މެޑްރިޑް (އޭޕްރިލް 10) – މި ސީޒަން ނިމުމުން އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް އެ ޓީމުގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް ބުނެފި އެވެ.

ލިވަޕޫލާއި ޗެލްސީގެ ކުރީގެ ފޯވާޑް އެތުލެޓިކޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ވަނީ މަދުވެފަ އެވެ.

މިއީ ކްލަބުގައި އަހަރެން ހޭދަކުރާނެ ފަހު ސީޒަން. ތި މީހުންނަށް ވެސް ފެންނާނެހެން އަހަރެން ކުޅެނީ ވަރަށް މަދުން،" ޓޮރޭޒް ބުންޏެވެ. "އަހަންނަށް އިހުސާސްކުރެވުނީ މިކަން ސަޕޯޓަރުންނަށް އަންގަން ޖެހޭނެޔޭ. މިއީ ފަސޭހަ ނިންމުމެއް ނޫން."

އެތުލެޓިކޯ މެޑްރިޑުގެ ޔޫތު އެކަޑަމީން ތަމްރީންވި ޓޮރޭޒް އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2001 ވަނަ އަހަރެވެ. އެ ކްލަބުގެ ކެޕްޓަންކަން ވެސް ކުރުމަށް ފަހު އޭނާ 2007 ވަނަ އަހަރު ލިވަޕޫލާ ގުޅި ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރެ ހިމެނުނެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހިސާބުން އޭނާގެ ފޯމް ދަށްވި އެވެ. އެކަމަކު 2014 ވަނަ އަހަރު އެ ކްލަބް ދޫކޮށްލި އިރު އޭނާ ވަނީ އެ ކްލަބާ އެކު ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އަދި އެފްއޭ ކަޕް ހާސިލްކޮށްފަ އެވެ.

އޭނާ 2015 ވަނަ އަހަރު އެނބުރި އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ލޯން އުސޫލުން އޭސީ މިލާނަށް ވެސް ކުޅުމަށް ފަހު އެވެ. ޓޮރޭޒް ބުނީ ދެ ވަނަ ފަހަރަށް އެ ކްލަބަށް އަލްވަދާއު ކިޔުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"އަހަރެންގެ ބޭނުމަކަށް ވެފައި އޮތީ މި ކްލަބުގައި ހުރެ ކުޅުން ހުއްޓާލުން. އަހަރެން ބޭނުން ދޭއް، ތިނެއް ނުވަތަ ފަސް އަހަރު ކުޅެން،" އުމުރުން 34 އަހަރުގެ ފޯވާޑް ބުންޏެވެ.

އެތުލެޓިކޯ އިން ވަނީ މި ސީޒަނުގައި އެ ޓީމު އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗުގައި ޓޮރޭޒުގެ ހިދުމަތުގެ އަގުވަޒަންކުރާނެ ކަމަށް ބުނެފަ އެވެ.

"ފެނާންޑޯ އަކީ އަހަރެމެންގެ ކްލަބުގެ ލެޖެންޑެއް. އެތުލެޓިކޯ މެޑްރިޑުގެ ދޮރުތައް އޭނާ އަށް އަބަދުވެސް ހުންނާނީ ހުޅުވިފައި،" ކްލަބުގެ ރައީސް އެންރީކޭ ކެރެޒޯ ވިދާޅުވި އެވެ.

ސްޕެއިން ގައުމީ ޓީމަށް 110 މެޗުން 38 އަށް ގޯލް ޖަހައިދީފައިވާ ޓޮރޭޒް ވަނީ ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.