ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން/ އޭޝިއާ

ރާއްޖެ ގްރޫޕްގެ ބާކީ މެޗުތައް ޖޫން މަހު ޗައިނާގައި؟

ވޯލްޑް ކަޕް ކޮލިފައިންގައި 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޗައިނާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ބާކީ ހުރި މެޗުތައް ޗައިނާ އިން ހޯސްޓްކުރަން ކުރާ މަސައްކަތުގައި ކުރިއެރުން ހޯދައި ޖޫން މަހު ހުރިހާ މެޗެއް އެ ގައުމުގައި ކުރިއަށްގެންދާ ގޮތަށް ނިންމާފައިވާ ކަމަށް ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗައިނާ އިން ބޭނުންވާ ގޮތަށް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި، ބާކީ ހުރިހާ މެޗެއް ޗައިނާގައި ކުޅެން ރާއްޖޭން ބޭނުން ނުވާކަން "މިހާރު" އަށް އެނގިފައިވެ އެވެ. އެއީ އަމިއްލަ ގައުމުގައި ކުޅެން ލިބޭ ރަސްމީ މެޗުތައް މަދުވެފައިވާއިރު، މިހެން ލިބޭ ރަނގަޅު މެޗުތައް އަމިއްލަ ފަސްގަނޑުގައި ކުޅުމުގެ ފުރުސަތު ގެއްލެން ބޭނުންނުވާތީ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ރަސްމީކޮށް ޗައިނާގައި ހުރިހާ މެޗެއް ކުޅޭ ގޮތަށް އަދި ހަމަޖައްސާފައިނުވާ ކަމަށެވެ.

ގުއާމް މިހާރު ވަނީ އެ ޓީމުގެ ބާކީ އޮތް މެޗުތައް ޗައިނާގައި ކުޅެން އެއްބަސްވެފަ އެވެ. ފިލިޕީންސުން ވެސް ޗައިނާގެ ހުށަހެޅުމާ މެދު ޕޮޒިޓިވްކޮށް ވިސްނަމުން އަންނައިރު ސީރިއާގެ މެޗުތައް މި ވަގުތު ވެސް ކުޅެމުން އަންނަނީ އެ ގައުމުގައި ހޯސްޓްކުރެވެން ނެތުމުން ނިއުޓްރަލް ދަނޑެއްގަ އެވެ. ސީރިއާ އިން މި ފަަހަރުގެ ކޮލިފައިންގައި ކުޅޭ ހަތަރު ހޯމް މެޗު ވެސް އޮތީ ނިމިފަ އެވެ. ހަތަރު މެޗު ވެސް ކުޅުނީ ދުބާއީގަ އެވެ. ޗައިނާގައި ކުޅުމާ މެދު މި ވަގުތު ގޮތެއް ނުނިމި އޮތް މެޗަކީ އަންނަ މަހު 30 ވަނަ ދުވަހު ރާއްޖެ އާއި ސީރިއާ މާލޭގައި ކުޅޭ މެޗެވެ.

ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަން (ސީއެފްއޭ) އިން މިހާރު ހުށަހަޅާފައިވާ ޝެޑިއުލްގައިވާ ގޮތުން ގްރޫޕް އޭގެ ބާކީ މެޗުތައް ޝަންހާއީގައި ކުރިއަށްގެންދާނީ ޖޫން 3 އިން ޖޫން 15 ގެ ނިޔަލަށެވެ.

ޗައިނާއާ ދެކޮޅަށް ކޮލިފައިންގައި ރާއްޖެ ކުޅެން އޮތް މެޗު މިދިޔަ އަހަރުގެ މާޗް މަހު އެ ގައުމުގައި ބޭއްވެން ނެތުމުން އެ މެޗު ތައިލެންޑަށް ބަދަލުކޮށްގެން ކުޅެވޭތޯ ބެލި ނަމަވެސް ފަހުން ޖެހުނީ ފަސްކުރާށެވެ. ސީއެފްއޭ އިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި އަންނަ މަހުގެ 25 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗާއި ގުއާމްއާ ދެކޮޅަށް އޭގެ ފަސް ދުވަސް ފަހުން ކުޅެން އޮތް މެޗު ޖޫން މަހަށް ފަސްކުރަން އެދިފަ އެވެ. އެއީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ޗައިނާގައި އެ މުއްދަތުގައި އެ މެޗުތައް ކުޅެވޭނެ ގޮތެއް އަދި ނެތުމުންނެވެ. އެކަމަކު އޭގެ އަސްލު ބޭނުމަކީ ޗައިނާގައި ސެންޓްރަލައިޒްކޮށް ބާކީ މެޗުތައް ކުޅެން ކުރާ މަސައްކަތުގައި ގޮތެއް ކަނޑައަޅާފައި ކުރިއަށް ދިއުމެވެ.

