގެ ރިޕޯޓުގައި ހިމެނި އެވެ. އަދި ވީއޭއެމްގެ ހިންގާ ގަވައިދަށް އެ އާންމު ޖަލްސާގައި ގެނެވުނު ބަދަލުތައް މީޑިއާ އަށް ހިއްސާކުރާނެ ކަމަށް އޭރު ލަތީފް ވިދާޅުވި ނަމަވެސް އެކަން އެ ގޮތަށް ނުކުރައްވަ އެވެ.
ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައި ވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. ވީއޭއެމްގެ ރައީސްގެ މަގާމަށް ލަތީފް އިންތިހާބު ވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ލަތީފް، ވީއޭއެމްގެ ރައީސްގެ މަގާމުން ވަކިކުރަން އޭނާ އެ މަގާމަށް ގެންނަން އެހީތެރިވި ޔޫތު ސްޕޯޓްސް ކްލަބުން ވަަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ތެރޭގައި މަސައްކަތްކޮށްފަ އެވެ. އޭރު އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ ތެރެއިން އެކަން ކުރެވެން އޮތުމުން އެ މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އެ މައްސަލަތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ގިނަ މެމްބަރު ކްލަބްތަކެއްގެ މެމްބަޝިޕް ގެއްލުނު މައްސަލަތަކެއް ފެންމަތިވިއިރު، އެކަން މޯލްޑިވްސް ކޮމިޓީގެ އެތިކްސް ކޮމިޓީން ބަލާނެ ކަމަށް އެ ކޮމިޓީން ވަނީ ބުނެފަ އެވެ. ލަތީފްގެ ދައުރުގައި ގިނަ ކްލަބްތަކެއްގެ މެމްބަޝިޕް ގެއްލުނުއިރު، އެ ކަމަށް ވޮލީގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެންގުމާ އެއްގޮތަށް ވީއޭއެމް ހިންގުމުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވެސް ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީން އަންނަނީ ކުރަމުންނެވެ. ނޯމަލައިޒިން ކޮމިޓީއާ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހަވާލުކުރި މެންޑޭޓާ އެއްގޮތަށް އާ އިންތިހާބެއް ބޭއްވުމުގެ މަސައްކަތް އެ ކޮމިޓީން އަންނަނީ ކުރަމުންނެވެ.