ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް ތިން ވަނަ އަށް

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

15 ޖެނުއަރީ 2021 - 23:12

2 comments

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް އަރައިފި އެވެ.

ގްރީން ސްޓްރީޓްސް ތިން ވަނަ އަށް އެރީ ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ ގްރީން ސްޓްރީޓްސްގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. މިރޭގެ ބައްޔާ އެކު އީގަލްސް އޮތީ ހަ މެޗުން ހަތަރު ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. ލީގުގެ އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މާދަމާރޭ ސަސް އަތުން މޮޅުވެއްޖެނަމަ އީގަލްސް ލީގުގެ ފުލަށް ވެއްޓޭނެ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މި މެޗުން މި ލިބުނު މޮޅާ އެކު ލިބޭ އަނެއް ހިތްހަމަޖެހުމަކީ ބަލިނުވެ ހަތަރު ވަނަ މެޗެއް ފުރިހަމަކުރެވުން ކަމަށެވެ.

"ބޭނުމީ މި ރަން ކޮންޓިނިއު ކުރަން. ހަގީގަތުގައި މެޗަކަށް ފަހު މެޗެއް މި އަންނަނީ ކުރިއެރުން ހޯދަމުން. ވެލެންސިއާ މެޗުގެ ފަހުން ހަގީގަތުގައި ގޯލު ޖަހާނެ ޗާންސް ކްރިއޭޓްކުރޭ އެކަމަކު ބޭނުންނުކުރެވި މިދިޔައީ. އޭގެ ބަދަލުގައި މި މެޗު މި ދިޔައީ ވަރަށް ރަނގަޅަށް،" ނިސްތާރު ބުންޏެވެ.

މެޗު ފަށައިގެން ފުރަތަމަ ދެ ހަމަލާވެސް އުފެއްދީ އީގަލްސް އިންނެވެ. އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އޭރިއާ ތެރެއިން މިސްރުގެ ފޯވާޑް މުހައްމަދު އުސާމާ ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނިޓްގަ އެވެ. ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު ރިސްވާން (ފުކޭ) އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި އަލީ ޝާމިއު (މައިތޯ) އެވެ. އޭރިއާ ބޭރުން އޭނާ ޖެހި ޝޮޓް ގޯލަށް ވަނީ އީގަލްސްގެ ކީޕަރު އިބްރާހިމް ސިނާހު އަތުގައި ޖެހިފަ އެވެ. ސިނާހު ފުރަތަމަ އެގާރައިގައި ހިމެނީ އީގަލްސްގެ މޮންޓެނެގްރޯ ކީޕަރު މިލާން ޔެލޮވަކް ދެ ކާޑުހަަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރުމުންނެވެ.

ލީޑު ލިބުނުތާ މިނިޓެއް ވެސް ނުވަނީސް ގްރީން ސްޓްރީޓްސް އިން ދެ ވަނަ ގޯލެއް ޖެހި އެވެ. އަބްދުﷲ ޔާމީން (ޔާން) ނަގައިދިން ހުރަހަކުން ހަސަން ނަޒީމް (ޗޯޓު) ބޮލުން ޖައްސާލި ބޯޅަ އީގަލްސް ޑިފެންޑަރެއް ގައިގައި ޖެހިފައި މުނޯޒަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އީގަލްސް އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ މުހައްމަދު ނާއިމް އަށެވެ. ހަންނަ ނަގައިދިން ހުރަހަކުން ނާއިމް ހުސްކޮށް ވަދެ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ގްރީން ސްޓްރީޓްސް އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިން ވަނަ ގޯލު ޖެހީ އީގަލްސްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. ހަލީލް ޖަމާލް ދިން ބޯޅައަކުން ގްރީން ސްޓްރީޓްސްގެ މި ގޯލު ޖެހީ ޔާން އެވެ.

ދެ ވަނަ ހާފް ފަށައިގެން އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ ގޯލެއް ޖަހަން ކުރި މަސަައްކަތް ކާމިޔާބުވީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ހަންނަ ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު ސާގިބު އަތުގައި ޖެހިފައި ނުކުތް ވަގުތު ނާއިމް ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން އީގަލްސްގެ ޒައިން ޒަފަރު އޭރިއާތެރެއިން ޖެހި ބޯޅައެއް ކީޕަރު ސާގިބު ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ގޯލަކީ ކޯނަރަކުން އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) ނެގި ބޯޅައެއް އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ފައިގައި ރަނގަޅަށް ލައްވާނުލައި ގޮސް ބައިކޮޅަށް ވަން ގޯލެކެވެ. ގްރީން ސްޓްރީޓްސް އަށް ފަސް ވަނަ ގޯލެއް ޖަހައިދޭން އަންކޮ އަށް ލިބުނު ފުރުސަތުން އެނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ބަލިވި އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސިވް މިސްޓޭކްތައް ގިނަވުން ކަމަށާއި ފަހަތަށް ދާ ބޯޅަތަކުގައި ހަމަ ހެދޭ ގޯސްތަކުގެ ސަބަބުން ފަސޭހަ ގޯލުތަކެއް ވަދެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހެނީ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް މި ކަހަލަ ބައިވަރު މިސްޓޭކް ފެންނަމުން މިދަނީ. ކުޅުންތެރިން އެބަޖެހޭ މިހާރަށް ވުރެން ކޮންސަންޓްރޭޝަން ރަނގަޅުކުރަން. ހުރިހާ ކަމެއް އެހާ ފުރިހަމަކޮށް ނުކުރެވޭނެ. މަދު ބޯޅައެއް އައި ކަމަށް ވިޔަސް ކޮންމެ ބޯޅައެއް ނުރައްކާކޮށް މި ދަނީ މި މެޗުގައި ފެނިގެންދިޔަ ބައެއް ގޯލުތަކަކީ އަޅުގަނޑުމެން އަތުން ދީގެން ޖެހުނު ކަަހަލަ ގޯލުތަކެއް ގާތްގަނޑަކަށް،" މޯހަން ބުންޏެވެ.

މިދިޔަ އަހަރުތަކުގައި އީގަލްސް ކޮޅަށް ގޯލު ވަން ކަމުގައި ވިޔަސް އެ ޓީމަށް އޮންނަ އެޑްވާންޓޭޖަކީ ލިބޭ މަދު ފުރުސަތުތަކުގައި އެ ޓީމުން ޖަހާ ގޯލު ގިނަވުމެވެ. އެކަން އެންމެ ރަނގަޅަށް ކުރި އީގަލްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ކަކުލަށް އަނިޔާވެ ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު މޯހަން ބުނީ އޭނާ ނެތްތަން ވެސް ދައްކާ ކަމަށެވެ.

މި މެޗުގެ މެޗު ކޮމިޝަނަރަކީ އެފްއޭއެމްގެ އެކްސްކޯ މެމްބަރު އައިމިނަތު ޝާނީޒް އެވެ. އޭނާ އަކީ ދިވެހި ޕްރިިމިއާ ލީގުގެ މެޗެއްގައި މެޗު ކޮމިޝަނަރުކަން ކުރި ފުރަތަމަ އަންހެން ކޮމިޝަނަރެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީގަލް

16 January 2021

މޯހަން އިސްތިއުފާދީފަ ރައްކާވޭ

The name is already taken The name is available. Register?

ދަގޭްންޑޭ

16 January 2021

އިސްތިއުފާ އަކީ ހައްލެއްނޫން..މޯހަން އަށް ސީޒަނެއްގައި ރަނގަޅަށް މަސައްކަތް ނުކުރެވުމަކީ މޯހަންގެ ފެންވަރު ދަށްވެ ނުވަތަ އޭނަ ކޮށްފަ ހުރި މަސައްކަތްތަކުގެ އަގު ދަށަްވާ ކަމެއް ނޫން....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454