މެޑްރިޑް (ޖުލައި 14) - އެތުލެޓިކޯ މެޑްރިޑުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމާ ހަވާލުވާން އެ ކްލަބުގެ ލެޖެންޑް ފޯނާންޑޯ ޓޯރޭޒް ތައްޔާރު ވެއްޖެ އެވެ.
ޖަޕާނުގެ ސަގަން ޓޯސޫ އަށް ކުޅުމަށް ފަހު ޓޯރޭޒް ކުޅުން ހުއްޓާލީ 2019 ގަ އެވެ. ޖެނުއަރީން ފެށިގެން ޓޯރޭޒް މަސައްކަތް ކުރަމުން ދިޔައީ އެތުލެޓިކޯގެ އެކެޑެމީގަ އެވެ. މިދިޔަ ފަސް މަސް ޓޯރޭޒް ހޭދަކުރީ އެތުލެޓިކޯގެ އެކެޑެމީގައި ޔޫތު ސެޓަޕްތަކުގެ ހާލަތު ދެނެގަތުމަށެވެ. އޭނާ އޭރު މަސައްކަތް ކުރީ އެކެޑެމީގެ ކޯޗެއް ކަމަށްވާ ނަޗޯ ފެނާންޑޭޒްގެ ބެލުމުގެ ދަަށުންނެވެ.
އެތުލެޓިކޯ އެކެޑެމީން ފުޓްބޯޅައިގެ ތެރެއަށް ނުކުތް ޓޯރޭޒް ވަނީ ކާމިޔާބު ގިނަ ކޯޗުންނާ އެކު މަސައްކަތް ކޮށްފަ އެވެ. ލުއިސް އަރަގޮނޭޒް، ވިންސެންޓޭ ޑެލްބޮސްކޭ، ރަފާ ބެނިޓޭޒް، ހޯސޭ މޮރީނިއޯ އަދި ޑިއޭގޯ ސިމިއޯނީގެ ކޯޗު ކަމުގެ ދަށުން އޭނާ ކުޅުނެވެ.
ސެޕްޓެމްބަރު 2020 ގައި ޓޯރޭޒް ބުނެފައި ވަނީ އޭނާގެ ހޯމް ޓައުން ކަލްބު އެތުލެޓިކޯ އަށް އެހީވާން ތައްޔާރަށް ހުރި ކަމަށެވެ. އޭނާ ވަނީ މިދިޔަ އަހަރު ސްޕެނިޝް ފެޑްރޭޝަންގެ ކޯޗިންގެ ޕްރޯ ލައިސެންސް ކޯސް ފުރިހަމަ ކޮށްފަ އެވެ. ޓޯރޭސްއާ އެކު ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު އަލްވާރޯ އާބެލޯ ވެސް އެ ކޯސް ފުރިހަމަކުރި އެވެ. އާބެލޯ ވެސް ވަނީ ރެއާލްގެ އެކެޑެމީގައި މަސައްކަތް ކުރަން ފަށައިފަ އެވެ.