ޒުވާން މިޑްފީލްޑަރު އަހްޒަމް ރަޝީދުގެ މޮޅު ކުޅުމާ އެކު، ފަހަތުން އަރައި 4-2 އިން ކްލަބް އީގަލްސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޮޑި ސްޕޯޓްސް ކްލަބް، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު ގުރޫޕް 2 ގެ ފަހު މެޗުގައި އީގަލްސް ވަނީ 20 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ދިން ބޯޅައަކުން އިސްމާއިލް އީސަ (މެސީ) ކާމިޔާބު ކުރި ގޯލަކުން ލީޑު ނަގައިފަ އެވެ.

މި ހާފުގައި އޮޑީގެ ކީނޫ މާކީލް މާޝް ބްރައުން އާއި މުޒްދާން ހަސަންގެ ހަމަލާއެއް އީގަލްސްގެ ކީޕަރު ޒަހްރާން ހަސަން ޒިޔާދު މަތަ ކުރިއިރު، އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ) ގެ ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒު ވެފަ އެވެ.

ދެވަނަ ހާފުގައި އެ ޓީމުން އެއްވަރު ކޮށް ލީޑު ނެގީ އުމުރުން 18 އަހަރުގެ އަހްޒަމްގެ ގޯލުތަކުންނެވެ. އެއްވަރު ކުރީ 59 ވަނަ މިނިޓުގައި މުޒްދާން ދިން ބޯޅައެއް އޭރިއާ ބޭރުގައި ހުރެ ފޮނުވާލައިގެން ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. އަދި ލީޑު ނަގައިދިން ލަނޑު ޖެހީ 71 ވަނަ މިނިޓުގައި ޖެހީ އަހުމަދު ބައްސާމް މުހައްމަދު ނައީމް ދިން ބޯޅައެއްގައި، އޭނާއަށް ހުރަސް އަޅަން ކުރިމަތީ ތިބި ތިން ޑިފެންޑަރުންނާއި ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ.

އޮޑިން ތިންވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖެހީ އަހުމަދު އައިހަމް (އައިހު) އެވެ. އޭނާ މި ލަނޑު ޖެހީ ލޫތުއާ އެކު، ކުޅުނު ވަން-ޓޫ އެއްގަ އެވެ. އަދި 90 ވަނަ މިނިޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު އަހްޒަމް ދިން ބޯޅައެއް ހޯދައިގެން ކާމިޔާބު ކުރީ އަހުމަދު އަޔާޒު (އަޔާ) އެވެ.

އިތުރު ވަގުތުގައި އީގަލްސްގެ އިބްރާހިމް ލެބީ ދިން ބޯޅައަކުން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ފޭދޫ އިއްބެ އެވެ.

މުބާރާތުގައި ދެ ގުރޫޕްގައި ވެސް ތިން ޓީމު ހިމެނޭ އިރު، އޮޑި ވަނީ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓާ ވާދަކޮށް 1-1 އިން އެއްވަރު ވެފަ އެވެ.  ގުރޫޕްގެ ދެވަނަ މެޗުގައި ނިއު ވަނީ 2-1 އިން އީގަލްސް ބަލި ކޮށްފަ އެވެ.

މިއާ އެކު އޮޑި އާއި ނިއު އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، އޮޑި އެއްވަނަ ހޯދީ ގޯލުގެ ތަފާތުންނެވެ.