މެންޗެސްޓާ ސިޓީގެ ތާރީހުގައި ސާޖިއޯ އަގުއޭރޯގެ ނަން ރަން އަކުރުން ވަނީ ލިޔެވިފަ އެވެ. އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ އަކީ ސިޓީ އަށް ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. ސިޓީގައި 10 އަހަރު ހޭދަކުރުމަށް ފަހު، މި ސީޒަނަށް ފަހު އަގުއޭރޯ އެ ކްލަބާ ވަކިވާއިރު، އޭނާ އަކީ ސިޓީގެ ތާރީހުގައި ވެސް އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

މި ސީޒަންގައި އަގުއޭރޯ ސިޓީ އަށް އެންމެ 8 މެޗު ކުޅުނު ނަމަވެސް، ސިޓީން އޭނާގެ ކޮންޓުރެކްޓް އާނުކުރުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ. އަނިޔާގެ މައްސަލަތަކާ ގުޅިގެން، ފާއިތުވި ދެ ތިން ސީޒަނެއްގައި އަގުއޭރޯ އަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް، ސިޓީން އޭނާ ކޮންޓުރެކްޓް އާކުރާނެ ކަމަށް ގިނަ ސަޕޯޓަރުން ވެސް އުންމީދުކުރި އެވެ. އަގުއޭރޯ ފިޓުވި ނަމަވެސް، މި ފަހަކަށް އައިސް އޭނާ އަށް ސިޓީގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް އުނދަގޫވި އެވެ.

ސިޓީ އަށް 384 މެޗުން 257 ލަނޑު ކާމިޔާބުކޮށްދީފައިވާ އަގުއޭރޯގެ ބަދަލުގައި ފޯވަޑެއް ހޯދުމަކީ ސިޓީ އަށް ފަސޭހަކަމަކަށް ނުވާނެ އެވެ. މި ޒަމާނުގެ ޓްރާންސްފާ މާކެޓްގައި، ފެންވަރު ރަނގަޅު ފޯވަޑެއްގެ އަގު އިންތިހާ އަށް ބޮޑުވާނެ އެވެ. އެހެންކަމުން، ބޮޑު ހޭދައެއް ނުކޮށް އަގުއޭރޯގެ ބަދަލުގައި ރަނގަޅު ކުޅުންތެރިއެއް ލިބުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން، އަގުއޭރޯގެ ބަދަލުގައި ސިޓީން ގެންނަ ކުޅުންތެރިއެއް ވެގެންދާނީ ކުރިއަށް އޮތް ޓްރާންސްފާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް ޓްރާންސްފާއަށެވެ.

ޓްރާންސްފާ ބާޒާރުގައި ސިޓީން ސަމާލުކަން ދޭނީ ކޮން ކުޅުންތެރިއަކަށް ؟

މި ވަގުތު ޔޫރަޕްގައި އެންމެ ވިދުން ގަދަ ކުޅުންތެރިއަކީ ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވަޑް އެރްލިން ހާލާންޑެވެ. އުމުރުން 20 އަހަރުގެ ހާލާންޑް މި ސީޒަންގައި ދައްކަމުންދާ ކުޅުމުގެ ސަބަބުން ކުރިއަށް އޮތް ޓްރާންސްފާގައި ބޮޑެތި ކްލަބުތަކުން އޭނާ އަށް ސަމާލުކަމެއް ދޭނެކަން ޔަގީނެވެ. އަދި ސިޓީގެ ޓްރާންސްފާ ލިސްޓުގައި ވެސް ހާލާންޑްގެ ނަން ހިމެނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ކުރިއަށް އޮތް ޓްރާންސްފާގައި ހާލާންޑް އެހެން ކްލަބަކަށް ބަދަލުވާނެކަމުގެ އިޝާރާތެއް އޭނާގެ އެޖަންޓް މިނޯ ރައިއޯލާ ވެސް ވަނީ ދީފަ އެވެ. އެކަމަކު އޭނާ ހޯދުމަކީ ސިޓީ އަށް ފަސޭހަކަމަކަށް ނުވާނެ އެވެ. އެއީ ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓަޑުން ވެސް ހާލާންޑް ގެންނަން މަސައްކަތްކުރާނެ ކަމަށް އަޑު ފެތުރިފައިވާތީ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ހާލާންޑް ނުލިބިއްޖެ ނަމަ، ސިޓީން އިތުރު ކުޅުންތެރިންނަށް ސަމާލުކަން ދޭނެ އެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވެނީ ހިމެނެނީ ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން ހެރީ ކޭން އާއި އިންޓަ މިލާންގެ ފޯވަޑް ރޮމެއޫ ލުކާކޫ އަދި ލައުޓާރޯ މާޓިނޭޒެވެ.

ޓޮޓެންހަމް ދޫކޮށްލުމަށް ކޭން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. ކޭން އަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު އެއް ފޯވަޑެވެ. އެހެންކަމުން އަގުއޭރޯ ނެތްތަން ފޫބައްދަން އެންމެ އެކަށީގެންވާ ފޫބެއްދިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ގަބޫލްކުރެ އެވެ.

ކުރިން އެވަޓަން އާއި ޔުނައިޓަޑަށް ކުޅެފައިވާ ލުކާކޫ އަކީ ޕްރިމިއާ ލީގުގައި ފެންވަރު ސާބިތުކޮށްދީފައިވާ ކުޅުންތެރިއެކެވެ. ލުކާކާއެކު އިންޓަ އަށް ކުޅެމުންދާ ލައުޓާރޯ އަކީ ވެސް އިޓާލިއަން ލީގުގައި ފާހަގަކޮށްލެވޭ ފޯވަޑެކެެވެ. އަދި އިންޓާގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި، މި ދެ ކުޅުންތެރިންގެ ތެރެއިން އެކަކު، ބޮޑު އަގުގައި ވިއްކާލަން ވިސްނަފާނެ އެވެ.