25 މާޗް 2020 - 11:20
ބާސެލޯނާ (މާޗް 25) - ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް އެހީތެރިކަން ފޯރުކޮށްދެނީ ޕޯޗުގަލްގެ ދެ ސަރަހައްދެއްގެ ހޮސްޕިޓަަލަކަށެވެ. އެގޮތުން ލިޒްބަންގައި ހުންނަ ޔުނިވާސިޓީ ހޮސްޕިޓަލަށް ތިން އިންޓެންސިވް ކެއާ ޔުނައިޓް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ. މީގެ ކޮންމެ ޔުނިޓެއްގައި 10 އެނދު ހިމެނެ އެވެ. ރޮނާލްޑޯ އާއި މެންޑޭސްގެ ފަރާތުން މި ދިން އެހީތެރިކަމާ އެކު އެ ހޮސްޕިޓަލްގެ އެނދުގެ އަދަދު 107 އަށް އަރާނެ އެވެ.
ދެން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ ޕޯޓޯގައި ހުންނަ ސެން އެންޓޯނިއޯ ޔުނިވާސިޓީ ހޮސްޕިޓަލަށެވެ. މި ހޮސްޕިޓަލަށް ހަދިޔާކުރަން ނިންމާފައިވަނީ އެއް އިންޓެސިވް ކެއާ ޔުނިޓެކެވެ. ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ އުފަންވި މެޑެއިރާ ސަރަހައްދަށް ވެސް ބޭނުންވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭން އޭނާ ހުރީ ތައްޔާރަށެވެ. ރޮނާލްޑޯ އާއި މެންޑޭސް ކޮންމެ މީހެއްގެ ފަރާތުން މި އެހީތަކަށް އެއް މިލިއަން ޔޫރޯ ހަރަދުކުރާނެ އެވެ.
މެސީގެ ފަރާތުން ވެސް އެހީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ހަރަދުކުރަން ނިންމާފައިވަނީ ދެ ހޮސްޕިޓަލެކެވެ. އެއް ހޮސްޕިޓަލަކީ ބާސެލޯނާގެ ކްލިނިކް ޑި ބާސެލޯނާ އެވެ. ދެން އެހީތެރިކަން ފޯރުކޮށްދޭނީ އާޖެންޓީނާގެ ހޮސްޕިޓަލަކަށެވެ. އިތުރަށް އެހީތެރިކަން ބޭނުންވެއްޖެނަމަ އޭނާ ހުރީ އެ ދެ ހޮސްޕިޓަލަށް އެހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އޭނާ ވެސް ވަނީ ކެޓަލޫނިއާ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް އެއް މިލިއަން ޔޫރޯ ހަދިޔާކުރަން ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
ކެޓަލޫނިއާ ސަރަހައްދަކީ ސްޕެއިނުގައި އެންމެ ބޮޑަށް ކޮވިޑް-19ގެ އަސަރުކޮށްފައިވާ ހިސާބެވެ. މިހާތަނަށް އެ ސަރަހައްދުން 9000 އަށް ވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ކެޓަލޫނިއާ ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދޭން ބާސެލޯނާ އަށް ކުރިން ކުޅުނު އަދި އެ ޓީމަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ނިންމައިފަ އެވެ. ގާޑިއޯލާގެ ފަރާތުން ކެޓަލޫނިއާގެ ހޮސްޕިޓަލްތަކަށް އެއް މިިލިއަން ޔޫރޯ ހަރަދުކުރާނެ އެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ މި ބަލިމަޑުކަމާ ގުޅިގެން ގިނަ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ އެކި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ޖަރުމަނުގައި ކޮވިޑް-19 ގެ ވައިރަހަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް އެހީވާން އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފަ އެވެ.
ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 422،959 މީހުން ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒްރާ
25 March 2020
މިމީހުންގެ ހިތްތައް އިސްލާމް ދީނުގެ ފުރިހަމަ ނޫރުން އަލިކުރައްވާ އިސްލާމް ދީން ގަބޫލު ކުރައްވާފާދޭވެ.އާމީން
އޯތެންޓިކްރަދީފް
25 March 2020
އާމީން
ވަދޫދު
25 March 2020
އާމީން
މެސީރޮނާ
25 March 2020
މި ޛަބަރު އެ ބައޮތް ހުރިހާ ބޮޑެތި މީޑިއާތަކުގަ އޮފިޝަލް ޝޯޝިއަލް މީޑިއާ އެކައުންޓްތަކުގަވެސް..މި ދޭތެރެއަކުން ރާއްޖޭގެ ބައެއް މީޑިއާ ތަކުގަ ފަތުރައިފި ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލުތަކަކަށް ބަދަލުކޮށްފިއޭ ކިޔާފަވެސް.. ރޮނާގެ ފޭން ޕޭޖަކުން އަނބުރާލި ގޭސްގަނޑެއް.. ރޮނާލްޑޯގެ ޓުވިޓަރގަވެސް އަދި ދުނިޔޭގެ އެއްވެސް ޓްރަސްޓެޑް މީޑިއާއަކުން ކަވަރ ކުރި ޚަބަރެއް ނޫން
އޭނަ
25 March 2020
ހަގީގަތުގައި މެސީ ނޫޅޭ ޕީއާރ ސްޓަންޓް ޖައްސާކަށް. އެހީވެފަ އެކަން އިއުލާނެއް ނުކުރޭ. ހޮސްޕިޓަލްތަކުން އެކަން ޔަޤީން ކުރަނީ. ރޮނާލްޑޯ އަދި މެސީވެދިން އެހީތެރިކަމަށް ޝުކުރިއްޔާ. އަހަރުމެންގެ ޤައުމަށް އެހީނުވިޔަސް ދުނިޔޭގެ ކޮންމެ މީހެއްގެ ފުރާނަޔަށް ކުރާ ހޭދައިގައި އަހަރެންގެ އިހްސާސްވެސް ދައުރުވާނެ.