އަންނަ މަހު އެއް ވަނަ ދުވަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބު ބާއްވާގޮތަށް ހުރިހާ ކަމެއް ނިންމައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މިދިޔަ ބުދަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އިންތިހާބު އަންނަ މަހު 12 ވަނަ ދުވަހަށް ފަސްކުރަން އެ އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ހުށަހެޅި ނަމަވެސް އެ ގޮތަށް ކުރިއަށްދާން ކްލަބްތަކުން ބޭނުންނުވުމުން ފަހުން ނިންމަން ޖެހުނީ އަންނަ ބުރާސްފަތި ދުވަހު (އަންނަ މަހު އެއް ވަނަ ދުވަހު) އިންތިހާބު ބާއްވާގޮތަށެވެ.

އެ ދުވަހު ކޮންގްރެސްގައި ވީއޭއެމްގެ އެކްސްކޯ އާއި ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން އެފްއައިވީބީ އިން ރާއްޖޭގެ ވޮލީގެ މައްސަލަތައް ހައްލުކުރަން އެކުލަވާލި އެޑްހޮކް ކޮމިޝަންގެ މެމްބަރުންނާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ވީއޭއެމްގެ މެމްބަރު ކްލަބްތަކުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބައިވެރިވެ އެދުނީ ހުރިހާ މެމްބަރު ކްލަބްތަކުން ތާއީދުކުރާ ގޮތަކަށް ކުރިއަށްދާށެވެ.

ލަތީފް އިންތިހާބު ފަސްކުރަން ހުށަހެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި އައްޑޫ މޭޔަރުކަމަށް ލަތީފް ވާދަކުރައްވާތީ އެކަމަށް ވަގުތު ހޯދުމުގެ ގޮތުންނެވެ. އެ އިންތިހާބުގެ ކެމްޕެއިނުގައި ވެސް މަސައްކަތްތަކެއް ކުރަންޖެހޭތީ އެކަމަށް ވަގުތު ދޭން ޖެހޭތީ ކުރި މުއްދަތެއްގެ ތެރޭގައި ލަތީފް ނެތި ވޮލީ އިންތިހާބު ބާއްވަން އޭނާ ބޭނުމެއްނުވި އެވެ. އެކަމަކު ފަހުން ކްލަބްތަކުން އެދޭތީ އަންނަ ބުރާސްފަތި ދުވަހު އިލެކްޝަން ކުރިއަށްދާ ގޮތަށް ލަތީފް ނިންމީ އޭނާގެ އެކްސްކޯއާ ވެސް މަޝްވަރާކުރުމަށް ފަހު އެވެ.

ވީއޭއެމް އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު ވާޗުއަލްކޮށް އިލެކްޓޯރިއަލް އެސެމްބްލީ (އިންތިހާބު) ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ހުރިހާ ކަމެއް ކުރިއަށްގެންދާނީ އިލެކްޓޯރިއަލް ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ވީއޭއެމްގެ ވޯޓު ލެވޭ ނުވަ ކްލަބްގެ ތެރެއިން ހަ ކްލަބްގެ ތާއީދާ އެކު ފާސްކުރީ އިންތިހާބުގެ ކަންތައްތައް ކުރިއަށްގެންދާނީ 2015 ވަނަ އަހަރުގެ އަސާސީ ގަވާއިދާ އެއްގޮތަށެވެ. ވީއޭއެމް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަން އެގޮތަށް ކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ހުއްދަ ލިބިފައިވާ ކަމަށެވެ.

މިއާ އެކު ވީއޭއެމް އިންތިހާބުގައި އިންތިހާބުކުރާނީ ރައީސާއި ނައިބު ރައީސް އަދި ހަޒާންދާރުގެ އިތުރުން ތިން ކޮމިޝަނުންގެ މެމްބަރުންނެވެ. އެއީ ޓެކްނިކަލް އަދި ޑިވެލޮޕްމަންޓް ކޮމިޝަންގެ ތިން މެމްބަރުންނާއި ރޫލްސް ކޮމިޝަންގެ ތިން މެމްބަރުންގެ އިތުރުން ބީޗް ވޮލީ ކޮމިޝަންގެ ހަ މެމްބަރުންނެވެ.

މި މަގާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވީއޭއެމްގެ "ޖެނެރަލް އިލެކްޓޯރިއަލް އެސެމްބްލީ - ކެންޑިޑެސީ ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 30 ވަނަ ދުވަހުގެ (މާދަމާ) މެންދުރު 12:00 ގެ ކުރިން ވީއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީގެ ހާއްސަ އީމެއިލް [email protected] އަށް މެއިލްކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

ވީއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަން މީޑިއާގައި ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ލަތީފްގެ ލީޑަޝިޕްގައި ހަޒާންދާރެއްގެ އިތުރުން ސީނިއާ ނައިބު ރައީސްގެ މަގާމު ފުރުއްވި މުހައްމަދު ރަނޭޝް އާއި 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ވީއޭއެމްގެ ނައިބު ރައީސަކަށް މަސައްކަތްކުރެއްވި އިލްޔާސް ވަހީދު (އިއްލަ) އެވެ. އެންމެ ފަހުން ހުރި އިންތިހާބީ ރައީސް ލަތީފް މި ފަހަރު އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.