ލެވަކޫސަން (ޑިސެމްބަރު 20) – އިތުރު ވަގުތުގައި ރޮބަޓް ލެވޮންޑޮސްކީ ވައްދާލި ލަނޑާ އެކު ބެޔާ ލެވަކޫސަން އަތުން 2-0 އިން މޮޅުވެ އެ ޓީމު ފަހަތަށް ޖައްސާލައި ބަޔާން މިއުނިކުން ޖަރުމަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ބަޔާން އެއް ވަނަ އަށް އެރީ 30 ޕޮއިންޓް ހަމަކޮށްގެންނެވެ. ލެވަކޫސަން ދެ ވަނަ އަށް ވެއްޓުނީ 28 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް އާރްބީ ލީޕްޒިގް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހަމަކޮށްފަ އެވެ. އެކަމަކު ލެވަކޫސަން އޮތީ ލަނޑުގެ ތަފާތުން ކުރީގަ އެވެ.
ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި ޕެޓްރިކް ޝީކްގެ ގޯލުން އެ ޓީމު ކުރި ހޯދި އެވެ. ބަޔާނަށް 43 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދާދި ފަހުން ހޯދި ލެވަންޑޮސްކީ އެވެ. މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭ އޭނާ ބަޔާން މޮޅުކޮށްދިނީ ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ޖެހި ގޯލުންނެވެ.
"ކޮން ފަދަ އަހަރެއް މިއީ އަހަރެމެންނަށް. އަހަރެން އުއްމީދުކުރަން އާ އަހަރުގައި ވެސް މި ގޮތަށް ކުރިއަށް ދެވޭނެ ކަމަށް،" ލެވަންޑޮސްކީ ބުންޏެވެ.
ބަޔާން މިއުނިކަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ލެވަންޑޮސްކީ ފީފާ އެވޯޑް ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.