(ބުދަ ދުވަހާ ގުޅޭ)

"ވަރަށް ކިޔަމަންތެރިވާނެ. ވަރަށް ލާނެތް ވެސް ވާނެ. ކީކޭ ބުނަނީ؟" ކަލޭފާނު ބުނުއްވިއެވެ.

"ކަލޭފާނު އަޅުގަނޑަކަށް ދެރަ ގޮތެއް ނަހައްދަވާނެ،" އާދަނު ބުންޏެވެ. "ބައްޕަޔާ، ދައްތަޔާ، ކާފަ ވެސް އިރުއިރުކޮޅާ އެބަ ބުނޭ މީހަކާ އިންނާށޭ. އެހެންވެ އަޅުގަނޑު އިންކާރު ކުރާކަށް ނެތިން. އެކަމަކު އަޅުގަނޑު މި އުޅެނީ ދައްތަގެ ގޭގަ. ނިދަނީ ދަތުރުވަރުގަ އަންނަ މީހުން ނިދާ ތަނުގަ ފަތްޖެހިއެނދެއް ބަހައްޓައިގެން. އެ ތާކު ދެމަފިރިންނަކަށް ނުނިދޭނެ. އަޅުގަނޑަށް ގެވަޅެއް ލިބިއްޖެއްޔާ އެ ތަނުގަ ފިޔަފާޅިގަނޑެއް ހެދޭތޯ ބެލިދާނެ."

"އެ ކަމާ ނުވިސްނާ!" ކަލޭފާނު ބުނުއްވިއެވެ. "އަހަރެންގެ ބިންތައް އެބަ ހުރި."

އެ ހިސާބަށް ބުނުއްވާފައި ކަލޭފާނު ވިސްނައިލެއްވިއެވެ. ކުއްލިއަކަށް މޮޅު ހިޔާލެއް އައެވެ. 

"އެހެން ގޮތެއް ވެސް އެބަ އޮތް،" ކަލޭފާނު ބުނުއްވިއެވެ. "މީ ނުލާހިކު ބޮޑު ގޯއްޗެއް. މި އޮތީ ހުސްތަން އޮތް ވަރު. ހިނގާ މިއިން ތަނެއްގަ ތަންކޮޅެއް ހަދަމާ!"

އާދަނު ހިތަށްއެރިއެވެ. ހަފީޒާ އުޅޭ ގެއެއްގައި އަހަންނަށް އުޅެވިދާނެ ހެއްޔެވެ؟ ކޮންމެ ދުވަހަކު ހަފީޒާއަށް ފެންނަ ތަނެއްގައި އަހަރެން އުޅެން ހަފީޒާ އެއްބަސްވާނެ ހެއްޔެވެ؟ 

"ހަފީޒާ ގަބޫލެއް ނުވާނެ." އާދަނު ބުންޏެވެ. 

"މީ ހަފީޒާޔާ ބެހޭ ކަމެއް ނޫން!" ކަލޭފާނު ބުނުއްވިއެވެ. "މީ އަހަރެންގެ ގެ. މިހާރު ވެސް މި ގޭގަ އެބަ އުޅޭ ކައްކާމީހެއް. ކުނިކަހާ މީހެއް. ބާޒާރުކުރާ މީހެއް. ހަފީޒާ ގާތު އަހާފަ ގެނައި އެކަކު ވެސް ނުހުންނާނެ. އެ އެންމެނަށް ވުރެ އަހަންނަށް މާ އިތުބާރު ކުރެވޭ އާދަނަށް. މަނިއްޕުޅާ އަހަންނަކީ ވެސް އިރުއިރުކޮޅާ ތަންތަނަށް ފުރަންޖެހޭ މީހުން. އާދަނު ހުންނާނެއްނު ގެ ބަލަހައްޓަން. އާދަނު ގަބޫލުތަ؟"

"އާއިލާ މީހުނާ ވާހަކަ ދައްކާލާފަ ގޮތެއް ނިންމާނަން." އާދަނު ބުންޏެވެ. 

