މިއުނިކް (ނޮވެމްބަރު 10) - ޖަރުމަނު ލީގުގައި ރޭ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 4-0 އިން ބަޔާން މިއުނިކުން ބޮޑު މޮޅެއް ހޯދިއިރު، އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ މި މެޗުގައި ވެސް ލަނޑު ޖަހައި ސީޒަނުގެ ލަނޑު ޖެހުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ބަޔާނުން ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ޕޮލެންޑަށް އުފަން ލެވަންޑޯސްކީ ވަނީ ލަނޑު ޖަހައިފަ އެވެ. ރޭގެ ދެ ގޯލާއި އެކު ސީޒަނުގައި އޭނާގެ ލަނޑުގެ އަދަދު ވަނީ 15 މެޗުން 22 އަށް އަރައިފަ އެވެ.

ލެވަންޑޯސްކީގެ އިތުރުން މި މެޗުގައި ބަޔާނުން ދެ ގޯލު ޖެހީ ސާޖް ގްނަބްރީ އާއި ބޮރޫޝިއާ ޑޯޓްމަންޓްގެ މެޓްސް ހަމެލްސް ބައި ގޯލެކެވެ. މި މެޗުގައި ޑޯޓްމަންޑަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން މެޗުގެ 36 ވަނަ މިނިޓްގައި އިންގްލެންޑްގެ ވިންގް ޖޭޑަން ސަންޗޯ ބަދަލުކުރަން ޖެހުމެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ބަޔާން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބެކަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގާއި ތިން ވަނައިގައި އޮތް ބަޔާނަށް ވަނީ އެއް މެޗު އިތުރަށް ކުޅެގެން 21 ޕޮއިންޓް ލިބިފަ އެވެ. ލިޕްޒިގު ރޭ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ހާތާ ބާލިން އަތުން 4-2 އިން މޮޅުވެފަ އެވެ.

ލީގުގައި މިދިޔަ ހަފްތާގައި ތަފާތު ބޮޑުކޮށް އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން ބަލިވި މެޗަށް ފަހު ބަޔާން ކޯޗަކަށް ހުރި ނިކޯ ކޮވަޗަށް ވަނީ ވަޒީފާ ގެއްލިފަ އެވެ. ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސް އަތުން މޮޅުވި މެޗާއި ރޭގެ މެޗުގައި ބަޔާނަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ހަންސް ފްލިކް އެވެ. ބަޔާނުން އާ ކޯޗެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނައިރު، މި މަހު 23 ވަނަ ދުވަހު ކުޅޭ ޖަރުމަނު ލީގު މެޗުގައި ވެސް ބަޔާނަށް އިރުޝާދުދޭނީ ފްލިކް ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ބަޔާނުން ވަނީ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާއާ މަޝްވަރާކޮށްފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރި ފަހުން ޓީމަކާ ހަވާލުނުވެ ހުރި ހޯސޭ މޮރީނިއޯ އަށް ވެސް ބަޔާނުން ފާރަލަ އެވެ.