(ބުދަ ދުވަހާ ގުޅޭ)
"އެ ތިބަ އަންނަނީ އެ މީހުން." ދޮންމަނިކު ބުންޏެވެ.
ދެ މީހަކު ބޮއްކުރައެއްގައި ކަނބާފައި އައެވެ. އެ ދޭތެރޭގެ އޮއި ގަދަކަމުން ކުޑަމާލެއާ ހަމައަށް އެ މީހުންނަށް އާދެވުނީ ލައްކަ މަސައްކަތް ކޮށްގެންނެވެ. އާދަނު ހުރީ އަވަށުވެރިގެއަށް ދާން ތައްޔާރު ވެގެންނެވެ. ބިރެއް، ފަރުވާލެއް ވެސް ނެތެވެ. ކުށެއް ނުކުރާކަން އާދަނަށް ކަށަވަރެވެ.
"ކަލޭމެން ކުދިންނަކަށް ނޭނގޭތަ މި ދުވަސްވަރު ކުޑަމާލެއަށް އެރުން މަނާކަމެއް؟" ބޮއްކުރައިން އައި ޅަހުއްތު ބުންޏެވެ. "މި ތަނުގެ އޮއި ގަދަކަމުން ކުދިން ގެނބޭތީ، ކަލޭމެން ކުދިންގެ ރައްކަލަކަށޭ މަނާކޮށްފަ އޮންނަނީ. ދޭ ގެއަށް. އެކަނި ނުދެވެންޏާ ބޮއްކުރައަށް އަރާ!"
"ބޮއްކުރައަށް ވުރެ މާ އަވަހަށް އަހަރުމެންނަށް ދެވޭނެ." އާދަނު އެހެން ބުނި އިރު މޫދަށް ފުންމައިލައިފިއެވެ.
ދޮންމަނިކާއި އާދަނު މާލެ ގޮސްފައި ބަލައިލި އިރު ވެސް، އަވަށުވެރިގެއިން އައި ދެ މީހުން ކުޑަމާލޭގައި ބަލަހައްޓައިގެން ތިއްބެވެ. ހެމުންހެމުން ދޮންމަނިކާއި އާދަނު ގެއާ ދިމާއަށް ހިނގައިގަތެވެ.
"އެ މީހުން ހިތަށް އަރާނެ އާދެވުނު މޮޔަ،" އާދަނު ބުންޏެވެ. "މަރަށްފުރާނައަށް ފަލިނުޖަހާފިއްޔާ ބޮއްކުރާ ލައްވާނީ ވިލިނގިއްޔަށް ތޯއްޗެއް. އޭރުން މާދަމާ މާލެ އާދެވޭނީ."
"އޭ! ތިހެން ބުނީމަ މި ހަނދާންވީ،" ދޮންމަނިކު ބުންޏެވެ. "އެނގޭތަ ތިލަދުންމަތީ މީހުން މާލެ އަންނަކަން؟"
"އެއީ ކީއްކުރަން؟" އާދަނު ސުވާލުކުރިއެވެ.
"ވެރިކަން ވައްޓާލަން،" ޗޮކެއް ކަނޑާފައި ދޮންމަނިކު ބުންޏެވެ. "ވާނެ ނުކުންނަން. ހާދަ ބަޔެކޭ އަންނަނީ."
"ކަލޭ ނުކުމޭ،" ގެއާ ދިމާއަށް އަނބުރައިލަމުން އާދަނު ބުންޏެވެ. "ތިއަށް ވުރެ މާ ބޮޑުކަމަކާ އަހަރެން މި އުޅެނީ."
ގެއަށް ދިޔަ މަގުމަތީގައި ދޮންމަނިކު ވަރަށް ފުންކޮށް ވިސްނިއެވެ. ހަމީދުގެ ނާއިންސާފު ސަރުކާރަށް ނިމުމެއް ގެންނަން ވިސްނާ އެތައް ބަޔަކު މާލޭގައި އުޅެއެވެ. މައްސަލައަކީ ކަމެއް ކުރަން ކެރޭ މީހުން މަދުކަމެވެ. ކޮންމެ ބަޔަކު ވެސް ކުރަނީ ސައްލާއެވެ.
ކާން ބޮޑުއަށްޓަށް އަރާފައި ވައިސޫރިކުޑޭ ވެސް ދެއްކީ އެ ވާހަކައެވެ. ކުޑޭއަކީ މުޙައްމަދު ހަމީދު ނުހައްގުން އަނިޔާ ދިން އެތައް ސަތޭކަ މީހުންނެއްގެ ތެރެއިން އެކަކެވެ. ދޮންމަނިކު ވަރަށް ފަރުވާތެރިކަމާ އެކު ބައްޕަގެ ވާހަކަ އަޑުއަހަން އިނެވެ.