އާދަނު އެހެން ބުނި އިރު ވެސް، އާއިލާގެ އެންމެން ގަބޫލުވާނެކަން އާދަނަށް އެނގެއެވެ. ގެއަށް ގޮސް ގަމީސް ބާލައިފައި ފޮޅައިލި ވަގުތު ފަސް ރުފިޔާ ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އެއީ އާދަނުގެ ޖީބަށް ކަލޭފާނު ލެއްވި ފައިސާއެވެ. މުށިމަސް ފައްޗަކާ އަޅައިބަލާ އިރު ބޮޑު އަދަދެކެވެ. ފަސް ރުފިޔާ ނެގި ވަގުތު އެ ތަނަށް ރަޒިއްޔާ އައެވެ. ރަޒިއްޔާއަކީ މުޙައްމަދު ހަމީދުގެ ވެރިކަމުގައި އުދުހުނު، ދުރުތާތިމާގެ ދައްތައެކެވެ. ވެރިކަން ވެއްޓި ހަމީދު ނިޔާވުމުން ރަޒިއްޔާ އަބަދު ވެސް ހުންނަނީ ރުޅިއައިސްފައެވެ. 

"މިހާރު ދެން ފައިސާ މަތީން އޮހެނީ ދޯ؟" ރަޒިއްޔާ ސުވާލުކުރިއެވެ. 

"އުހުނ!" އާދަނު ބުންޏެވެ. "މީ ހަމަ ހަލާލު ލާރި. އަހަރެން ވެރިކަމާ ދެކޮޅަށް ނުކުތީ ފައިސާ ހޯދާކަށް ނޫނޭ ދައްތާ! އިންސާފު ހޯދަން."

"ހަމީދުގެ ގެކޮޅުތަކާ، އުޅަނދުކޮޅުތަކާ، ވިޔަފާރިތައް ސަރުކާރަށް ނެންގެވުން އެއީ އިންސާފު؟" ރަޒިއްޔާ ސުވާލުކުރިއެވެ. "އެހެރަ ބޮޑެތި ބިންތައް، އަހާލުމެއްކަހާލުމެއް ނެތި މީސްމީހުން ވެރިކުރާ ތަނެއް އާދަނަކަށް ނުފެނޭތަ؟ ރާއްޖެއަށް ހަމީދު ގެންނެވި ތަރައްގީއެއް ނުފެނޭތަ؟ ތައުލީމާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، ސިއްހަތާ.."

"އިސްރާފު ވެސް ހަމަ އެ ވަރު. އެކަމަކު ދައްތައަކަށް އެއެއް ނުފެންނާނެ،" އާދަނު ބުނެލިއެވެ. "ދެން އަހަރުމެން މިހާރު އެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް. މާ މުހިންމު ވާހަކައެއް އެބަ އޮތޭ! އަހަރެން މީހަކާ އިންނަން މި އުޅެނީ."

ރަޒިއްޔާ އުފަލުން ފޮޅުނެވެ. ވަގުތުން ޖީބަށް އަތް ކޮއްޕައިލައިފައި ފައިސާތަކެއް ނަގައި އާދަނަށް ދިއްކޮށްލިއެވެ. 

"ދައްތަގެ ފަރާތުން ދޭ ހަދިޔާ!" ރަޒިއްޔާ ބުންޏެވެ. 

"އަދި އިހަށް މަޑުކުރޭ!" އާދަނު ބުންޏެވެ. "ފަހަރެއްގަ ދައްތަ ނުގަބޫލު ވެސް ވެދާނެ. އާދަން ކަލޭފާނު ގޭގަ ގެންގުޅޭ ދޮންކަމަނަ ކިޔާ ކުއްޖަކާ އިނދެގެން އެ ގޭގަ އުޅެން މި ވިސްނެނީ."

ރަޒިއްޔާގެ މޫނުމަތިން ފެނުނު އުފާވެރިކަން ކުއްލިއަކަށް ގެއްލުނެވެ. ދިއްކޮށްގެން ހުރި ހަދިޔާ އަލުން ޖީބަށްލިއެވެ. 

"ހާދަ ނުބައި މީހެކޭ އެއީ،" ހިތްހަމަނުޖެހިފައި ރަޒިއްޔާ ބުންޏެވެ. "ހަމީދު އެންމެ އިތުބާރު ކުރެއްވި އެކަކީ އާދަން ކަލޭފާނު. ހުރިހާ ނަވަކާ، އަވަށުވެރިކަމާ ދެން ނޭނގެ.. އެކަމަކު ހަމީދު ހަމަ ނިޔާވާ އިރަށް އަނބުރައިލީ އަނެއް އަތަށް. އަހަރެން ކިތަންމެ ފަހަރަކު ހަމީދަށް ދެންނެވިން..."

