ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބު އަންނަ މަހު 12 ވަނަ ދުވަހަށް ފަސްކުރަން އެ އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ހުށަހެޅި ނަމަވެސް އެ ގޮތަށް ކުރިއަށްދާން ކްލަބްތަކުން ބޭނުންނުވުމުން ކުރިން ކަނޑައަޅާފައިވާ ގޮތަށް އަންނަ މަހު އެއް ވަނަ ދުވަހު ވޮލީ އިންތިހާބު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދު ހަވީރު ޒޫމް މެދުވެރިކޮށް ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވީއޭއެމްގެ އެކްސްކޯ އާއި ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން އެފްއައިވީބީ އިން ރާއްޖޭގެ ވޮލީގެ މައްސަލަތައް ހައްލުކުރަން އެކުލަވާލި އެޑްހޮކް ކޮމިޝަންގެ މެމްބަރުންނާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ވީއޭއެމްގެ މެމްބަރު ކްލަބްތަކުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބައިވެރިވި އެވެ.

ވީއޭއެމްގެ މައްސަލަ ފެށުނީ 2019 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. އެ ފަހުން ގިނަ މައްސަލަތަކެއްގެ ތެރޭ އަށާރަ ވަރަކަށް މަސް ދުވަސް ހޭދަކުރި ފަހުން ރާއްޖޭގެ ވޮލީއާ ގުޅޭ ކަންކަމަށް ހައްލެއް ލިބުނީ މި މަހު 16 ވަނަ ދުވަހު އެވެ. އޭރު ނިންމީ މިއަދުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އަންނަ މަހު އެއް ވަނަ ދުވަހު އިންތިހާބު ބޭއްވުމުގެ އެންމެ ފަހުގެ ކަންތައްތައް ހަމަޖެއްސުމަށެވެ.

މިއަދުގެ ކޮންގްރެސް ޗެއާކުރެއްވި ލަތީފް ވަނީ ވީއޭއެމްގެ އިންތިހާބުގެ ކަންތައްތައް ކުރިއަށްގެންދާނީ 2015 ވަަނަ އަހަރުގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ނޫނީ 2017 ވަނަ އަހަރު ގެނެވުނު ބަދަލުތަކާ އެކު އޮތް އަސާސީ ގަވާއިދުގައިވާ ގޮތަށް ތޯ މެމްބަރު ކްލަބްތަކުގެ މެދުގައި ވޯޓެއް ނަގައިފަ އެވެ. ވީއޭއެމްގެ ވޯޓު ލެވޭ ނުވަ ކްލަބްގެ ތެރެއިން ހަ ކްލަބްގެ ތާއީދާ އެކު ފާސްކުރީ 2015 ވަނަ އަހަރުގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށްދާށެވެ.

ކޮންގްރެސް ފަށައިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ހޯދައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަރާތުން މުހައްމަދު ރަނޭޝް ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ވީއޭއެމްގެ އިންތިހާބު ބޭއްވުމަށް އެފްއައިވީީބީގެ އެޑްހޮކް ކޮމިޝަން އިން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށް ދިއުމަށާއި އެ ނިންމުމަށް ބޯލަނބަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ލަތީފްގެ ލީޑަޝިޕްގައި ހަޒާންދާރެއްގެ އިތުރުން ސީނިއާ ނައިބު ރައީސްގެ މަގާމު ފުރުއްވި ރަނޭޝް ވަނީ ކުރިއަށް އޮތް ވީއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކޮށްފަ އެވެ.

ކޮންގްރެސްގައި ހިޔާލުތަފާތުވުންތަކެއް އުފެދުނީ އޭޕްރީލް އެއް ވަނަ ދުވަހު އިންތިހާބު ބޭއްވުމުގެ ބަދަލުގައި އެ ތާރީހު ފަސްކުރަން ލަތީފް ހުށަހެޅުއްވި ހިސާބުންނެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި އައްޑޫ މޭޔަރުކަމަށް ލަތީފް ވާދަކުރައްވާތީ އެ އިންތިހާބުގެ ކެމްޕެއިނުގައި ވެސް މަސައްކަތްތަކެއް ކުރަންޖެހޭތީ ވީއޭއެމްގެ އިންތިހާބު އަންނަ މަހުގެ 12 އަށް ފަސްކޮށްދޭން އޭނާ ވަނީ ކޮންގްރެސްގައި އެދިފަ އެވެ.

