ލަންޑަން (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުން 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް 13 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ރޭ އާސެނަލާ 1-1 އިން އެއްވަރުކުރި ސައުތެމްޓަން އެވެ. އެ ޓީމަށް 13 މެޗުން 24 ޕޮއިންޓް ލިބުނުއިރު، ލެސްޓާ ސިޓީ ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ރޭ ލެސްޓާ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި އެވަޓަން އަތުން 2-0 އިން ބަލިވެފަ އެވެ.

ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނުކުތީ އަނިޔާގެ ސަބަބުން މި މެޗަށް ފިޓްނުވި ޖޮއެލް މަޓިޕްގެ ބަދަލުގައި 19 އަހަރުގެ ޑިފެންޑަރު ރީސް ވިލިއަމްސް ކުޅެން އަރުވައިގެންނެވެ. ލިވަޕޫލުން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގަައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ސަލާހު ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމް ޑިފެންޑަރެއް ފައިގައި ޖެހިފައި ގޮހެވެ.

ޓޮޓެންހަމުން އެއްވަރުކުރީ މެޗުގެ 33 ވަނަ މިނިޓްގައި ސޮން ހެއުން މިން ޖެހި ގޯލުންނެވެ. ޖިއޮވާނީ ލޮ ސެލްސޯ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސޮން ވަނީ ލިވަޕޫލް ކީޕަރު އެލިސަން ބެކާ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލްކުރީ ލިވަޕޫލުންނެވެ. ދެ ވަނަ ހާފު ފަށައިގެން ޓޮޓެންހަމް އިން ރަނގަޅަށް ކުޅެ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އޭގެ ތެރެއިން އެއް ފުރުސަތެއްގައި ސްޓީވެން ބާގްވެއިން ޖެހި ބޯޅައެއް ބޭރުވީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އަދި ހެރީ ކޭން އަށް މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗު އެއްވަރުވާން ދަނިކޮށް ލިވަޕޫލް މޮޅުކޮށްދިން ގޯލު ފިރްމީނޯ ޖެހީ ކޯނަރަކުން އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅައަކުންނެވެ. ޓޮޓެންހަމް ކުޅުންތެރިއަކު ކައިރިން ޖާގަ ހޯދުމަށް ފަހު ފިރްމީނޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި މެޗުން މޮޅުވެ ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި ސައްތަ އިން ސައްތަ ރެކޯޑް ދެމެހެއްޓިއިރު، މިއީ ލީގުގައި މި ދަނޑުގައި ބަލިނުވެ ފުރިހަމަކުރި 66 ވަނަ މެޗެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވެ ކުޅެން ފަސޭހަކަމަށާއި އެކަަމަކު ޓޮޓެންހަމް އަތުން ލިބުނީ ފަސޭހަ މޮޅެއް ނޫން ކަމަށެވެ.

މިއީ މި ފަަހަރު ލީގުގައި ރަށުންބޭރުގައި ޓޮޓެންހަމް ބަލިވި ފުރަތަމަ މެޗެވެ. ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ބަލިވީ މެޗުގައި މޮޅަށް ކުޅުނު ޓީމު ކަމަށާއި ފުރުސަތުތަކަށް ބަލާއިރު މިއީ ޓޮޓެންހަމަށް ތިން ޕޮއިންޓް ހޯދޭނެ މެޗެއް ކަމަށެވެ.

އާސެނަލް ދަނޑުގައި ރޭ ސައުތެމްޓަނަށް ލީޑުނަގައިދިނީ ތިއޯ ވޮލްކޮޓް އެވެ. ދެ ވަނަ ހާފްގައި ޕިއޭ އެމެރިކް އޮބާމަޔަން އާސެނަލަށް އެއްވަރުކޮށްދީފައިވަނިކޮށް އެ ޓީމުގެ ޑިފެންޑަރު ގަބްރިއެލް މާގަޅައެސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އާސެނަލްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ސައުތެމްޓަނަށް ނުނެގުނެވެ.