"ދޮންކަމަނައަކީ ކަލޭފާނުގެ ދަރިއެއް ނޫނޭ ދައްތާ!" އާދަނު ބުންޏެވެ. "ދައްތަ ބޭނުންތަ ދޮންކަމަނަޔާ ބައްދަލުކޮށްލަން؟"

"އަޅުގަނޑު ބޭނުމެއް ނޫން،" ހަފީޒާ ބުންޏެވެ. "އެ ކަން ނުކުރައްވާތި!"

އާދަން ކަލޭފާނާއި ހަފީޒާ ތިބީ ކާމޭޒު ދޮށުގައި މެންދުރުކެއުމަށް އިންސާފުކުރާށެވެ. ދޮށީމަނިއްޕުޅު ވެސް އިންނެވިއެވެ. ސުފުރާ އޮތީ ފުރިފައެވެ. ދެ ވައްތަރެއްގެ ބަތް ހުއްޓެވެ. ތެއްލިމަހާއި ފިހުނުމަސް ހުއްޓެވެ. ބޮޑުފިޔާ ސަޓަންޏާއި ޕާޕަރު ހުއްޓެވެ.

"މި މަގުގެ އަނެއް ފަރާތުގަ ވެސް އެ އޮތީނޫންތޯ ބައްޕަގެ ނުލާހިކު ބޮޑު ފަޅު ގޯއްޗެއް،" ހަފީޒާ ބުންޏެވެ. "އެ ތަނުގަ ގެއެއް ވެސް އެބަ ހުރި. ސާފުކޮށްލައިގެން އާދަނަށް އެ ގޭގަ އުޅެވޭނެ. އޭރުން ބައްތި ދިއްލާކަށް އެހެން މީހަކު ބޭނުމެއް ވެސް ނުވާނެ. އާދަނު ނުލާހިކު ހީވާގިވާނެ."

"އެހެންވެގެނޭ އާދަނު މި ގެއަށް ގެންނަން މި އުޅެނީ،" ކަލޭފާނު ބުނުއްވިއެވެ. "ކީކޭ ދަރިފުޅު ބުނަނީ؟"

ކަލޭފާނު ސުވާލު ރައްދުކުރީ ދޮށީމަނިއްޕުޅަށެވެ. 

"ބައްޕައަށް ފެނިލައްވާ ގޮތެއް އަޅުގަނޑަށް އެންމެ ރަނގަޅު." މަނިއްޕުޅު ވިދާޅުވިއެވެ.

ގަޑިން ރޭގަނޑު ދިހައެއް ޖަހަނީއެވެ. ސާދަވިލޭރޭ ހަނދުގެ ތޫނު ހަނދުވަރު ގަސްތަކުގެ ތެރެއިން ބިމަށް ފޯރާފައި އޮތެވެ. ބަގީޗާގައި ހުރި އުނދޯލީގައި އިށީނދެލައިގެން ހިޔާލަކަށް ގެއްލިފައި ހަފީޒާ އިނެވެ. ހަފީޒާގެ ގެއަކީ ބޮޑު ގޯއްޗެކެވެ. އާދަނަށް ނުފެނި ހަފީޒާއަށް އުޅެވިދާނެއެވެ. ފެނިއްޖެއްޔާ ނުފެންނަ ކަމަށް ހެދިގެން ވެސް އުޅެވިދާނެއެވެ. މައްސަލައަކީ ހަފީޒާގެ ހިތެވެ. ހިތަށް ވިސްނައިދޭނެ ގޮތެއް ހަފީޒާއަކަށް ނުވިސްނެއެވެ. 

"އަހަނ! މީނީ ދޯ؟" ދޮށީމަނިއްޕުޅު އެ ތަނަށް ވަޑައިގެންފައި ވިދާޅުވިއެވެ. 

ހަފީޒާ އެއްޗެއް ނުބުނެއެވެ. މަނިއްޕުޅު އުނދޯލީގައި އިށީނދެވަޑައިގަތެވެ. 

"ހިނގާބަލަ މަސްފެންގަނޑު ކައިރިއަށް،" މަނިއްޕުޅު ވިދާޅުވިއެވެ. "ހަނދުވަރު ހާދަ ރީއްޗޭ!"

"ހަނދުވަރަށް ފިލާ މި އިންނަނީ،" ހިޔާލަކަށް ގެއްލިފައި ހަފީޒާ ބުންޏެވެ. "އަހަރެން ބޭނުންވަނީ ކަޅު ވިލާގަނޑެއް ހަނދުގެ ކުރިމައްޗަށް ހުރަސްވެފަ ހުންނަން. ދުވަހަކު ވެސް އެ ވިލާގަނޑު ނުދާން."