ޗައިނާ އިން ހުށަހަޅާފައިވާ ޝެޑިއުލް

- ޗައިނާ - ރާއްޖެ (ޖޫން 3)

- ގުއާމް - ފިލިޕީންސް (ޖޫން 3)

- ގުއާމް - ޗައިނާ (ޖޫން 7)

- ރާއްޖެ - ސީރިއާ (ޖޫން 7)

- ޗައިނާ - ފިލިޕީންސް (ޖޫން 11)

- ގުއާމް - ސީރިއާ (ޖޫން 11)

- ޗައިނާ - ސީރިއާ (ޖޫން 15)

- ރާއްޖެ - ފިލިޕީންސް (ޖޫން 15)

ޗައިނާ އިން ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ބާކީ މެޗުތައް ކުޅެން ހުށަހަޅާ އެންމެ ބޮޑު ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމަށް ހުރި ދަތިތަކުގެ ތެރެއިން ވެސް މެޗުތައް ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމުގެ ގޮތުންނެވެ. އެ ގޮތުން ބައެއް ގައުމުތަކުގައި މެޗުތަކުގެ ކުރިން ކަރަންޓީނު މުއްދަތެއް ފުރިހަމަކުރާ ގޮތަށް އޮތުމުން އޭގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލެއް އޮތީ އެއް ސަރަހައްދެއްގައި ހުރިހާ މެޗުތަކެއް ކުޅެގެން ކަމަށް ޗައިނާ އިން ގަބޫލުކުރެ އެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

މިދިޔަ އަހަރު ކުރީކޮޅު ގައުމީ ޓީމާ ހަވާލުވި ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ރަސްމީކޮށް އަދި މެޗަކަށް ނުކުމެފައެއް ނުވެ އެވެ. ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްތައް ކުރިއަށްގެންގޮސްފައިވާއިރު، ކޮވިޑާ ހެދި މެޗުތައް ފަސްކުރުމުން ޕްރެކްޓިސް ހުއްޓާލަން ޖެހުނީ އެވެ. ދާދި ފަހުން އެފްއޭއެމުން ވަނީ ކޫޕްމަންއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.

ކޫޕަމަން އިއްޔެ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ ދާދި ފަހުން ބޭއްވި ބައްދަލުވުމަކަށް ފަހު ޗައިނާގައި ގްރޫޕް ސްޓޭޖުގެ ބާކީ ހުރިހާ މެޗެއް ޖޫން މަހު ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ މާނަ އަކީ އަންނަ މަހު އެއްވެސް މެޗެއް ނުކުޅެނޭ ކަމަށާއި ކޮވިޑް-19ގެ ސަބަބުން މި ކުރިމަތިވާ ގެއްލުންތަކަށް ގުޅިގެން ހައްލުތަކެއް ހޯދަން ޖެހޭ ކަމަށް ކޫޕްމަން ބުންޏެވެ.

ގައުމީ ކޯޗު ކޫޕްމަން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް.

ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް މާލެ ސަރަހައްދުގައި އިތުރުވަމުންދާތީ އެޗްޕީއޭގެ އެންގުމަށް މި މަހު ތިން ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގު 14 ދުވަހަށް މެދުކަނޑާލި އެވެ. އެޗްޕީއޭ އިން ވަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދައްމާލައިފަ އެެވެ. ދިވެހި ލީގު އަލުން ފަށަން ކުރާ މަސައްކަތުގައި ހައްލެއް ހޯދަން ކްލަބްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށްފައިވާއިރު، ހެލްތު މިނިސްތްރީ އާއި ސްޕޯޓްސް މިނިސްޓްރީގެ އެހީތެރިކަމާ އެކު ފުރަަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައި

18 February 2021

ދެން ތިކުޅޭނެކަމެއްނެތް. ތީ އެއްވެސް ފައިދާއެއްވާ އެއްޗެއްނޫން.

The name is already taken The name is available. Register?

މުލޭ

18 February 2021

ރާއްޖޭން އޮންނާނީ ތިކަމަށް އެއްބަސްވެފައި. ހަދިޔާއެއްވެސް ނަގާފައި އޮންނާނީ. ކުރިންވެސް ޗައިނާއަށް މެޗު ހޯސްޓް ކުރަން މެޗުން ހަދިޔާއެއް ނެގި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454