ކުރިއަށް މި އޮތް ސީޒަނުގެ މެޗުތައް ފަސޭހަނުވާނެ ކަމަށާއި މިއީ ވާދަވެރިވާނެ ސީޒަނެއްގެ ގޮތުގައި ދެކޭ ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އިން މި ފަަހަރުގެ ސީޒަނަށް ގާތްގަނޑަކަށް ކުރީގެ ސްކޮޑާ އެކު ނުކުތްއިރު އެ ޓީމަށް އިތުރުވީ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ.

މާޒިޔާ އަކީ މި ސީޒަނުގައި ވެސް ލީގު ރޭހުގެ އެންމެ ކުރީގައި އުޅޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީމެވެ. އެހެން ނަމަވެސް އެއީ އެހާ ފަސޭހަކަމެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ނިޒާމްބެ ނުދެކެ އެވެ. އޭނާގެ ނަޒަރުގައި ކުރިއަށް މި އޮތް ސީޒަން ވާދަވެރިވާނެ އެވެ.

"ވަރަށް ތެދުތެދަށް ދަންނަވާކަމަށް ވެއްޖިއްޔާ މިދިޔަ ސީޒަނަށް ވުރެ މި ސީޒަން އުނދަގޫވާނެ. މި ސީޒަން ޓީމުތަކުގެ ހަމަހަމަކަން ބޮޑު. މިދިޔަ ދެ ސީޒަނެއްގައި ވަރަށް ފަސޭހަ ރޭޓްކޮށްލަން ޓީމުތައް އެހެން ނަމަވެސް މި ފަހަރު މި ފެންނަނީ ކްލަބްތައް ކުޅުންތެރިން ބެހިގެންދިޔަތަން. ބައެއް ކްލަބްތަކުގެ ސްކޮޑުތައް ރޫޅިގެންދިޔައިރު މި ފެންނަނީ ހަމަހަމަ ބެހިގެންދިޔަ އުސޫލަކުން. ގަބޫލުކުރަނީ މިއީ ވާދަވެރި ސީޒަނަކަށް ވެގެންދާނެ ކަމަށް،" ކުރިން ފުރަތަމަ ޑިވިޝަނުގެ އެކި ޓީމުތަކުގައި މަސައްކަތްކުރި ނިޒާމްބެ ބުންޏެވެ.

ލީގުގައި ވާދަކުރާ ކޮންމެ ޓީމެއް ވެސް މި ފަހަރު އެއް އަމާޒަކަށްވާނީ މާޒިޔާ ބަލިކުރުމެވެ. އެއީ އެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވުމެވެ. މިރޭ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ އީގަލްސް އަކީ އާންމުކޮށް ފަހަކަށް އައިސް މި ދެ ޓީމު ކުޅޭ މެޗުތަކުގައި ތަފާތު ރޫހެއް ދައްކައި ނަތީޖާ ނެރެފައިވާ ޓީމެކެވެ.

އެހެން ޓީމުތަކުން މާޒިޔާގެ ވާހަކަ ދައްކާއިރު އެ ޓީމު އެހާ މަތިކޮށް ރޭޓްކުރިޔަސް ނިޒާމްބެގެ ވިސްނުން ހުރީ އެ ވާހަކަތަކުން މާޒިޔާގެ ކުޅުންތެރިންނަށް ނުރަނގަޅު އަސަރެއް ކުރިޔަނުދޭން ރަނގަޅަށް ތައްޔާރުވެގެންނެވެ. ނިޒާމްބެ ބުނީ ވިސްނަން ޖެހޭނީ އަދި ތައްޔާރުވެ ތިބެން ޖެހޭނީ ވެސް މެޗު ބަދަލުވެދާނެ ހާލަތްތަކަށް ކަމަށާއި ޕްރީ ސީޒަނުގައި ނުވަ ހަފްތާ ވަންދެން ކުރެވުނު ޕްރެކްޓިހުގައި އެ ކަންތައްތަކަށް ސަމާލުކަން ދީގެން މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ.

"އަމިއްލަ އަށް އޯވަރޭޓް ކޮށްގެން މަސައްކަތް ފަށައިގަތުން އެއީ ގޯހެއް. އެއާ ހިލާފަށް ކުޅުންތެރިން އަމިއްލަ އަށް މި ހިސާބަށޭ ރޭޓްކޮށްފައި މިތިބީ. ލާން ޖެހޭ އެފޯޓާއި ކުރަން ޖެހޭ މަސައްކަތް ބޮޑުކަން ވިސްނައިފިއްޔާ އެއީ ވެސް އެޑްވާންޓޭޖެއް. ޓާންއައުޓް ވެސް ރަނގަޅުވާނެ. ގަބޫލުކުރަނީ ކުޅުންތެރިންނަށް ރަނގަޅަށް މެންޓަލީ ވިސްނައިދެވިފައި ކަމަށް އޮތީ،" ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގެ ތެރެއިން ޓީމުގެ ކެޕްޓަން އަސަދުﷲ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގެ ތެރެއިން ޓީމުގެ ކެޕްޓަން އަސަދުﷲ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފެށޭ ސީޒަނަކީ ދިގު މުއްދަތަކަށް މެޗުތަކެއް ނުކުޅެ ތިބެފައި ކުޅުންތެރިން އެނބުރި ކުޅުމަށް ނުކުންނަ ދުވަސްވަރު ކަމަށްވާތީ ކުޅުންތެރިންގެ ސިއްހަތަށް ވިސްނައި މެޗުތަކުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތް ހަދަން އެފްއޭއެމުން ހުޅުވާލި އެވެ. އެ ފުރުސަތުގައި އަށް ޓީމުގެ ތެރެއިން މާޒިޔާ ހިމެނޭ ގޮތަށް ތިން ޓީމު ފަސް ބަދަލު ކުރެވޭގޮތް ހަދަން ބޭނުންވި ނަމަވެސް މެޖޯރިޓީ ތާއީދު ނުލިބޭތީ އެކަން ނުވި އެވެ.