"ދަރިފުޅުމެންނޭ!" ތަށްޓަށް ގަރުދިޔަފޮދެއް އަޅައިލަމުން ކުޑޭ ބުންޏެވެ. "ދެ ދުވަހެއް ތެރޭގަ އެބަ އާދޭ ތިލަދުންމަތީމީހުން. އެއީ އަހަރުމެންގެ މީހުން. އެވެރިން އައިމަ، އަހަރުމެން ޖެހޭނެ ނުކުންނަން. މި ސަރުކާރުގެ ލާރިގަނޑު ކައިގެން މި ތާ މި ނަށާ ހުރިހާ މީހުން ތަޅާ ތިރިކޮށްލަންވާނެ. މީން ޒަމާނަކު ވެސް ނުލިބޭ ކަހަލަ ރަނުގެ ފުރުސަތެއް މި ލިބެނީ. އެކަކު ވެސް ރައްޓެހިން ގާތުގަ މި ވާހަކަ ދެއްކިންތަ؟"
ހަތަރު ދަރިން ވެސް އެކުވެރިންނާ މަޝްވަރާކުރިއެވެ. ހިތާމައަކީ އެކަކު ވެސް ސަރުކާރާ ދެކޮޅަށް ނުކުންނަން އެއްބަސްނުވިކަމެވެ.
"މީހުން މާ ބޮޑަށް ބިރުގަންނަނީ،" ދޮންމަނިކު ބުންޏެވެ. "އެނގޭ އަށިގެއަށް ލާނެކަން."
"ފިނޑިންނަކަށް މިނިވަންކަމެއް ނުލިބޭނެ،" ކުޑޭ ބުންޏެވެ. "ދަންނާތި އެ ކަން. ކާމިޔާބުގެ އައްސޭރިއަށް ދެވޭނީ ބިރު ގިރާކޮށްފަ."
މާލޭ ކަސްޓަމުގައި ދިގު މޭޒެއް ހުރެއެވެ. މޭޒު ބިއްދޮށުގައި ކުދިކުދި ގޮޅިލާފައިވާ ހައެއްކަ ފޫޓުގެ ހަރުގަނޑެއް ހުރެއެވެ. ކޮންމެ އަތޮޅަކަށް ހަ އިންޗި ހަ އިންޗީގެ ގޮޅިއެކެވެ. މާލެ އަންނަ ކޮންމެ ދޯންޏަކަށް ޓަނެއް ނުވަތަ ރަޖިސްޓަރީއެއް އޮވެއެވެ. ދޯނީގެ ވެރިމީހާގެ ނަމާއި، ދޯނިން އުފުލޭ ބަރުދަން ފަދަ މައުލޫމާތު ޓަނުގައި އޮވެއެވެ. ދޯނީގެ އަރިމަތީގައި ވަށް ބޯޅައެއް ކުރަހައި ބަރު ނަންބަރު ޖަހާފައި އޮވެއެވެ. ދޯނި ބަރުކުރެވޭނީ އެ ހިސާބަށެވެ.
ޓަނު އޮންނަނީ އޮނުބަދައަކަށް ލައިފައެވެ. ދޯނި ފަޅަށް ވަނުމާ އެކު އޭގެ ނެވިމީހާ ޓަނު ހިފައިގެން ކަސްޓަމަށް ދާންޖެހޭނެއެވެ. ގޮސް ޓަނު ދިނުމުން އެ އަތޮޅުގެ ޓަނު ލާ ގޮޅިއަށް ޓަނު ލާނެއެވެ. އަތޮޅު އޮފީހަށް ފޮނުވުމަށް ޓަކައި ސަރުކާރުން ޓަނުމޭޒަށް ސިޓީއެއް ފޮނުވުމުން އެ ސިޓީ ވެސް ލާނީ ޓަނު ލީ ގޮޅިއަށެވެ. ފުރަން ޓަނު ބަލައި އައުމުން ޓަނާ އެކުގައި ސިޓީ ވެސް ދޭނެއެވެ. އެ ސިޓީ އަތޮޅު އޮފީހަށް ގެންގޮސްދޭން ސަރުކާރުން އޮންނަނީ މަޖުބޫރު ކޮށްފައެވެ.
ބައެއް އަތޮޅަށް ދޯނި ވަންނަ އިރު ދޯނި ދާން ހަމަޖެހިފައިވާ ރަށް ފުރަތަމަ ޖެހިދާނެއެވެ. އަތޮޅު އޮފީސް ހުންނަ ރަށް މާ ދުރުގައި އޮވެދާނެއެވެ. އެހެން ވެއްޖެ ނަމަ، ރަށަށް ފައިބާފައި ސިޓީ ހަވާލުކުރާނީ ރަށު ކަތީބާއެވެ. ކަތީބު ގޮސް ދޯނީގެ ވެރިފަރާތް އުޅޭ ގެއާ ސިޓީ ހަވާލުކުރާނެއެވެ. އެ ހިސާބުން ބަންޑާރަ ދަތުރެއް ޖެހުނީއެވެ. ކިތަންމެ ދާން ބޭނުން ނޫނަސް ދާން ޖެހޭނެއެވެ. ދަރު ކޮށަން ދާން އޮތަސް، މަހަށް ދާން އޮތަސް ޖެހޭނީ ކެންސަލު ކުރާށެވެ. ޖެހިގެން އަންނަ ދުވަހު އެހެން ސިޓީއެއް ލިބިއްޖެ ނަމަ، އެހެން ގެއަކަށް ވަދެފައި، އެ ދަތުރުގައި ދާން ޖެހޭ މީހާ އައްޔަނު ކުރާނެއެވެ. އޭނަ ވެސް ޖެހޭނީ ހުރިހައި ކަމެއް ހުއްޓައިފައި ފުރާށެވެ. ބަދަލުގައި އުޖޫރައެއް ނުލިބޭނެއެވެ.
ސަރުކާރުން ފޮނުވި ސިޓީގައި އޮތީ އުވަދަވަން ކަމުގައިވާ ނަމަ، އަންގާފައިވާ މިންވަރު ހަމަކުރާނީ އެކި ރަށްރަށަށް ބަހައިލައިގެންނެވެ. އުޖޫރައެއް ނުލިބޭނެއެވެ. އުވަދަވަން އަކިރި ބޭނުން ވާނެއެވެ. ބައެއް ރަށްރަށުގެ ގޮނޑުދޮށުން އަކިރި ނެގުނަސް އަނެއްބައި ރަށްރަށުގައި އަކިރި ނަގާނީ މޫދުންނެވެ. އެ މަސައްކަތް ވެސް ކުރާނީ ހިލޭސާބަހަށެވެ. ސަރުކާރު ދެކެ މީހުން ރުޅި އަންނަނީ އެ ކަހަލަ އެތައް ސަބަބަކާ ހެދިއެވެ.
އުވަ އަޅާނީ، މުޅި ވިޔެފައި މުޅިއަށެވެ. އެއަށް ކިޔާނީ އުވަމުޅިއެވެ. ގޯންޏެއް ނުވަތަ ކޮތަޅެއް ނުހުންނާނެއެވެ. ކޮންމެ މުޅިއެއްގައި ހަތަރު ފޫޓު ދެ ފޫޓު ހުންނާނެއެވެ. މުޅި ވިޔެފައި އެތެރޭގައި ޖަހާނީ ބަނބުކެޔޮފަތާއި މަގޫފަތާއި ކަނދުފަތް ފަދަ ބޮޑެތި ފަތްތަކެވެ. ދެން އޭގެ ތެރެއަށް އުވަ އަޅަމުން ފަތްޖަހަމުން ގެންދިޔައީމައި އުވަތައް ހަރުލައި ހުންނާނެއެވެ. އުވަތައް ހިފައިގެން މާލެ އަންނަ އިރު ދޯނީގައި ކާން، ކާއެތިކޮޅެއް ދެއެވެ. އެ ނިމުނީއެވެ.
މީހުން ރުޅި އައިސްފައި ތިއްބަސް، ސަރުކާރު ދެކެ ލޯބިވާ ބަޔަކު ވެސް އުޅެއެވެ. މަޖުބޫރު ކަތީބަކީ އެ ކަހަލަ މީހެކެވެ. ތިލަދުންމަތީ ރަށަކުން ފުރައިގެން އައި ދޯންޏަކުން މަޖުބޫރު ކަތީބު މާލެ އައެވެ. އައި ގޮތަށް އޭނާ ވަނީ ކަސްޓަމަށެވެ. ދޮރުން ވަދެ ދެކޮޅު ހޯދައިލުމަށް ފަހު، ޓަނު ހިފައިގެން ޓަނުމޭޒަށް އައެވެ.
