މެޑްރިޑް (ޖޫން 20) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން ރޭ ސެވިއްޔާއާ 0-0 އިން އެއްވަރުވުމުން، ތާވަލުގެ އެއް ވަނައިގައި ލީޑު ދަމަހައްޓަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ 30 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 29 މެޗުން ލިބިފައިވަނީ 29 މެޗުން 62 ޕޮއިންޓެވެ. މާދަމާރޭ ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެގެން ރެއާލަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. އެއީ ހެޑް ޓު ހެޑް ރެކޯޑަށް ބަލައިގެން ރެއާލަށް ކުރި ލިބޭތީ އެވެ.
ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ ހާލަތު މިހާރު އޮތްގޮތުން އެޑްވާންޓޭޖް ރެއާލަށް އެބައޮތް ކަމަށާއި އެ ޓީމު މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ލީގު ހޯދަން ބާސެލޯނާ އިން ކުރަން ޖެހިފައި އޮތީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.
"އަހަރެމެން ރަނގަޅު ކުރަން އެބަޖެހޭ. މި ވަގުތު ރެއާލް އެ އޮތް ފޯމުގައި އެ ޓީމު އަތުން މާ ގިނަ ޕޮއިންޓެއް ގެއްލޭނެ ހެނެއް ހިއެއްނުވޭ،" ޕީކޭ ބުންޏެވެ.
ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގައި ބާސެލޯނާގެ ލިއޮނަލް މެސީ ޖެހި ހިލޭ ޖެހުމެއް ގޯލާއި ކައިރިން ދިޔައިރު، ސެވިއްޔާގެ ލޫކަސް އޮކަމްޕޯސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ކުރިން ބާސެލޯނާ އަށް ކުޅުނު ސެވިއްޔާގެ ފޯވާޑް މުނީރު އެލް ހެއްދާދީ ޖެހި ބޯޅައެއް ބާސެލޯނާ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ދެ ޓީމުން ކުޅުން ރަނގަޅުކުރި އެވެ. މެޗުން މޮޅުވާން ބާސެލޯނާ އަށް ލިބުނު އެންމެ ހުސް ފުރުސަތު ބޭކާރުވީ ލުއިސް ސުއަރޭޒް އަތުންނެވެ. ޖޯޑީ އަލްބާ ނަގައިިދިން ހުރަހަކުން އޭރިއާތެރެއިން ސުއަރޭޒް ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން ސެވިއްޔާގެ ސާޖިއޯ ރެގީލޮން ހުސްކޮށް ހުރެފައި ޖެހި ބޯޅައިގައި ކީޕަރު ސްޓެގެން ވަނީ މަތަކޮށްފަ އެވެ.
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ ލީގު ހޯދުމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށާއި މިހާރު މި އޮތް އުނދަގޫ ހާލަތުގައި އެއްވެސް ޓީމަކަށް ހުރިހާ ޕޮއިންޓެއް ނުނެގޭނެ ކަމަށެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުގައި މެސީ ގިނަ ވަގުތު ބޭނުންކުރުމުގެ ސަބަބުން މި މެޗުގައި އޭނާގެ ކުޅުމަށް އަސަރު ކުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސެޓިއެން ބުނީ އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ މެޗު އަދި އިތުރު އެއް ފަހަރު ބަލާފައި ކަމަށެވެ.