އެނގިފައިވާ ގޮތުގައި ގިނަ ކްލަބްތަކުން ފަސް ބަދަލު ކުރެވޭގޮތް ނުހެދީ އެއީ މާޒިޔާ އަށް އެޑްވާންޓޭޖެއްގެ ގޮތުގައި އެ ޓީމުތަކަށް ވިސްނުމުންނެވެ. ނިޒާމްބެ ބުނީ މިއީ ހަގީގަތުގައި ވަކި ކްލަބަަކަށް ޓާގެޓްކޮށްގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އޭނާ އާދައިގެ ސްކޮޑަކާ އެކުގައި އޮތް ޓީމެއްގައި ހުއްޓަސް މި ފަދަ ކުޅުންތެރިންގެ ސިއްހަތަށް ވިސްނައިގެން ކުރިއަށްދާން ލިބޭ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށެވެ.

"ހަގީގަތަކީ މާޒިޔާގެ ސްކޮޑު ކުޑަވާނެ އެހެން ސްކޮޑުތަކަށް ވުރެ. މާޒިޔާގެ ސްކޮޑުގައި ތިބީ ބަރާބަރު 23 ކުޅުންތެރިން. އަނެއްކޮޅުން ބަލާއިރު އެޑްވާންޓޭޖް ކޮންމެ ޓީމަކަށް ވެސް އެބައޮތް. މީގެ އެންމެ ބޮޑު އެއްޗަކީ ދަނޑުމަތީގައި ކުޅުންތެރިންނަށް އެ އަަންނަ ލޯޑުކުޑަކުރަން. ލޯޑުކުޑަކުރަން ބަލާއިރު ކައިރި ކައިރީގައި މެޗުތައް ޖެހޭއިރު ދަށް ސްކޮޑެއް އޮންނަ ޓީމަކަށް ވެސް އެ އެޑްވާންޓޭޖް ނެގޭނެ. ފަސް ކުޅުންތެރިން ބަދަލުކުރެވިއްޖެކަމަށް ވިއްޔާ އެ ކުރެވެނީ ގާތްގަނޑަކަށް 55 ނޫނީ 60 ކުޅުންތެރިން،" ނިޒާމްބެ ބުންޏެވެ.

މާޒިޔާ އިން އެންމެ ކުރިން ޕްރެކްޓިސް ފެށުމަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ދެކޭ ކަމަށް ނިޒާމްބެ ބުންޏެވެ. އަދި ލިބުނު މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދެން އޮތީ މެޗުތަކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރުން ކަމަށް ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ކޯޗުގެ ވިސްނުމަށް ކުޅުންތެރިން ހޭނިފައިވާ ކަމަށާއި މެޗެއް ނުކުޅެ އެހާ ގިނަ ދުވަސްވެފައިވާތީ މިހާރު ހުރިހާ ކުޅުންތެރިން ތިބީ މެޗަށް ކެތްމަދުވެފައި ކަމަށެވެ. މިދިޔަ ސީޒަނުގައި ވެސް މާޒިޔާގައި ތިބި ގިނަ ކުޅުންތެރިންނާ އެކު މި އަހަރު ކުޅެން ޖެހުމަކީ ވެސް އެޑްވާންޓޭޖެއް ކަމަށާއި މިދިޔަ ސީޒަނުގައި އަލަށް މާޒިޔާއާ ގުޅުނު ކުޅުންތެރިން ދެ ވަނަ އަހަރު ކުރިއަށް ވުރެން ރަނގަޅު ކުޅުމެއް ދައްކާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

މިރޭގެ ޗެރިޓީ ޝީލްޑް މެޗުގައި 2011 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ރެފްރީކަން ކުރި ހަންގޭރީގެ ވިކްޓަ ކަސާއީ އިންސާފުކުރާއިރު، މާޒިޔާ ނުކުންނާނީ ހަތަރު ވަނަ ފަހަރަށް ޝީލްޑް އުފުލާލައި މި މެޗުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ހޯދާށެވެ. މީގެ ކުރިން އެންމެ ގިނައިން ޝީލްޑް އުފުލާލީ ތިން ފަހަރެއްގެ މަތިން އެކަން ހާސިލްކުރި މާޒިޔާ އާއި ވީބީ އައްޑޫ އެފްސީ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.