"އަހަރެން މި އައީ ވަރަށް ބޮޑު ކަބަރަކާއިގެން،" މަޖުބޫރުކަތީބު ޚަބަރަށް ކިޔަނީ ކަބަރެވެ. "ތިލަދުންމަތީ މީހުން ނުކިޔަމަންތެރިކަން ދައްކަން އެބަ އުޅޭ މާލެ އަންނަން."
ބާޒާރުމަތީގެ ކަންތައްތައް ބަލަހައްޓަނީ ކަސްޓަމުންނެވެ. ސިފައިންގެއަކުން ނޫނެވެ.
"ކަލޭމެން އަވަހަށް ދާޚިލިއްޔާއަށް ގޮސް ތި ވާހަކަ ދަންނަވާ!" ކަސްޓަމުން ބުންޏެވެ.
ދާޚިލިއްޔާ ވެސް ހުންނަނީ ކަސްޓަމުގެ ދަށުގައެވެ. ދާޚިލިއްޔާއަކީ ކަސްޓަމުގެ އެތެރެ ފަރާތެވެ. ވަދެވޭނީ ވެސް ކަސްޓަމުގެ އެތެރެ ފަރާތުންނެވެ. އެ ތަނުގައި ހަމީދު ވެސް ވަރަށް ގިނައިން އިންނަވައެވެ. އެ ދުވަހު ވެސް އިންނެވިއެވެ. ކަތީބު ގޮސް އެ ވާހަކަ ދެންނެވިއެވެ.
"މީހުންގެ އަދަދު ވަރަށް ގިނަ." ކަތީބު އެ ނުކުތާ ފާހަގަކުރިއެވެ.
ދުވަހަކީ މާލެއަށް ހަމަ އާދައިގެ ދުވަހެކެވެ. ދޮލަނގަށް ކާއެއްޗެހި އަޅައިގެން ތޯތްގޮވާ މީހުންނާއި މަގުމަތީގައި ކޮރާކުޅޭ ކުޑަކުދިންނާއި ކޮޅުކޮޅަށް ހެލިފެލިވާ ގެރިބަކަރީގެ ހަރަކާތްތައް ވެސް ހުރީ އެހެންޏާ ވެސް ހުންނަ ގޮތަށެވެ. ބޯމަތިވަމުން އަންނަ ހަމަނުޖެހުމުގެ ހިރަފުސްގަނޑު ފެތުރުމުގެ ކުރިން އޮއްބައިލުމުގެ މަސައްކަތް ކުރެވެމުން ދިޔައީ ގަނޑުވަރު ތެރޭގައެވެ. ނުހަނު ސިއްރިޔާތުގައެވެ.
"އޮޑިއެއް ތައްޔާރު ކޮށްގެން ގޮސް ކަނޑުމަތިން ދިމާކުރަންވީ!" ހަމީދުގެ ހިޔާލުފުޅަކީ އެއީއެވެ. "ތަޅާ ތިރިކޮށްލަންވީ!"
"އަޅުގަނޑަކަށް ނުފެނޭ އެއްވެސް ކަމެއް ކުރާކަށް،" ބޭފުޅަކު ލަފާދެއްވިއެވެ. "މާލެއަކު ނުލިބޭނެ ނުކުންނަން ކެރޭނެ މީހެއް. ބިރުން ފިތްކަނޑައިގެންދާ ވަރު ވެފަ އެ ތިބެނީ."
"އަޅުގަނޑަށް ފެންނަނީ ނަސޭހަތްދޭން ބަޔަކު ފޮނުއްވަން." ދެވަނަ ބޭފުޅަކަށް ފެނިވަޑައިގަތް ގޮތަކީ އެއީއެވެ.
ތިލަދުންމަތީ މީހުންނަށް ނަސޭހަތްދެއްވުމަށް ޓަކައި މަލިންމަނިއްޕުޅު މުޙައްމައިދީ އާއި މުޙައްމަދު ޖަމީލު އާއި ސައީދުސައީދު ފޮނުއްވިއެވެ. ރަށު ފަޅުން އެ ދޯނިވަނުމާ އެކު، އެ ކަމުގައި އެންމެ ނަގާކިޔާމީހުން އައިސް ތިން ބޭފުޅުންނާ އެކު ދޯނި އެއްގަމަށް އެހިލިއެވެ. ތިން ބޭފުޅުން ބާލައިގެން ބޮޑުކަތީބުގެ ގެއަށް ގެންދިޔައެވެ. ގެންގޮސް ގޭބަންދުކުރިއެވެ. އެއް ބޭފުޅަކަށް ވެސް އަނިޔާއެއްކޮށް ކަމެއް ނުކުރެއެވެ. ރައްޔިތުން ރުޅި އައިސްގެން ބޮޑުކަތީބު ގެއަށް އައެވެ. ދޯންޏާ އެއްކޮށް ކަނޑުފައްތަން ރައްޔިތުންނާ ހަވާލުކުރަން އެދުނެވެ.
