މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މެނޭޖްމަންޓުން ދީފައިވާ ޓާގެޓަކީ ގަދަ ހައެއް ކަމަށާއި އެކަމަކު އޭނާގެ އަމާޒަކީ އެ އަށް ވުރެ ވެސް މައްޗަށް ޓީމު ގެންދިއުން ކަމަށް ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

ސަސް އަކީ އެޗްޕީއޭ އިން ފުރަތަމަ ޑިވިޝަންގެ ޕްރެކްޓިސްތައް ފަށަން ހުއްދަދިން ފަހުން ފަރިތަކުރުން ފެށި ހަތަރު ވަނަ ކްލަބް އެވެ. އެންމެ ފުރަތަމަ މާޒިޔާ ޕްރެކްޓިސް ފެށިއިރު، އޭގެ ފަހުން ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވެސް ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. ސަސްގެ ފަރިތަކުރުންތައް ކުރިއަށްދިޔައީ އިއްޔެ ހަވީރު ޓާފް ދަނޑުގަ އެވެ.

ޕްރެކްޓިސް ފެށުމަށް ފަހު ސަސްގެ ކޯޗު ނާދު "ރާއްޖެ ޓީވީ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ސަސްއާ އެކު މި ކުރެވެނީ އާ ތަޖުރިބާއެއް ކަމަށާއި ބޭނުންވަނީ ކްލަބް ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރެ ރަނގަޅު ހިސާބަކަށް ޓީމު ގެންގޮސްދޭން ކަމަށާއި އެކަން ހާސިލްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ކްލަބްގެ މެނޭޖްމަންޓުން ޓާގެޓެއް ދީފައި އޮތް ނަމަވެސް ނާދު ހުރީ އެ އަށް ވުރެން ވެސް މައްޗަށް ކްލަބް ގެންދެވޭތޯ މަސައްކަތްކުރަން އަޒުމްކަނޑައަޅައިގެންނެވެ.

"ފުރަތަމަ ކަމަކަށް ޓީމުގެ ޓާގެޓަކީ ގަދަ ހަޔަކަށް ވަނުން. އެކަމަކު އަޅުގަނޑު ބޭނުންވަނީ އެ އަށް ވުރެ ވެސް މައްޗަށް ޓީމު ގެންދަން. ގެންދެވޭނެ އިރާދަކުރެއްވިއްޔާ މަސައްކަތްކޮށްގެން އެކަންވާނެ،" ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ނާދު ބުންޏެވެ.

ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ސަސް އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) އާއި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް ކުޅުނު އަހުމަދު ޝާފީ (ޝާފިއު) އާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކެއްގެ ކެޕްޓަންކަން ކޮށްފައިވާ އަބްދުﷲ ހަނީފް (ބެންޖޯ)ގެ ސޮއި ހޯދައިފަ އެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިން ކަމަށްވާ އަހުމަދު އައިހަމް އާއި އަރާޝް އައްސަދު ވެސް ވަނީ ސަސްއާ ގުޅިފަ އެވެ.

ނާދު ބުނީ ސަސްގެ ސްކޮޑާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިތިބި ރަނގަޅު ފެންވަރުގެ ކުޅުންތެރިންގެ އިތުރުން ހުނަރުހުރި ކުރިއެރުވޭނެ ޒުވާން ކުޅުންތެރިން ވެސް އެ ޓީމުގައި އެބަތިބި ކަމަށެވެ.

ޓީމު އެކުލަވާލުމުގައި ސަސް އަށް ދިމާވި އެންމެ ބޮޑު އުނދަގޫ ކަމަކީ މިދިޔަ އަހަރު އެފްއޭއެމުން އެކުލަވާލި ގަވާއިދުގެ ދަށުން ގިނަ ކުޅުންތެރިންތަކެއް ދިގު ކޮންޓްރެކްޓްތަކެއްގައި ސޮއިކޮށްގެން ތިބުމެވެ. ސަސްގެ ގޯލްކީޕަރު ޓްރެއިނަރު އަދި ޓެކްނިކަލް ކަންކަމުގައި ވެސް ހަރަކާތްތެރިވާ ހަސަން ހަމީދު (ޑަކޭ) ބުނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ހިސާބުން ކުޅުންތެރިން ހޯދުމުގައި މަސައްކަތް ފަށައި ވަރަށް ދަތި އުނދަގޫ ކަންތައްތަކަކާ ކުރިމަތިލުމަށް ފަހު ކޮންޓްރެކްޓްތަކުގައި ތިބި ބައެއް ކުޅުންތެރިންނާއި ކޮންޓްރެކްޓެއް ނެތި ތިބި ރަނގަޅު ކުޅުންތެރިންތަކެއް ހޯދައިގެން ރަނގަޅު ޓީމެއް އެކުލަވާލެވުނު ކަމަށެވެ.

"މީގެ ތެރެއަށް ޖޮއިން ކުރާނެ ބިދޭސީ ހަތަރު ކުޅުންތެރިން. މި ބަލަނީ އެ ކުޅުންތެރިންނާ އެކު ސަސް އިތުރަށް ވަރުގަދަވެ މި ފަހަރުގެ ލީގުގައި ސަޕްރައިޒް ޓީމަކަށްވާނެކަމަށް. އެ އުއްމީދު އެބައޮތް،" ޑަކޭ ބުންޏެވެ.

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި 13 ޑިސެމްބަރު ވަނަ ދުވަހުގެރޭ ކުޅޭނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕް ކަމަށްވާ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް އިން ސީޒަނަށް ޕްރެކްޓިސް ފަށަން ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.