"ހަފީޒާ!" ވަރަށް ލޯބިން މަނިއްޕުޅު ވިދާޅުވިއެވެ. "ކޮން ކަމަކާ ބިރުން ތި އުޅެނީ؟ އަހަރެން މިހިރީނު."

"ފިރިހެނުންނަކަށް ނުވިސްނޭނެ،" ފުން ނޭވައެއް ބޭރުކޮށްލަމުން ހަފީޒާ ބުންޏެވެ. "ފިރިހެނުންގެ އޮންނާނީ އަމިއްލަ އަތުން ހަތަރު ފޮތިކުރެވޭ ހިތެއް. ލެޔެއް ނާންނާނެ. ތަދެއް ވެސް ނުވާނެ. އަހަރުމެންގެ ހިތަކު ވަޅިއެއް ނުޖެއްސެއޭ. ދެންޏާ ދެވޭނީ ހިތް އެއްކޮށް. އެއް ފަހަރު މީހަކަށް ދިނީމަ، ދެން ނޯންނާނެ އެހެން މީހަކަށް ދޭނެ އެއްޗެއް. ފިލަން ދުވާ ވަރަކަށް ކީއްވެގެންތަ އަހަރެންގެ ފަހަތުން މާޒީ އަންނަނީ؟"

"ހިނގާ އަހަރެންގެ ގެއަށް،" މަނިއްޕުޅު ވިދާޅުވިއެވެ. "އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ. ހަފީޒާގެ ކޮންމެ އިނގިއްޔަކަށް މީހަކު ބަހައްޓާނަން. އެކަމަކު އަހަރެން އަބަދު މާލެއަކު ނުހުންނާނެ. ރާއްޖެއަށް ކާޑު ގެންނަން މި ހަފުތާގަ ވެސް އެބަ ޖެހޭ ފުރަން. އަހަރެން ފުރާތަނާ ހަވަރު ކެކިގެންފިއްޔާޔޯ؟ އިހަށް ދުވަހު ހިނގި ކަހަލަ ކަމެއް ހިނގައިފިއްޔާޔޯ؟ ހަފީޒާ ބައްޕަ ދެކެ ރުޅި އަންނަ މީހުން ބައިވަރު. އަނެއްކޮޅުން، މީހުން ކިޔަނީތާ ބޮޑުހަނގުރާމަ ނިމިއްޖޭ! އަހަރެން ބޭރުގެ ޚަބަރު އަޑުއަހަން. ބަޔަކު އަމާންދިނަސް ދުނިޔޭގެ ކަނޑުތައް އަދި އަމާނެއް ނުވޭ! ޖަޕާނުން ކަނޑަށްއެޅި ހުރިހާ މައިންތައް ސާފެއް ވެސް ނުކުރެވޭ! ދޭތެރެއަކުން ކޮންމެވެސް އާގުބޯޓެއް އޭގަ ޖެހިފަ އެބަ އަޑިއަށްދޭ!"

ހަފީޒާ ކަންބޮޑުވެފައި މަނިއްޕުޅާ ހަތަރުކަޅި ހަމަކުރިއެވެ. މަނިއްޕުޅުގެ އަތްޕުޅު ގެނެސް ހަފީޒާގެ ބަނޑުގައި ޖައްސައިލިއެވެ. 

"އަހަރުމެން އިންތިޒާރު ކުރާނަން،" ހަފީޒާ މަޑުމަޑުން ބުންޏެވެ. "ސަލާމަތުން އަންނާތި!" 

ހަފީޒާ ހެއްވައިލަން މަނިއްޕުޅު ބޭނުންފުޅުވިއެވެ. 

"ހަފީޒާގެ ބައްޕަ ވަރަށް ވިސްނާފަ އާދަނު އެ ގެންނަނީ،" މަނިއްޕުޅު ވިދާޅުވިއެވެ. "އަހަންނަށް ވުރެ އާދަނު މާ ހިތްވަރުގަދަވާނެ. އަމިއްލަ ލޮލުން ދެކިފަ މި ބުނަނީ."

"ތިހެން ބުނާކަށް ލަދެއް ނުގަނޭ؟" ހިނިތުންވެފައި ހަފީޒާ ސުވާލުކުރިއެވެ. 

