ކޮވިޑް-19ގެ ސަބަބުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.
މިދިޔަ އަހަރު މާޗް މަހު 26 ވަނަ ދުވަހާއި 31 ވަނަ ދުވަހު ކުޅެން އޮތް މެޗުތައް ފުރަތަމަ ފަސްކޮށްފައި ބާއްވަން ތާވަލުކުރީ މިދިޔަ އޮކްޓޫބަރާއި ނޮވެމްބަރު މަހުގަ އެވެ. ކޮވިޑް-19ގެ ހާލަތުން އަރައިގަންނަން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބި އޭރު ވެސް މެޗުތައް ބޭއްވޭނެ ގޮތް ނުވުމުން ދެ ވަނަ ފަހަރަށް މެޗުތައް ފަސްކުރީ އަންނަ މަހު ބާއްވާ ގޮތަށެވެ. އޭއެފްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން ހަތަރު މެޗެއް ފިޔަވައި ދެން ހުރި ހުރިހާ މެޗެއް ކުޅޭނީ ޖޫން މަހު ކަމަށެވެ.
އަންނަ މަހު ކުޅޭ ގޮތަށް ޝެޑިއުލްކޮށްފައިވާ ހަތަރު މެޗަކީ ނޭޕާލުން އެ ގައުމުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗާއި ސައުދީ އަރަބިއްޔާ އިން ޔަމަނާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ތަޖިކިސްތާނާއި މޮންގޯލިއާ ބައްދަލުކުރާ މެޗު އަދި މޮންގޯލިއާ އާއި ޖަޕާން ކުޅޭ މެޗެވެ.
ރާއްޖޭން އަންނަ މަހު 25 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗާއި މާލޭގައި އަންނަ މަހު 30 ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗު ވެސް މިހާރު މި ވަނީ ޖޫން މަހު ކުޅެން ނިންމައިފަ އެވެ. މީގެ ތެރެއިން ސީރިއާއާ ދެކޮޅަށް ރާއްޖޭން ކުޅެން އޮތް ހޯމް މެޗު ދެން ރާއްޖޭގައި ކުޅެވޭނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކޮށްގެން މެޗުތައް ކުޅެން ހުރި ދަތިތަކުގެ ސަބަބުން ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކޮލިފައިންގެ ބާކީ މެޗުތައް ހޯސްޓް ކުރަން ބޭނުންވާ ގައުމުތަކުން ބިޑް ކުރުމަށް އޭއެފްސީން ވަނީ އިއްޔެ ހުޅުވާލައިފަ އެވެ. އޭއެފްސީގެ ވިސްނުމަކީ ސެންޓްރަލައިޒްކޮށް ކުރިއަށްގެންދާނަމަ މެއި 31 އިން ފަށައި ޖޫން 15 ގެ ނިޔަލަށް މެޗުތައް ނިންމައިލުމެވެ.
ޗައިނާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ބާކީ ހުރި މެޗުތައް ޗައިނާ އިން ހޯސްޓްކުރަން ކުރާ މަސައްކަތުގައި ކުރިއެރުން ހޯދައި ޖޫން މަހު ހުރިހާ މެޗެއް އެ ގައުމުގައި ކުރިއަށްގެންދާ ގޮތަށް ނިންމައިފަ އެވެ. ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަން (ސީއެފްއޭ) އިން މިހާރު ހުށަހަޅާފައިވާ ޝެޑިއުލްގައިވާ ގޮތުން ގްރޫޕް އޭގެ ބާކީ މެޗުތައް ޝަންހާއީގައި ކުރިއަށްގެންދާނީ ޖޫން 3 އިން ޖޫން 15 ގެ ނިޔަލަށެވެ.
ޗައިނާ އިން ހުށަހަޅާފައިވާ ޝެޑިއުލް
- ޗައިނާ - ރާއްޖެ، ގުއާމް - ފިލިޕީންސް (ޖޫން 3)
- ގުއާމް - ޗައިނާ، ރާއްޖެ - ސީރިއާ (ޖޫން 7)
- ޗައިނާ - ފިލިޕީންސް، ގުއާމް - ސީރިއާ (ޖޫން 11)
- ޗައިނާ - ސީރިއާ، ރާއްޖެ - ފިލިޕީންސް (ޖޫން 15)
ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.