އާ ސީޒަން ފަށައިގެން އެންމެ ހަތަރު މެޗަށް ފަހު މާޒިޔާގެ ކޯޗުކަމުން މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުން ވަރަށް ގިނަ ބަޔަކަށް މިވަނީ ހައިރާންކަންލިބިފަ އެވެ. ކުޅުން ދަށްވުމުން ކަމަށް ބުނެ އޭނާ އިސްތިއުފާ އެ ދިނީ އެންމެ ރަނގަޅު ވަގުތުތޯ، މިއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ނިޒާމްބެ އިސްތިއުފާ ދިނީއެއް ނޫނެވެ. ކްލަބުން އަންގައިގެން އިސްތިއުފާ ދިނީ އެވެ.
ނިޒާމްބެގެ އިސްތިއުފާ މެސެޖުގައި އޭނާ ބުނެފައިވަނީ ލީގުގައި އެންމެ ފަހުން ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި މާޒިޔާ އިން ދެއްކި ކުޅުން ދަށްވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށެވެ. ވެލެންސިއާ މެޗަށް ފަހު ނިޒާމްބެ ބުނެފައިވަނީ އެ މެޗުގައި މާޒިޔާ ކުޅުންތެރިންގެ ފަރާތުން ފެނުނީ އޭނާ ބޭނުންވި ގޭމް ޕްލޭނާ އެއްގޮތަށް ކުޅުނުތަން ނޫން ކަމަށެވެ. އަދި ކުޅުންތެރިން ކުޅުނީ އިދިކޮޅަށް ނުކުތް ވެލެންސިއާގެ ގޭމްޕްލޭނަށް މާ ބޮޑަށް ސަމާލުވެގެން ކަމަށް ވެސް ބުނެފައިވެ އެވެ.
ނިޒާމްބެ އިރުޝާދުގެ ދަށުން މާޒިޔާ އިން ދެ ފަހަރެއްގެ މަތިން ޕްރެކްޓިސް ފެށި އެވެ. އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ ސެޕްޓެމްބަރުގައި، އޭއެފްސީ ކަޕަށް ތައްޔާރުވާށެވެ. އެކަމަކު އެ މުބާރާތް ކެންސަލްކުރުމުން ޕްރެކްޓިސް ހުއްޓާލުމަށް ފަހު ސީޒަނަށް ތައްޔާރުވާން އަލުން ފެށީ އޮކްޓޫބަރު މަހު 10 ވަނަ ދުވަހު އެވެ.
ދިވެހި ކޯޗުންނަށް ބަލާއިރު ސީޒަނަށް ތައްޔާރުވާން އަބަދުވެސް އެންމެ ކުރިން ޕްރެކްޓިސް ފަށާ ކޯޗަކީ ނިޒާމްބެ އެވެ. އެއީ އޭނާ ބޭނުންވާ ވައްޓަފާޅި އަށް ޓީމު ލައްވައި ކުޅުމަށް ވަގުތު ނަގައި ކުޅުންތެރިންގެ ފިޓްނަސް ވެސް ރަނގަޅު ލެވަލަކަށް ގެންދިއުމުގެ ވިސްނުމުގަ އެވެ. މާޒިޔާގައި ވެސް އޭނާ ކަންތައްކުރީ އެގޮތަށެވެ. މާޒިޔާ ލައްވައި ނިޒާމްބެ ބޭނުންވާ ސްޓައިލުގެ ފުޓްބޯޅަ ކުޅެވޭނެކަމަށް އޭނާ ވަނީ އެންމެ ފުރަތަމަ މެޗަށް ފަހު ބުނެފަ އެވެ. އެކަމަކު ކުއްލިއަކަށް އިސްތިއުފާ ދިނީ އެވެ.
މާޒިޔާގައި ނިޒާމްބެގެ ނަތީޖާތަކަށް ބަލާއިރު އެންމެ ފުރަތަމަ ޗެރިޓީ ޝީލްޑް މެޗުން އީގަލްސް އަތުން ބަލިވީ 3-2 އިންނެވެ. އެ މެޗުން މާޒިޔާ ބަލިވީ ފަހަތުން އަރައި ދެ ވަނަ ހާފްގެ އަށް މިނިޓް ތެރޭ އީގަލްސް އިން ވައްދާލި ލަނޑުތަކާ އެކު އެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 4-0 އިން މޮޅުވި އެވެ. ދެ ވަނަ މެޗުގައި ތަފާތު ރޫހެއްގައި ކުޅެ 7-1 އިން ގްރީން ސްޓްރީޓްސް ބަލިކުރި އެވެ.
