އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ބޭނުންވާ ސިޔާސަތުތަކަށް އަމަލުކުރަން ފަށައި، އެކަމުގެ ބިންގާ އެޅުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ޒަރީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ހާލަތު ރަނގަޅު ކުރަން އިސްކަންދީފައިވާނެ ކަމަށެވެ.
"2040 ގައި ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ވުމުގެ ތަސައްވުރާ އެކު، ތައްޔާރުކުރެވޭ ގައުމީ ތަރައްގީގެ ޕްލޭންގެ ދަށުން އަޅުގަނޑުމެންގެ މަސައްކަތްތައް ތަރުތީބުކުރެވިގެންދާނެ. ރާއްޖޭގެ އިގްތިސާދު ހަމަޖެހުމަކަށް ގެނެސް، ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި މަގަކަށް ރުޖޫއަކުރުމުގެ ތެރެއިން، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި އިގްތިސާދު ވަރުގަދަކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން އަޅުގަނޑުމެން ހޯދުމަކީ، މި ދެންނެވި ތަރައްގީގެ ޕްލޭންގެ އެންމެ މުހިއްމު އެއް އަސާސް،" އޭނާ ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ދައުލަތުގެ އިންވެސްޓްމަންޓްތައް ރޭވުމާއި ތަންފީޒުކުރުން ހަރުދަނާކޮށް، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ޒިންމާދާރުކަމާ އެކު ބޭނުންކުރެވިގެންދާކަން ކަށަވަރުކުރަން އިސްކަން ދެއްވާނެ ކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 59 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި ހިނގާ 2026 ވަނަ އަހަރުގެ ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ޒަރީރު ވިދާޅުވީ، ހަގީގީ ތަރައްގީއަކީ ހަމައެކަނި އިގްތިސާދީ ކުރިއެރުން ނޫން ކަމަށާއި އެއީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރުން ފެންނަންޖެހޭނެ ބަދަލެއް ކަމަށެވެ. ސަރުކާރުން ކަނޑައަޅާފައިވާ 2040 ވަނަ އަހަރުގެ ތަސައްވުރުގައި ހިމެނެނީ، ޒަމާނީ އިންފްރާސްޓްރަކްޗަ އާއި ދަތުރުފަތުރުގެ ނިޒާމާއި ޒަމާނީ ސިއްހީ ހިދުމަތާއި ފެންވަރު ރަނގަޅު ތައުލީމާއި ފުރިހަމަ އިޖުތިމާއީ ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރަނީ 3.9 އާއި 6.8 ޕަސެންޓާ ދެމެދުގަ އެވެ. އަދި މިއަހަރު ނިމޭ އިރު ރިޒާވްގައި 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެކަމަށް ލަފާކުރާ އިރު އަންނަ އަހަރު ނިމޭ އިރު އެ އަދަދު 907.2 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.