ވިދާޅުވާނެ އެއްޗެއް އެނގިވަޑައިނުގެންފައި މަނިއްޕުޅު އިންނެވިއެވެ. ހަފީޒާގެ ގޭދޮރުމަތީގައި އާދަނު ވެސް ހުރީ އެ ކަހަލަ ގޮތަކަށެވެ. ގެއެޅުމަށް ބޭނުންވާ ސާމާނު ގޭތެރެއަށް ވެއްދުމުގައި ބަޔަކުމީހުން ހަރަކާތްތެރިވިއެވެ. ގިނައީ ފެންފުށީ މީހުންނެވެ. ގަލުވަޑާމާއި ރޭނުމަށް އެންމެ ކުޅަދާނަ ބަޔަކީ އެއީއެވެ. އާދަނު ކުރިން ހީކުރީ ގެ އަޅާނީ ދަނޑިފަނުން ކަމަށެވެ. ފެނުނީ މުޅީން އެހެން މަންޒަރެކެވެ. ގޭގެ އެއް ދިމާގައި އުސްވަމުންދިޔައީ ގާފުންޏެކެވެ. އަނެއް ދިމާގައި އުވަފުންޏެކެވެ. ޓިނާއި ލަކުޑި ވެސް ގިނަ އަދަދަކަށް ގެނައެވެ. އާދަނު ކުޅިބަލަން ހުރީކީ ނޫނެވެ. އެންމެނާ އެކުގައި މަސައްކަތްކުރިއެވެ. 

ހަފީޒާގެ ގެއަށް ވަދެނުކުމެ ހެދުމުގައި އާދަނު ފަރުވާތެރިވާން ފެށިއެވެ. ދޮށީމަނިއްޕުޅުގެ އަނބިކަނބަލުންނާއި އާދަނާ ދެމެދު ކުލަގަދަ ރޮނގެއް ބާއްވަން އާދަނު ބޭނުމެވެ. އާދަނު ހުރިހައި ވެސް ސަމާލުކަމެއް ދިނީ ގެއެއްގެ ސިފަޖެހެމުން އައި އިމާރާތަށެވެ. ދެން ދޮންކަމަނައަށެވެ. ދޮންކަމަނަ ވެސް އާދަނަށް ލުނބޯހުތުފަންޏާއި ފެން ގެނެސްދިނުމުގައި އަވަދިނެތި އުޅުނެވެ.

އާދަނުގެ ބޯކޮޅުނުބަލާ ހުންނަން ހަފީޒާއަށް ވަރަށް އުނދަގޫވިއެވެ. ގޭގެ ފެންޑާއަށް ހަފީޒާ ނުކުތުމުން ގަސްތަކު ތެރެއިން، ކުޑަކުޑަ އިމާރާތަކަށް ގެއެއްގެ ސިފަޖަހެމުން އަންނަ މަންޒަރު ރީތިކޮށް ފެނެއެވެ. ހަފީޒާ ބަލަނީކީ ނޫނެވެ. ނުބަލަން ހުއްޓައި ވެސް ފެންނަނީއެވެ. އިރުއިރުކޮޅާ ކޮންމެވެސް ބުއިމެއް ހިފައިގެން ދޮންކަމަނަ ދާ މަންޒަރު ހަފީޒާގެ ހިތުގައި އުންޗުކުލިކަނޑަން ފެށިއެވެ. ކެތްތެރިކަން ކޮޅުންލިއެވެ. 

"މިއަދު އެއް ފަހަރު ފަނި ގެންގޮއްސީމެއްނު!" ނުބުނަން ހުއްޓައި ހަފީޒާއަށް ބުނެވުނެވެ. "ދެން ގެންދާނެ ކަމެއް ނެތް."

ދޮންކަމަނައަށް ބަލައިލެވުނީ ހަފީޒާގެ ފަހަތަށެވެ. އާދަނު ބަލަން ހުރީމައެވެ. ހަފީޒާއަށް އެ ކަން ވިސްނި، ބޮލުން ފެށިގެން ފަޔަށް ފިނިވެގެންދިޔައެވެ. ފަހަތް ބަލައިލާކަށް ނުކެރުނެވެ. 

"އަޅުގަނޑު ވަރަށް ކަރުހިއްކާތީ މި އުޅެނީ." އާދަނު ބުނި އަޑުއިވުނެވެ. 

ފުރަތަމަ ފަހަރަށް އާދަނު "އަޅުގަނޑު" ބޭނުންކުރުމުން ހަފީޒާއަށް ހީވީ ހަފީޒާ ގެންގޮސް އެހެން ބައްރަކަށް ލި ހެންނެވެ. އެ ހައި ވެސް ދުރުކޮށްލި ހެންނެވެ. (ނުނިމޭ)