މާޒިޔާގައި ނިޒާމްބެގެ ފަހު މެޗަކަށް މިވީ ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗެވެ. ވެލެންސިއާ މެޗަށް ފަހު ވެސް ނިޒާމްބެ ވަނީ ކުރިއަށް ހުރި މެޗުތަކުގައި ކަންތައްތައް ރަނގަޅުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ދެން ފެނުނީ އޭނާ އެ ޓީމާ ދުރަށް ޖެހިލި ތަނެވެ.
އެހެންވެ މިއީ ނިޒާމްބެގެ އަމިއްލަ ނިންމުމެއް ނޫން ކަމަށާއި ކްލަބުން އޭނާއާ މެދު ހިތްހަމަނުޖެހިގެން އިސްތިއުފާދިނީ ކަމަށް އެއް ބަޔަކު ބުނަނީ އެހެންވެ އެވެ. މާޒިޔާ އިން މީގެ ކުރިން ކޯޗުން ވަކިވީ ކޮން ގޮތަކަށްތޯ މިއީ ބަލާލަން މުހިއްމު ކަމެކެވެ.
މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގައި އެންމެ ގިނަ ދުވަހު ކޯޗުކޮށްދިނީ އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. ގިނަ އަހަރުތަކެއް ވަންދެން މާޒިޔާ އަށް ކޯޗުކޮށްދީ އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަން އެހީވެދިން އިންމަ 2014 ވަނަ އަހަރު މާޒިޔާ ކޯޗުކަމުން އަމިއްލަ އަށް ވަކިވާން ނިންމީ ލީގުގެ ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާ އެއްވަރުވި މެޗަށް ފަހު އެވެ. އެއީ އިންމަގެ އަމިއްލަ ނިންމުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
އަދި ފަހުން މާޒިޔާއާ ހަވާލުވެ 2018 ވަނަ އަހަރުގެ ސީޒަން އެއްކޮށް އިންމަ އަށް ލިބުނުއިރު ޓާގެޓް ހާސިލްނުވެ އެ އަހަރަށް ފަހު އެ ޓީމު ދޫކޮށްލީ އެވެ. އެ ސީޒަން ދިޔަ ގޮތަށް ބަލާއިރު، ވަރުގަދަ ސްކޮޑަކާ އެކީ މާޒިޔާ އިން ލީގުގެ އެއް ވަނައިގައި އޮތް ޓީސީއާ 11 ޕޮއިންޓު ފަހަތުގައި ވެސް އޮތެވެ. އެކަމަކު އިންމަ އަށް ޓީމުގެ ހާލަތު ބަދަލުކުރަން ވަގުތީ ދިނެވެ. ފަހުން ނަތީޖާ ރަނގަޅުކޮށް އިންމަ ވަނީ އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ. އެހެންކަމުން މާޒިޔާ އިން އަވަސް އަރުވާލާފައި ކޯޗު ބަދަލުކުރުމުގެ ވިސްނުން ނުގެނެސް ބަދަލެއް ގެންނަނީ ގިނަ ގޮތްގޮތުން ވިސްނާފައިކަމަށް ބެލެވެ އެވެ.
މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގައި އެންމެ ގިނަ ކާމިޔާބީ ހޯދައިދިނީ މަޝްހޫރު ކޯޗު އަލީ ސުޒޭން އެވެ. އޭނާ 2016 ވަނަ އަހަރު ވަރުގަދަ ސްކޮޑެއް ގޮވައިގެން ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ އެ ވަރުގެ ސްކޮޑެއް ގޮވައިގެން ހުރިހާ މުބާރާތެއް ކާމިޔާބު ނުކުރެވިއްޖެނަމަ އަމިއްލަ އަށް ޒިންމާ ނަގާނެ ކަމަށް ބުނެފަ އެވެ. ސުޒޭން އެ ފަހަރު މާޒިޔާއާ އެކު އެކަން ހާސިލްނުކުރެވި އަމިއްލަ އަށް އެ ޓީމު ދޫކޮށްލީ އެވެ.
ދެން މާޒިޔާ އަށް ޓޮޕް ޑިވިޝަނުގައި ކޯޗުކޮށްދިނީ ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އެވެ. ސެކުލޮސްކީ ދެ ފަހަރު ވެސް ޓީމު ދޫކޮށްލީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުންނެވެ.
