ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އީގަލްސް އަށް

އީގަލްސްގެ ސެޑިކް (ކ) ޔުނައިޓެޑް ވިކްޓަރީގެ ޑޯޑީ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުސްތަފާ ސެޑިކް މެޗުގެ އިތުރު ވަގުތުގައި ވައްދާލި ލަނޑާ އެކު 3-2 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ޕްރެޒިޑެންޓަސް ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް އީގަލްސް މިރޭ ހޯދައިފި އެވެ.

އީގަލްސް އިން އެންމެ ފަހުން ޕްރެޒިޑެންޓްސް ފައިނަލުގައި ވާދަކުރީ 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ނިއު އަތުން 1-0 އިންނެވެ. މިދިޔަ އަހަރު ސެމީ ފައިނަލުން އީގަލްސް ކެޓީ ވެސް ނިއު އަތުން ބަލިވުމުންނެވެ.

މިރޭގެ މެޗަށް ނުކުތްއިރު މި ސީޒަނުގައި މި ދެ ޓީމު ކުރިން ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މި މެޗަށް ޔުނައިޓެޑް ވިކްޓަރީން ނުކުތީ އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އަރާމްކުރަން ފުރުސަތުދިން ބިދޭސީ ތިން ކުޅުންތެރިން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

އީގަލްސް މި މެޗަށް ނުކުތްއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އިބްރާހިމް މުބީން (މުއްކި) އަށް ސީޒަން ނިމިފައިވުމެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި މުއްކި ނެތްތަން މިރޭގެ މެޗުގައި އީގަލްސް މެދުތެރެއިން ވަނީ ދައްކައިފަ އެވެ.

މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ ޔުނައިޓެޑް ވިކްޓަރީންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރުމަށް އެ ޓީމުން މަސައްކަތްކުރި އެވެ. މެޗުގެ ފުރަތަމަ ހަމަލާ ވެސް އުފެއްދީ އެ ޓީމުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން ހުސެއިން ޝިމާޒް (ކޮކީ) އޭރިއާ ބޭރު ރޮނގުކައިރިން ފޮނުވާލި ބޯޅަ އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީން ލީޑު ނެގީ އޭގެ އެއް މިނިޓް ފަހުންނެވެ. ނަވާރަ ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް އެވެ. އޭނާ މި ލަނޑު ޖެހީ ރަފީނިއާ ނަގައިދިން ކޯނަރަކުންނެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅަ އޭނާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލީޑުފުޅާކުރަން މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ރަފީނިއާ އަށް ލިބުނު ބޯޅަ އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އިން އެއްވަރުކުރީ މެޗުގެ 26 ވަނަ މިނިޓްގައި މެސެޑޯނިއާގެ ފޯވާޑް ރިސްޓޭ ނައުމޯވް ޖެހި ލަނޑުންނެވެ. އަރިމަތިން އީގަލްސްގެ މުޖުތާޒް މުހައްމަދު (މުޖޭ) ނަގައިދިން ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މަހުމޫދު އަލް ޔޫސުފް ހިފަން އުޅުމުގެ ތެރޭ އޭނާ އަތުން ދޫވެގެން ލިބުނީ ރިސްޓޭ އަށެވެ. ރިސްޓޭ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުނަގަން އީގަލްސްގެ އަހުމަދު ނައުފަލް (ނާއްޕެ) އަށް ހުސް ފުރުސަތެއް ލިބުނެވެ. މެޗުގެ 34 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅަ ކީޕަރު މަހްމޫދު އަތުގައި ޖެހިފައި ލިބުނީ ނާއްޕެ އަށެވެ. ނާއްޕެ ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރުން ވަނީ ގޯލު ރޮނގުމަތިން ބޭރުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގައި އީގަލްސް އިން ކުޅުން ރަނގަޅުކުރި އެވެ. ދެ ވަނަ ހާފް ފެށިގެން 40 ސިކުންތު ތެރޭގައި އީގަލްސް އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ރިޒޭ ނަގައިދިން ހުރަހަކުން ރިސްޓޭ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު މަހުމޫދު ވަނީ މަތަކޮށްފަ އެވެ.

އީގަލްސް އިން ލީޑުނެގީ މެޗުގެ 51 ވަނަ މިނިޓްގައި ސެޑިކް ޖެހި ލަނޑުންނެވެ. ރިސްޓޭ ދިން ބޯޅައެއް އޭރިއާ ތެރެއިން ހޯދުމަށް ފަހު ސެޑިކް ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އީގަލްސް އަށް ލީޑު ހިފަހައްޓާލެވުނީ ހަ މިނިޓް ވަންދެނެވެ. މެޗުގެ 57 ވަނަ މިނިޓްގައި ކޮކީ ވަނީ ޔުނައިޓެޑް ވިކްޓަރީ އަށް އެއްވަރުކޮށްދީފަ އެވެ. އޭރިއާ ތެރެއިން އީގަލްސް ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށް ފަހު ކޮކީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މި ލަނޑާ އެކު ޔުނައިޓެޑް ވިކްޓަރީން ކުޅުން ރަނގަޅުކުރި އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ފޯވާޑް ކެރިކް އަންދްރޭ ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން އަންދްރޭ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ހަ މިނިޓް ފަހުން އޭރިއާ ތެރެއިން ސެޑިކް އަށް ލިބުުނު ފުރުސަތުން އޭނާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް އެ ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

މެޗުގެ ފަހު 15 މިނިޓަށް އީގަލްސް އިން ވަނީ ނާއްޕެގެ ބަދަލުގައި ހަސަން ރާއިފް (ހަންނަ) ކުޅެން އަރުވައިފަ އެވެ. އެއާ އެކު އީގަލްސްގެ ކުޅުން ރަނގަޅުވި އެވެ.

އީގަލްސް މޮޅުކޮށްދިން ލަނޑު އިތުރު ވަގުތު ސެޑިކް ކާމިޔާބުކުރީ ހަންނަ ދިން ބޯޅަ އަކުންނެވެ. އޭރިއާ ތެރެއިން ސެޑިކް ފޮނުވާލި ބޯޅަ ކީޕަރު އަތްމަތިން ގޯސް އަމާޒުވީ މަތީ ކަނަށެވެ.

ޔުނައިޓެޑް ވިކްޓަރީން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެއީ އިތުރު ވަގުތުގެ ފަހު މިނިޓްގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަންދްރޭ އާއި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އަށް ރަތް ކާޑު ދެއްކުމުންނެވެ. އަންދްރޭ އަށް ރަތް ކާޑު ދެއްކީ ރެފްރީ އަށް ދިމާ އަށް އެއްޗެއް ބުނުމުންނެވެ. އަދި ޝަފްލޭ އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް އީގަލްސްގެ ހަންނަ އަށް ހަމަލާ ދިނުމުންނެވެ.

ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެރޭ އީގަލްސް ބައްދަލުކުރާނީ މާދަމާރޭ ކުޅޭ ދެ ވަނަ ސެމީން ޓީސީ އާއި މާޒިޔާ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 46%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަންނަ ފޭން

25 November 2016

ހަސަން ރާއިފް (ހަންނަ) އަކީ ވަރަށް މޮޅު ކުއްޖެއް. އީގަލްސްގެ ޖާޒީ ނަންބަރު 30 (ހަންނަ) އަކީ ދެވަނަ ދަގަނޑޭއަށް ވެވިދާނެފަދަ މޮޅު ކުއްޖެއް. ބޭނުންވަނީ ޕްރޮޕަރ ގައިޑެންސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454