ސަރުކާރުން ހިންގާ ހައުސިންގެ މަޝްރޫއުތަކަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ސަރުކާރުން އަބަދުވެސް އެންމެ މުހިންމު ކަމަށް ގާބޫލުކުރާ އެއް ސިޔާސަތަކީ އާންމުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި އިޖުތިމާއީ ތަކުލީފުތަކަށް ހަރުދަނާ އަދި ދާއިމީ ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ.
ދިވެހިންގެ ޒަމާންވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެ ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމުންނަށް ބޯހިޔާވަހިކަން އިތުރުކުރުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައުސިންގެ މަޝްރޫއުތަކަށް ހާއްސަކޮށްގެން ތިން ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އެ މަޝްރޫއުތަކުން މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަށައިޖެހޭ ހައްލެއް ގެނެސްދޭނެ ކަމަށެވެ.
"އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންތަކެއް ތިބިކަން އެއީ އަދުގެ ހަގީގަތް. މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި، އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް، 750 މިލިއަން ރުފިޔާ ހިމަނާފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް."
މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ހުރި ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ގާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާ އެކު ހިންގުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ ކަމަށެވެ.
މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައި ވަނީ 59 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރަށް ވުރެ 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.