މިހާތަނަށް ބަލާއިރު މާޒިޔާ އިން ކޯޗުން ވަކިވި މުއްދަތަށް ބަލާއިރު އެންމެ އަވަހަށް ސީޒަނެއް ފަށައިގެން ވަކިވީ އިންމަ އެވެ. އެކަމަކު އެންމެ ކުޑަ މުއްދަތެއްގައި އެ ޓީމަށް ހެޑް ކޯޗަކަށް މަސައްކަތްކުރީ ނިޒާމްބެ އެވެ.
ނިޒާމްބެ ވެސް ފާހަގަކުރެވެނީ ވަރަށް އަވަހަށް ބޮޑެތި ނިންމުން ނިންމާ ކޯޗެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ނިޒާމްބެ ހަވާލުވީ ސަރަހައްދުގެ މަތީ ފެންވަރުގެ ލީގެއްގައި ދިވެހި ކޯޗެއް ހައިސިއްޔަތުން ރަނގަޅު ނަތީޖާތަކެއް ނެރުމުގެ ވިސްނުމުގަ އެވެ. ނިޒާމްބެ ސައިފް ގޮވައިގެން ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނެވެ. އެކަމަކު އެ މުބާރާތުން ކެޓުމާ އެކު ސައިފްގެ މެނޭޖްމަންޓާ މަޝްވަރާކޮށް މި އަހަރުގެ ޖެނުއަރީ ކުރީކޮޅުގައި ނިޒާމްބެ އެ ޓީމާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލީ އެވެ.
މާޒިޔާއާ އެކު ވެސް ޕްލޭނެއް ހަދައި މަސައްކަތް މި ކުރެވުނީ ނިސްބަތުން ބަލާއިރު ވަރަށް ކުރު މުއްދަތެއްގަ އެވެ. ގިނަ ބަޔަކު ހައިރާންވާ އެންމެ ބޮޑު ސަބަބަކީ ސީޒަނުގެ ކުރީކޮޅުގައި މާޒިޔާ ލީގުގެ ތާވަލުގައި އެއް ވަނައިގައި އޮއްވައި ނިޒާމްބެ ވަކީވީ ކީއްވެތޯ އެވެ.
"މިހާރަ"ށް އެނގިފައިވާ ގޮތުގައި މިއީ ދެ ފަރާތް ވާހަކަ ދެކެވިގެން މި ވަގުތަށް އެންމެ ރަނގަޅީ އެ ގޮތް ކަމުގައި ބަލައިގެން ނިންމި ނިންމުމެކެވެ. އަނެއް ކޮޅުން ބަލާއިރު ދިގު ސީޒަނެއްގެ ކުރީކޮޅުގައި ނިންމުމެއް ނިންމުމުގެ އެންމެ ބޮޑު އަސްލަކީ ސީޒަންގެ ބޮޑުބައި ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ އަމާޒުގައި ނިންމާ ނިންމުމަކަށް ވުމުގެ ފުރުސަތު އޮތުމެވެ. އަދި މިހާރު އޮތް ޓީމު ގޮވައިގެން މި ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ހިސާބަކަށް ދާން ރަނގަޅު ފެންވަރުގެ ކޯޗެއް ގެންނަނީ ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ.
މާޒިޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހެން ކޯޗެއް ހަމަޖައްސަން ދެން ޓީމުގެ ވަގުތީ ކޯޗެއްގެ ޒިންމާ ނަގާނީ އަހުމަދު ސުޒައިރު (ކޮއްކޮ) ކަމަށެވެ. ކޮއްކޮ އަކީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ހޯދިއިރު އެ ޓީމުގެ ކޯޗެވެ. އަދި މާޒިޔާގެ ތާރީހުގައި މިހާތަނަށް ހޯދި ހުރިހާ ކާމިޔާބެއްގައި ކޮއްކޮގެ ހިއްސާ އެބައޮތެވެ. ކޮންމެ ކޯޗަކާ އެކީ އެސިސްޓަންޓެއްގެ ގޮތުގައި އިސް ޒިންމާ ނެގީ އޭނާ އެވެ. ބެލެވޭ ގޮތުގައި މާޒިޔާ އިން އާ ކޯޗެއް ގެންނާނީ އަންނަ މަހު ތިން ވަނަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ.