ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ވެލެންސިއާއާ 0-0 އިން މާޒިޔާ އެއްވަރުވި މެޗުގައި ދެއްކި ކުޅުމާ ގުޅިގެން އެ ޓީމުގެ ކޯޗުކަމުން މުހައްމަދު ނިޒާމް (ނިޒާމްބެ) ވަކިވެއްޖެ އެވެ.

ރޭ އެއްވަރުވި ނަމަވެސް ފުރަތަމަ ތިން މެޗު ނިމުނުއިރު މާޒިޔާ އޮތީ އެއް ވަނައިގަ އެވެ. ނިޒާމްބެ މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރޭގެ މެޗުގައި ފެނުނު ގަބޫލުކުރަން އުނދަގޫ ކުޅުމަށް ފަހު މާޒިޔާގެ ކޯޗުކަމުން ވަކިވާން ނިންމީ ކަމަށެވެ. ފާއިތުވި މަސްތަކުގައި ކުރެވުނު މަސައްކަތާއި މާޒިޔާ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ބެހެއްޓި ގާތްކަމަށް ނިޒާމްބެ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މާޒިޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ނިޒާމްބެ މަގާމުން އިސްތިއުފާދޭން ހުށަހެޅުމާ އެކު ކްލަބްގެ ބޯޑުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ކްލަބަށް ނިޒާމްބެ ކޮށްދީފައިވާ ހިދުމަތަށް ޝުކުރުއަދާކުރާކަމަށެވެ. މާޒިޔާ އިން ދާއިމީ ކޯޗެއް ހަމަޖައްސަންދެން ވަގުތީ ކޯޗެއްގެ ޒިންމާއާ ހަވާލުވީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) އެވެ.

މިދިޔަ ޖުލައި 21 ވަނަ ދުވަހު މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސިއިރު އެންމެ ބޮޑު ފޯކަސް އަކީ މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެވެ. އެކަމަކު މާޒިޔާ އިން ޕްރެކްޓިސް ވެސް ފަށާފައި ވަނިކޮށް ފަހުން އެ މުބާރާތް ކެންސަލްކުރީ އެވެ.

އެންމެ ކުރިން ޕްރީ ސީޒަން ފަށައި ނިޒާމްބެ މާޒިޔާ ގޮވައިގެން ފުރަތަމަ ނުކުތީ މި މަހު އަށް ވަަނަ ދުވަހު ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗަށެވެ. އެ މެޗުގައި މާޒިޔާ ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި އީގަލްސް އިން އަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި މެޗުން މޮޅުވި އެވެ. އޭގެ ފަހުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ވަނީ 4-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 7-1 އިން މޮޅުވިއިރު، ތިން ވަަނަ މެޗުން ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުވީ އެވެ.

ކުރިން ވިޔަންސާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ނިޒާމްބެ އެންމެ ފަހުން ހަވާލުވި ދެ ޓީމުގެ ކޯޗަކަށް ހުރީ ވެސް ކުރު މުއްދަތެއްގަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ހަވާލުވެ އެ ޓީމާ އެކު ފެޑެރޭޝަން ކަޕްގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ޖެނުއަރީ ދެ ވަނަ ދުވަހު އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި އެެވެ. އަދި މި ފަހަރު މާޒިޔާއާ އެކު ވެސް ކޮންޓްރެކްޓް އެއްކޮށް ފުރިހަމަނުކުރެވުނެވެ.

މިއީ ސީޒަނުގެ ކުރީކޮޅުގައި މާޒިޔާގެ ކޯޗު އެ ޓީމުން ވަކިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު މާޒިޔާގެ ކޯޗަކަށް ހުރި އިސްމާއިލް މަހަފޫޒް (އިންމަ) ވެސް ވަނީ ސީޒަނުގެ ފުރަތަމަ މެޗުން އެއްވަރުވެފައިވަނިކޮށް އެ މެޗަށް ފަހު އަމިއްލަ އަށް މަގާމުން ވަކިވެފަ އެވެ.