"ކުރިއަށް އޮތް ދައުރުގައި ވީއޭއެމްގެ އިންތިހާބުގައި ވާދަނުކުރަން އަޅުގަނޑު ވާނީ ނިންމާފައި. އެކަމަކު އަންނަ މަހު އެއް ވަނަ ދުވަހު ވީއޭއެމް އިންތިހާބު ބާއްވައިފިނަމަ އަޅުގަނޑަށް އޭރު މާލޭގައި ނުހުރެވޭނެ. އަމިއްލަ ރަށުގައި ހުންނާނީ. އަޅުގަނޑު އެނބުރި އަންނާނީ 10 ވަަނަ ދުވަހު. އަޅުގަނޑު އާދޭހާ އެކު އެދެނީ ކްލަބްތަކުން ވެސް މި ގޮތަށް އަންނަ މަހުގެ 12 ވަނަ ދުވަހު އިންތިހާބު ބާއްވަން ތާއީދުކުރަން. އެއީ ފަހުން މީގެއާ މެދު މީހަކަށް ސުވާލު އުފެއްދޭނެ ޖާގައެއް ނުލިބޭ ގޮތަށް ކޯޓަށް ވެސް މީގެ މައްސަލައެއް ނުދާނެ ގޮތަށް މިކަން ކުރުމަށް،" ދާދި ފަހުން ވީއޭއެމްގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅުއްވައި ނާކާމިޔާބުވެވަޑައިގަތް ލަތީފް ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރަން އެދި ދެކެވުނު ވާހަކަތައް ދިގުލައި ގޮސް ފަހުން ލަތީފް ވަނީ ވީއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ ރަނޭ އަށް އިޝާރާތްކޮށް "ތިއީ ކުރިއަށް އޮތް ދައުރުގައި ވީއޭއެމްގެ ރައީސް ކަމަށާއި އެހެން އެކަން ވުމުގެ ފުރުސަތު އޮތްއިރު" އެންމެ ފަހުގެ ރައީސެއްގެ ހައިސިއްޔަތުން ލަތީފް އެދޭ ގޮތަށް އިންތިހާބު ކުރިއަށްގެންދަން ޖާގަ ދިނުމަށް ތާއީދުކޮށްދޭން އެދިލައްވައިފަ އެވެ. އެއީ އެކްސްކޯ މެމްބަރުންގެ ކޯރަމް ހަމަވާގޮތަށް އޮވެގެން އިންތިހާބު ކުރިއަށްގެންދިއުން ވެސް މުހިއްމުކަން ލަތީފް ފާހަގަކުރެއްވި އެވެ.

ލަތީފްގެ އެ ވާހަކަތަކަށް އިޝާރާތްކޮށް ރަނޭ ވިދާޅުވީ ވީއޭއެމްގެ މައްސަލައަށް ހައްލެއް ނުލިބި ވަރަށް ގިނަ ދުވަސްތަކެއް ގެއްލިގެން ގޮސްފިކަމަށާއި ކުޅުންތެރިންނާއި ކްލަބްތަކަށް މީގެ އެތައް އުނދަގޫތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސިޔާސީ ކަމެއް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އިތުރަށް ވޮލީގެ ކަންތައްތައް ލަސްކުރެވެން ނެތް ކަމަށެވެ. އަދި މީގެ ގޮތެއް ނިންމާނީ ކްލަބްތަކުން ކަމަށާއި އެހެންވެ ކްލަބްތަކަށް އެ ފުރުސަތު ދޭން ރަނޭ އެދިލެއްވި އެވެ.

"މީގެ އެންމެ މުހިއްމު ކަމަކީ ވޮލީ ކުޅުންތެރިންނާއި ކްލަބްތަކުގެ އިތުރުން މި ކުޅިވަރުގެ މަސްލަހަތު. އެކަން ހިމާޔަތްކުރެވޭނެ ގޮތަކީ މިތަނުގައި ތިބި އެޑްހޮކް ކޮމިޝަނުން ކަނޑައެޅި ފުރިހަމަ މެމްބަރު ކްލަބްތަކުގެ ތާއީދާ އެކު އަންނަ މަހުގެ އެކެއްގައި އިންތިހާބު ބާއްވައި. މި ކުޅިވަރުން ކުރިއަށްދެވޭނެ ގޮތެއް މަގުފަހިކުރުން. އިތުރަށް ފަސްކޮށްގެން މި ކުޅިވަރަށް ގެއްލުންވާކަށް ނޭދެން،" ރަނޭ ވިދާޅުވި އެވެ.

