ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން/ އޭޝިއާ

ރާއްޖެ ގްރޫޕްގެ ބާކީ މެޗުތައް ހޯސްޓްކުރަން ޗައިނާއިން ހުށަހަޅައިފި

09 ފެބުރުއަރީ 2021 - 09:23

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގައި ބާކީ ހުރި މެޗުތައް ޗައިނާ އިން ހޯސްޓްކުރަން ހުށަހަޅައިފި އެވެ.

ޗައިނާ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަން (ސީއެފްއޭ) އިން މިހާރު އަންނަނީ މި ގްރޫޕްގައި ހިމެނޭ ރާއްޖެ އާއި ގުއާމް އަދި ފިލިޕީންސާ އެކު މަޝްވަރާކުރަމުންނެވެ. އެކަމަކު ޗައިނާ އިން ބޭނުންވާ ގޮތަށް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި، ބާކީ ހުރިހާ މެޗެއް ޗައިނާގައި ކުޅެން ރާއްޖޭން ބޭނުން ނުވާކަން "މިހާރު" އަށް އެނގިފައިވެ އެވެ. އެއީ އަމިއްލަ ގައުމުގައި ކުޅެން ލިބޭ ރަސްމީ މެޗުތައް މަދުވެފައިވާއިރު، މިހެން ލިބޭ ރަނގަޅު މެޗުތައް އަމިއްލަ ފަސްގަނޑުގައި ކުޅުމުގެ ފުރުސަތު ގެއްލެން ބޭނުންނުވާތީ އެވެ.

އެކަމަކު ގުއާމް މިހާރު ވަނީ އެ ޓީމުގެ ބާކީ އޮތް މެޗުތައް ޗައިނާގައި ކުޅެން އެއްބަސްވެފަ އެވެ. ފިލިޕީންސުން ވެސް ޗައިނާގެ ހުށަހެޅުމާ މެދު ޕޮޒިޓިވްކޮށް ވިސްނަމުން އަންނައިރު ސީރިއާގެ މެޗުތައް މި ވަގުތު ވެސް ކުޅެމުން އަންނަނީ އެ ގައުމުގައި ހޯސްޓްކުރެވެން ނެތުމުން ނިއުޓްރަލް ދަނޑެއްގަ އެވެ. ސީރިއާ އިން މި ފަަހަރުގެ ކޮލިފައިންގައި ކުޅޭ ހަތަރު ހޯމް މެޗު ވެސް އޮތީ ނިމިފަ އެވެ. ހަތަރު މެޗު ވެސް ކުޅުނީ ދުބާއީގަ އެވެ.

ޗައިނާއާ ދެކޮޅަށް ކޮލިފައިންގައި ރާއްޖެ ކުޅެން އޮތް މެޗު މިދިޔަ އަހަރުގެ މާޗް މަހު އެ ގައުމުގައި ބޭއްވެން ނެތުމުން އެ މެޗު ތައިލެންޑަށް ބަދަލުކޮށްގެން ކުޅެވޭތޯ ބެލި ނަމަވެސް ފަހުން ޖެހުނީ ފަސްކުރާށެވެ. ސީއެފްއޭ އިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި އަންނަ މަހުގެ 25 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗާއި ގުއާމްއާ ދެކޮޅަށް އޭގެ ފަސް ދުވަސް ފަހުން ކުޅެން އޮތް މެޗު ޖޫން މަހަށް ފަސްކުރަން އެދިފަ އެވެ. އެއީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ޗައިނާގައި އެ މުއްދަތުގައި އެ މެޗުތައް ކުޅެވޭނެ ގޮތެއް އަދި ނެތުމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ބާކީ އަށް މެޗު އެބައޮތެވެ. އޭގެތެރެއިން ތިން މެޗަކީ ޗައިނާގެ ހޯމް މެޗުތަކެވެ. ޗައިނާގެ މެޗުތައް ކުޅެން އެ ގައުމުން ބޭނުންވަނީ ޝަންހާއީގެ ޕުޑޮން ސްޓޭޑިއަމްގަ އެވެ. އެ ދަނޑުގެ މަރާމާތުގެ ބައެއް މަސައްކަތްތައް މި ވަގުތު ކުރަމުން އަންނައިރު، ޗައިނާ އިން ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގެ މެޗުތައް ސެންޓްރަލައިޒްކޮށް އެ ގައުމުގައި ބާއްވަން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ ހުރިހާ މެޗެއް އޮންނާނީ ވެސް މި ދަނޑުގަ އެވެ.

