ހަމްޒާ މުހައްމަދު
30 ސެޕްޓެމްބަރ 2021 - 17:56
ރާއްޖޭގެ ޓީމުގެ އެންމެ މުހިންމު ނަމަކަށް ވާނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެކަމަކު ގައުމީ ޓީމުގައި މިދިޔަ ފަސް އަހަރު އެންމެ ދެމެހެއްޓެނިވި ކުޅުންތެރިޔަކީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. މިޑްފީލްޑާއި އެޓޭކުގެ ކޮންމެތާކަށް ލިޔަސް ހަމްޕް އެއްވަރެއްގައި ޕާފޯމް ކުރާނެ އެވެ. ރާއްޖޭގެ އެޓޭކުތަކުގައި އޭނާގެ ހިއްސާ ބޮޑެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި، އަލީ ފާސިރު (ސެންޓޭ) އިންޑިއާ ކޮޅަށް ލަނޑު ޖެހީ ހަމްޕް ދިން ހިތްގައިމު ޕާހަކުންނެވެ.
މިފަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާތީ ހަމްޕް ހުރި ބޮޑު އުންމީދެއްގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ތަށި ދިފާއު ކުރަން އަމިއްލަ ފަސްގަނޑުގައި ނުކުތުމަކީ ބޮޑު ޝަރަފެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެކަން (ސާފް ޗެމްޕިއަންޝިޕް ދިފާއުކުރުން) ކާމިޔާބު ވެއްޖެއްޔާ. ޓީމު އޮތީ އެކަން ހާސިލް ކުރަން ތައްޔާރަށް. ޓީމު މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން،" ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި ތަމްރީނުތައް ހެދި ހަމްޕު ބުންޏެވެ.
ހަމްޕު އަކީ ޒުވާން އުމުރުގައި ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ގަވާއިދުން ކުޅެމުން އަންނަ މުހިއްމު ކުޅުންތެރިއެކެވެ. ނިމިދިޔަ ފުޓުބޯޅަ ސީޒަނުގައި ވެސް ކުލަބް ލެވެލްގައި ތަފާތު ފޯމެއްގައި ހުރި 26 އަހަރުގެ ހަމްޕު ވަނީ މިހާތަނަށް ގައުމީ ޖާޒީގައި 41 މެޗު ކުޅެފަ އެވެ.
މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ ލަންކާއާ އެކު ކޯ ހޯސްޓެއްގެ ގޮތުގަ އެވެ. އެ އަހަރު ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމްގައި ވަރުގަދަ އިންޑިއާ 1-0 އިން ބަލިކުރިއިރު ހަމްޕުގެ އުމުރުން އެންމެ 13 އަހަރެވެ. އޭގެ އަހަރުތަކެއް ފަހުން 2018 ވަނަ އަހަރު ރާއްޖޭން ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރިއިރު ފައިނަލުގައި ޓީމު މޮޅުވި ލަނޑު ޖަހަން ފުރުސަތު ފަހިކޮށްދިނީ ހަމްޕު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
01 October 2021
ދިވެހި ޓީމު ރަގަޅަށް ކުޅޭނެ ހަންޕް، ފޭދޫ އިއްބެ، ދާދު ފޯވަޑްލައިން ލީޑްކުރާނެނަމަ. ޒުވާން ފާސްޓް ކުޅުންތެރިން މުހިންމީ. 36 އަހަރުގަ ދަނގަޑޭ އެރުވުމަކީ ރިސްކެއް، އޭނަ އެންމެ މަޝްހޫރުވި އިރު ހުރި އެޓްރިބިއުޓެއް މިހާރަކު ނުހުންނާނެ. ބާރު ސްޕީޑްގައި ޑިފެންސްލައިންތެރޭން ދެމިގަތުން، ބާރަށް ދުވުން، ބާރު ޝޫޓިން، ހައިޓެންޕޯގަ ޕްރެސްކުރާނެ ސްޓެމިނާ މިހާރު ނުހުންނާނެ. އެކަމަކު ފަހު 15 މިނެޓަށް އިދިކޮޅުވެސް ވަރުބަލިވެފަ އޮންނައިރު ގޯހެއްނުން ކަންނޭގެ