"އަހަރެންގެ ހަވާލުގަ ގޭބަންދުކޮށްފަ އެ ތިބީ،" ބޮޑުކަތީބު ބުންޏެވެ. "އެއްގޮތަކަށް ވެސް ތި ކަހަލަ ކަމެއް ކޮށްގެން ނުވާނެ."
ފުރި ވަފުދުގެ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތެވެ. ރައްޔިތުންނާ ހަމައަށް ޚަބަރު ފޯރުކޮށްދިނީ އެ ގޮތަށެވެ. ދުވަސްތައް ވެއަތުވިއެވެ. ތިލަދުންމައްޗާ ނުކުޅެވޭނެ ކަމާއި ކުރީން ވެސް ތިލަދުންމަތިން އެ ފަދަ ނަގޫރޯޅިއެއް މާލެ އެރިކަން ހަނދާން ހުރި މީހަކު ނެތް ކަހަލައެވެ.
ދުވަހެއްގެ އަސުރު ވަގުތެވެ. އާދަނު ހުކުރުމިސްކިތަށް ވަން އިރު، މުންނާރު ހުއްތަނިކު ބަންގި ގޮވަން މުންނާރަށް ވަންނަނީއެވެ. މުންނާރުގެ އެތެރެ ފާރުގައި ވަށްކޮށް ހަދާފައިހުރި ސިޑިން މައްޗަށް އަރައި، ބަންގިގޮވަން ހަމަ ފެށި ތަނައި، ހުއްތަނިކުގެ ލޮލުގައި އެއްޗެއް އަޅައިގަތެވެ. އެއީ ހުއްތަނިކުގެ ހަޔާތުގައި ކުރިން ނުދެކޭ ކަހަލަ މަންޒަރެކެވެ. ބަންގި ގޮވައި ނިންމާފައި، ތެޅެމުން ފޮޅެމުން ސިޑިން ފައިބައިގެން، މިސްކިތުގެ ބަދަލުގައި ހުއްތަނިކު ދިޔައީ ދާޚިލިއްޔާއަށެވެ. އޭނާއަކީ ވެސް ސަރުކާރަށް ވަފާތެރި ހާދިމެކެވެ.
"ބައިވަރު ދޯނިތަކެއް... މި ދިމާއަށް އެބަހަރަގެން... އާދޭ!" ގުނބުހިލިފައިވާ ހުއްތަނިކު ބުންޏެވެ. "ކަށަވަރު ތިލަދުންމަތިން އެ އަންނަނީ."
މާލޭގެ ދިފާއީ ލަޝްކަރުގައި ތިބީ ތިރީހަކަށް ސިފައިންނެވެ. ވީމާ، ރައްޔިތުން އަތިރިމައްޗަށް ނެރެން ސަރުކާރުން މަސައްކަތް ކުރެއްވިއެވެ. އެ ކަމެއް ނުވިއެވެ. ދެން ތިއްބެވީ ސަރުކާރުގެ އިސް ބޭފުޅުންނެވެ. އެ ބޭފުޅުން ގެއިން ނުކުމެވަޑައިގަންނަވާކަށް ގަސްތެއް ނުކުރެއްވިއެވެ. މާލޭގައި ކަމެއް ހިނގަންޏާ އެ ކަމެއް ބެލުމުގެ ޝައުގުވެރިކަން ހުންނަ އާދަނު އެ ތަނަށް ދިޔައެވެ. ބަޔަކަށް ތާއިދުކުރާކަށް ނޫނެވެ. ކުޅިބަލައިލުމުގެ މަގުސަދުގައެވެ. އިރުއޮއްސުނު އިރު ގިނަ ދޯނިފަހަރު މާލެ ވަދެއްޖެއެވެ. އެ މީހުންގެ ހަޅޭކުގެ އަޑުން މާލެ ގުގުމައިލިއެވެ. ނާމާންކަމާއި ބިރުވެރިކަން ރަށުތެރެއަށް ފާއްދައިލިއެވެ. (ނުނިމޭ)