މެޑްރިޑް (އޮކްޓޫބަރު 17) - ބާސެލޯނާ ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ދުވަސްވަރަކަށްވާތީ މި މަހު 26 ވަނަ ދުވަހު އެ ސިޓީގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލް ކްލަސިކޯ މެޗު އެހެން ދަނޑަކަށް ބަދަލުކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ލަލީގާ އިން އެދިއްޖެ އެވެ.

ބާސެލޯނާ ހިމެނޭ ކެޓަލޫނިއާ ސަރަހައްދުގެ ނުވަ ލީޑަރުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން ގިނަ މުޒާހަރާތަކަކާއި ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުންނެވެ. އެހެންވެ ސަލާމަތީ ގޮތުން ބަލާއިރު މި ދަނޑިވަޅުގައި ބާސެލޯނާ ސަރަހައްދުގައި ރެއާލާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗެއް ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ލަލީގާ އިން ދެކެ އެވެ.

ލަލީގާ އިން ހުށަހަޅާފައިވަނީ މި މަހު 26 ވަނަ ދުވަހު ކުޅޭ މެޗު ރެއާލް ދަނޑުގައި ކުޅުމަށް ފަހު އަންނަ އަހަރު މާޗް މަހު ކުޅޭ މެޗު ބާސެލޯނާ ދަނޑުގައި ކުޅޭ ގޮތަށް ހަމަޖެއްސުމަށެވެ. މި ގޮތަށް ބަދަލުކުރާނީ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑް ރުހޭނަމަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މުބާރާތުގެ ކޮމިޓީން މިކަމާ ބެހޭގޮތުން އެންމެ ލަސް ވެގެން މެޗު ފެށުމުގެ 48 ގަޑިއިރު ކުރިން ގޮތެއް ނިންމާނެ އެވެ.

އެލްކްލަސިކޯ މެޗު ކުޅޭ ދަނޑު ބަދަލުކުރުމުގައި ލަލީގާ އިން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް ރަސްމީ ސިފައެއްގައި ބާސެލޯނާ އާއި ރެއާލުން ވާހަކައެއް ނުދައްކަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ދެ ކްލަބުން މަޑުކުރަނީ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނާއި ލަލީގާ އިން މިކަމުގައި ހައްލެއް ހޯދަން ދެނެވެ.

ބާސެލޯނާ ސަރަހައްދުގެ ހަމަނުޖެހުންތަކާ ހެދި ކަޓަލޫނިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިދިޔަ ހޯމަ ދުވަހު މި ހަފްތާގައި ކުޅެން ހަމަޖައްސާފައިވާ މެޗުތައް ފަސްކޮށްފަ އެވެ. އެކަމަކު އެއީ ލަލީގާ އާއި ސްޕެއިން ގައުމީ ޓީމުތަކުގެ މެޗުތަކަށް ފުށުއަރާނެ ނިންމުމެއް ނޫނެވެ.

ހަމަނުޖެހުންތައް ބޮޑުވީ ހައްޔަރުކޮށްފައިވާ ލީޑަރުންގެ މައްސަލަ ބެލުމުގައި ސްޕެއިންގެ ސަރުކާރުން އެ ގައުމުގެ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނެ އެވެ.