ގުޑީސް ސްޕޯޓްސް ކްލަބްގެ ފަރާތުން ކޮންގްރެސްގައި ބައިވެރިވި އަޝްރަފް އަލީ ވިދާޅުވީ އިންތިހާބު ބާއްވާއިރު އޮންނަން ޖެހޭ އެކްސްކޯގެ ކޯރަމް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަކު ނެތް ކަމުގައި ވިޔަސް އެކަން ކުރެވޭނެ ގޮތް ބަޔާންކުރެވިފައި އެބަހުރި ކަމަށެވެ. ވަކި މީހެއްގެ ސިޔާސީ ކެރިއަރަށްޓަކައި ދެން އިތުރަށް ވޮލީގެ ކަންތައްތައް ދިގުލައިގެންދާން ކްލަބްތަކުން ނޭދޭތީ ބޭނުންވަނީ މިހާރު އޮތްގޮތަށް އަންނަ މަހު އެއް ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް އަޝްރަފް ވިދާޅުވި އެވެ.

އެޑްހޮކް ކޮމިޓީގައި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ހިމެނިވަޑައިގަންނަވާ އެ ކޮމިޓީގެ މެމްބަރު އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު އާއި ލަތީފްގެ ފަރާތުން އެ ކޮމިޓީގައި އިންނަވާ ގަނޫނީ ވަކީލް ޝަފީއާ ރިޒާގެ އިތުރުން އޭވީސީގެ ނައިބު ރައީސް އީސާ ހަމްޒާ އަދި އެފްއައިވީބީގެ ފަރާތުން ބައިވެރިވި އެމީލިއާ ވަނީ ވީއޭއެމްގެ މައްސަލަ އިތުރަށް ދިގުލައިގެންދާން ނޭދޭ ކަމަށާއި މީގެ އެންމެ ރަނގަޅު ގޮތަކީ ކްލަބްތަކުން އެދޭ ގޮތަކަށް ކުރިއަށް ދިއުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި މީގެ އެންމެ މުހިއްމު ކަމަކީ ހުރިހާ ފަރާތްތަކުގެ މަސްލަހަތު ވެސް ރައްކާތެރިކޮށް ދެން އިތުރު މައްސަލަތަކެއް ފެންމަތިނުވާގޮތަށް ކުރިއަށް ދިއުންކަން އެ ހުރިހާ ފަރާތެއްގެ ވާހަކައިގައި ވެސް ފާހަގަކުރި އެވެ.

އެންމެ ފަހުން ލަތީފް ނިންމެވީ އަންނަ މަހު އެއް ވަނަ ދުވަހު އިންތިހާބު ބާއްވާ ގޮތަށް ކްލަބްތަކުން ނިންމި ނިންމުމަށް އިހުތިރާމްކޮށް ކުރިއަށްދާ ގޮތަށެވެ. އަދި އޭނާ އަށް ބައިވެރިވެވޭ ނަމަ އިންތިހާބުގެ ދުވަހު އެކަމުގައި އަމަލީ ގޮތުން އުޅޭނެ ކަމަށާއި އެކަމަކު ވަގުތު ތަންދޭ ގޮތަކުން އެކަން ނުވެއްޖެނަމަ ކުރިއަށްދާނެ ގޮތަކާ މެދު މާދަމާ ބާއްވާ ވީއޭއެމް އެކްސްކޯ ބައްދަލުވުމުގައި ގޮތްތަކެއް ނިންމާނެ ކަމަށެވެ. އަދި އެކްސްކޯގެ ނިންމުންތައް އެފްއައިވީބީ އާއި މެމްބަރު ކްލަބްތަކަށް އަންގާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

ވީއޭއެމްގެ އިންތިހާބުގައި ވޯޓު ލެވޭ ކްލަބްތަކަކީ އައްޑޫ ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ޕޮލިސް ކްލަބް، މޯލްޑިވިއަން، ގުޑީސް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތު ނިއު ޖެނެރޭޝަން، ހާފްލައިން ލިންކްއޭޖް، ސްޕޯޓްސް ކްލަބް ހޯކްސް އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައިވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. ލަތީފަށް ވީއޭއެމްގެ ރައީސް ކަން ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ.