24 ޖެނުއަރީ 2021 - 09:18
މެޑްރިޑް (ޖެނުއަރީ 24) - ސްޕެނިޝް ލީގުގައި ރޭ 4-1 އިން އަލަވޭސް ބަލިކޮށް، ގޯސް ނަތީޖާތަކުގެ ޕްރެޝަރުން އަރައިގަނެ ރެއާލް މެޑްރިޑުން ހަމަޖެހުމެއް ހޯދައިފި އެވެ.
ރޭގެ މެޗުގެ ކުރިން ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިވިއިރު، އޭގެ ފަހުން ސްޕެނިޝް ކަޕް (ކޮޕަ ޑެލްރޭ)ގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ތިން ވަނަ ޑިވިޝަނުގެ އަލްކޮޔާނޯ އަތުން ވަނީ ކަޓައިފަ އެވެ. ރޭ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވަނިކޮށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ ހުރީ އެކަހެރިވެގެންނެވެ.
އެސިސްޓަންޓް ކޯޗު ޑޭވިޑް ބެޓޯނީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު މި މެޗުގައި އެ ޓީމަށް ލީޑުނަގައިިދިނީ މެޗުގެ 15 ވަނަ މިނިޓްގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަރިމް ބެންޒެމާ އާއި އެޑެން ހަޒާޑް ވަނީ ރެއާލަށް އިތުރު ދެ ގޯލު ޖަހައިދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ހޮސޭލޫ ވަނީ އަލަވޭސް އަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ބެންޒެމާ ރެއާލްގެ ފަހު ގޯލު ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ.
މި ނަތީޖާއާ އެކު ރެއާލް ލީގުގެ ދެ ވަނައިގައި އޮތީ 19 މެޗުން 40 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ 17 މެޗުން 44 ޕޮއިންޓް ހޯދައިފަ އެވެ. ރޭ ސެވިއްޔާ ވަނީ 3-0 އިން ކަޑިޒް ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 19 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ހަތަރު ވަނައިގައި އޮތީ 18 މެޗުން 34 ޕޮއިންޓާ އެކު އެވެ. ލީގުގައި މިރޭ އެލްޗޭ އަތުން މޮޅުވެގެން ބާސެލޯނާ އަށް އަލުން ތިން ވަނަ އަށް އެރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy