މެޑްރިޑް (އޮކްޓޯބަރު 20) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލާ ވާދަކޮށް، ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅުނު އެތުލެޓިކޯ މެޑްރިޑް ބަލިވި ނަމަވެސް، ފެނާންޑޯ ޓޯރޭޒްގެ އިރުޝާދުގެ ދަށުން އެތުލެޓިކޯގެ ޒުވާން ޓީމު ލިވަޕޫލް ބަލިކޮށްފި އެވެ.
ޔޫއެފާ ޔޫތު ލީގުގައި މި ދެ ޓީމުގެ 19 އަހަރުން ދަށުގެ ޓީމުގެ ކުރިމަތިލުން އެތުލެޓިކޯއިން ކާމިޔާބުކުރީ 2-0 އިންނެވެ.
ފުޓުބޯޅައިގެ ގިނަ ފަރާތްތަކަކުން ދެކޭގޮތުގައި، އެތުލެޓިކޯ މެޑްރިޑާއި ލިވަޕޫލަށް ވެސް ގިނަ މެޗުތަކެއް ކުޅެދީފައިވާ ޓޯރޭޒަކީ ދެ ޓީމުގެ ވެސް ލެޖެންޑަރީ ކުޅުންތެރިއެކެވެ.
ޓޯރޭޒް ކުޅުން ހުއްޓާލީ 2019 ވަނަ އަހަރު އެވެ. ކުޅުން ހުއްޓާލުމަށް ފަހު އެސިސްޓެންޓެ ކޯޗެއްގެ ގޮތުގައި އެތުލެޓިކޯގެ ޒުވާން ޓީމާ ގުޅުނީ މި އަހަރުގެ ޖުލައި މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެތުލެޓިކޯ މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
އެންމެ ފުރަތަމަ އެތުލެޓިކޯ ދޫކޮށް އޭނާ އިނގިރޭސި ކްލަބް ލިވަޕޫލަށް ވަނީ ހަތަރު ސީޒަނެއްގައި ކުޅެފަ އެވެ. ލިވަޕޫލްގެ ސަޕޯޓަރުންގެ މެދުގައި ވެސް އޭނާއަކީ މަގުބޫލް ކުޅުންތެރިއެކެވެ. ނަމަވެސް ލިވަޕޫލް ދޫކޮށް ވާދަވެރި ޗެލްސީއަށް ބަދަލުވުމުން އޭނާއަށް ލިވަޕޫލް ސަޕޯޓަރުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
ޔޫއެފާ ޔޫތު ލީގުގައި އެތުލެޓިކޯ މެޑްރިޑުން ލިވަޕޫލް ބަލިކުރި މެޗަކީ އެ ޓީމް ގުރޫޕް ސްޓޭޖުގައި މޮޅުވި ފުރަތަމަ މެޗެވެ. ގުރޫޕްގެ ދެވަނައިގައި އެތުލެޓިކޯ އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަތަރު ޕޮއިންޓް ލިބޭއިރު އެއްވަނައިގައި ޕޯޓޯ އޮތީ ހަތް ޕޮއިންޓާ އެކު އެވެ.