މެންޗެސްޓާ (3 މެއި) - ނިމިދިޔަ ސީޒަނަށް ފަހު މެންޗެސްޓާ ސީޓީ ދޫކޮށްލި ސާޖިއޯ ކުން އަގުއޭރޯގެ ބަދަލުގައި އެ މަގާމަށް ކުޅެވޭ ފެންވަރުގެ މޮޅު އެހެން ކުޅުންތެރިޔަކު ހޯދާނެ ކަމަށް، ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވިދާޅުވެއްޖެ އެވެ.
ސިޓީއަށް 10 އަހަރު ކުޅެ 260 ލަނޑު ޖަހައި އެ ޓީމުގެ ތާރީހްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވަނީ، އަންނަ ސީޒަނަށް ބާސެލޯނާއަށް ބަދަލު ވެފަ އެވެ.
"އަހަރެމެންގެ ދޫކޮށް ދިޔައީ އަހަރެމެންގެ ވަރަށް މުހިންމު ލެޖެންޑެއް. އޭނާގެ މަގާމަކީ ފޫބައްދަން އުނދަގޫ މަގާމެއް. ނަމަވެސް އަހަރެމެންނށް ޔަގީންކަން އެބައޮތް އޭނާ މަގާމު ފޫބެއްދޭ ވަރުގެ ކުޅުންޔެރިޔެއް އަހަރެމެންނަށް ލިބޭނެކަން،" ހަލްދޫން ވިދާޅުވި އެވެ.
"އިތުރަށް އިންވެސްޓް ކުރަންޖެހޭ ދާއިރާތައް ވެސް އެބަހުރި. އެ ދާއިރަތަކަށް ވެސް ބޭނުން ވަނީ ކޮލިޓީ. ގިނަ ކުޅުންތެރިންނެއް ނޫން."
ސިޓީގެ އެންމެ ބޮޑު ޓާގެޓަކީ، ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން އެވެ. އޭނާވެސް ވަނީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެރަބް އެމިރޭޓްސްގެ ޝާހީ އާއިލާ އާ ގާތް ގުޅުން އޮންނަ ހަލްދޫން ވިދާޅުވީ، އެއްފެންވަރެއްގައި ދެމެހެއްޓުމަށް ކޮންމެ އަހަރަކުވެސް އާ ކުޅުންތެރިން ގެނެސް ޓީމު ރިފްރެޝް ކުރުމަކީ ކުރަން ޖެހޭނެ ކަމެއްކަން އޭނާއަށް އެނގިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޑޮމެސްޓިކް ލެވަލްގައި ސިޓީއަށް ކާމިޔާބު ލިބުނަސް ޓީމު ބިނާ ކުރުމުގެ މަސައްކަތަކީ ހުއްޓައި ނުލައި ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.