ކޮލިފައިން ބާކީ މެޗުތަކުގެ ޝެޑިއުލް:

ޗައިނާ - ރާއްޖެ (25 މާޗް 2021)

ފިލިޕީންސް - ގުއާމް (25 މާޗް 2021)

ގުއާމް - ޗައިނާ (30 މާޗް 2021)

ރާއްޖެ - ސީރިއާ (30 މާޗް 2021)

ޗައިނާ - ފިލިޕީންސް (7 ޖޫން 2021)

ގުއާމް - ސީރިއާ (7 ޖޫން 2021)

ޗައިނާ - ސީރިއާ (15 ޖޫން 2021)

ފިލިޕީންސް - ޗައިނާ (15 ޖޫން 2021)

އެންމެ ފުރަތަމަ މިދިޔަ އަހަރު ކުޅެން ޝެޑިއުލްކޮށްފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މި އަހަރަށް ފަސްކުރަން ޖެހުނީ ކޮވިޑް-19އާ ހެދި އެވެ. މި މެޗުތައް އެންމެ ފުރަތަމަ ކުޅެން ރާވާފައި އޮތީ މިދިޔަ އަހަރު މާޗް މަހާއި ޖޫން މަހުގަ އެވެ. އެކަމަކު އޭރު ކޮވިޑް-19 ވަރަށް ހަލުވިކަމާ އެކު އޭޝިއާގެ ގައުމުތަކުގައި ފެތުރޭތީ އޭރު ބޭއްވެން ނެތުމުން ފަސްކުރަން ޖެހުނީ އެވެ.

މިދިޔަ އަހަރު ޖޫން މަހު އޭއެފްސީން މަޝްވަރާކުރުމަށް ފަހު މެޗުތައް ބާއްވަން ކަނޑައެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރު މަހުގަ އެވެ. އެކަމަކު އޭރު ވެސް ކޮވިޑް-19ގެ ކަންތައްތަކުން އަރައިގަނެވިފައިނުވާތީ ކޮލިފައިން މެޗުތައް މި އަހަރަށް ފަސްކުރަން ފީފާ އާއި އޭއެފްސީގެ މަޝްވަރާތަކާ އެކު އެންމެ ފަހުން ނިންމީ އެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

މި އަހަރު ކުރީކޮޅު ގައުމީ ޓީމާ ހަވާލުވި ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ރަސްމީކޮށް އަދި މެޗަކަށް ނުކުމެފައެއް ނުވެ އެވެ. ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްތައް ކުރިއަށްގެންގޮސްފައިވާއިރު، ކޮވިޑާ ހެދި މެޗުތައް ފަސްކުރުމުން ޕްރެކްޓިސް ހުއްޓާލަން ޖެހުނީ އެވެ. ދާދި ފަހުން އެފްއޭއެމުން ވަނީ ކޫޕްމަންއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.

ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް މާލެ ސަރަހައްދުގައި އިތުރުވަމުންދާތީ އެޗްޕީއޭގެ އެންގުމަށް މިދިޔަ ހަފްތާގައި ދިރާގު ދިވެހި ޕްރިމިއާ ލީގު 14 ދުވަހަށް މެދުކަނޑާލާފައިވާއިރު، އޭގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސް އަށް އަސަރުކޮށް ގައުމީ ޓީމު އަންނަ މަހު ކުޅެން އޮތް މެޗުގެ ތައްޔާރީތަކަށް އަސަރުކުރާނެ ކަމަށް ގައުމީ ކޯޗު ކޫޕްމަން ބުނެފައިވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454