(އާދިއްތަ ދުވަހާ ގުޅޭ)

"ހިތަށް އަރާ މި ވާހަކަ ބުނެގެން އާދަނު ވާނީ ދެރައޭ،" ދޮންމަނިކު ބުންޏެވެ. "ހަފީޒާ ރާއްޖެ އަންނަން ފުރައިފި!"

ބުނާނެ އެއްޗެއް ނޭނގިގެން އިރުކޮޅަކު އާދަނަށް ހުރެވުނެވެ. 

"ހިނގާބަލަ ގައުމީއަށް." ދޮންމަނިކު އެދުނެވެ. 

ގައުމީއަކީ ގައުމީހޮޓަލެވެ. ތަނުގެ އެއްޗެހި މީރުވެފައި، ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ތަނެކެވެ. އާދަނާއި ދޮންމަނިކު އެކުގައި ހިނގައިގަތެވެ. ރައްޔިތުން ކިތަންމެ ރުޅި އައިސްފައި ތިބި ނަމަވެސް، ވެރީންނަށް ކިޔަމަންތެރިކަން ދެއްކުމުގައި ސާބިތުވެ ތިއްބެވެ. ކުރިހައި ވެސް ކަމަކީ އެއްޗެހި ގޮވުމެވެ.   

"ކޮބާ ފަނޑިޔާރު މަނިކުފާނު؟" މީހަކު ގޮވައިލި އަޑުއިވުނެވެ. "އޭނާ ފިލައިފި. އޭނަ ބަލަޔޭ ކިޔާފަ ގޮސް އައީ ނުލާ!"

"ބޭކަލުންނޭ! އޭރު ފޮނުވީ ފަނޑިޔާރު މަނިކުފާނު ބަލައެއް ނޫން،" އެ ތަނުގައި ހުންނެވި ޝިހާބު ބުނުއްވިއެވެ. "ހަމަ މިހާރު މި ފޮނުވަނީ."

އެހެން ބުނުއްވާ އިރަށް ބަޔަކު ދޯންޏަކަށް އަރައިގެން ފުރި ތަން ވެސް ފެނުނެވެ. އާދަނާއި ދޮންމަނިކު ތިބީ ގައުމީހޮޓަލުގައި ސޮޑާ ބޯށެވެ. ކިރިމުޖެހި ބަނަހާއި ދޮންކޭލާއި ނާނަކަޓަ އާއި އަވެލި ވެސް ހުއްޓެވެ. މީހުން ގިނަ ވަގުތެކެވެ. އެންމެން ވެސް ދައްކަނީ އެއް ވާހަކައެކެވެ. އެވެނި މީހަކު އަތުޖެހިއްޖެއްޔާ ހަދައިލާނެ ގޮތެވެ. މިވެނި މީހަކު މާލެ އަތުވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތެވެ. ކާން ތިއްބަސް އެކެއްގެ ވެސް ރުޅިއެއް މަޑެއް ނުވެއެވެ. 

"ނާ ހަމަ ތެދެއް؟" އާދަނަށް ބުނެވުނެވެ. "ކާކު ބުނީ ހަފީޒާ އަންނަ ވާހަކަ؟"

"ބައްޕަ!" ދޮންމަނިކު ބުންޏެވެ. "ހަމީދުގެ ވަތުބަތާނަ ވެސް ބައްޕައަށް އެނގޭނެއްނު. ބުނީ ކިޔަވަން ތިބި ހުރިހާ ކުދިން ވެސް މާލެ އެބަ ގެނެއޭ. ހާއްސަކޮށް ބުނި ހަމީދުގެ ދަރިފުޅާ ހަފީޒާގެ ވާހަކަ. އެއީ އެކުގަ ދިޔަ ކުދިން. ފެށުނީއްސުރެ ވެސް ހަފީޒާއަކީ އަހަރެން ގަޔާވާ ކުއްޖެއް ނޫން. އާދަނަށް އޭނަ ކަންތައް ކުރާ ގޮތް އަހަންނަށް ހަމަ ކަމުނުދަނީ. ވަރަށް ތެދަށް މި ބުނަނީ. އެކަމަކު އާދަނު އުފާވާނެތީ ހަފީޒާގެ ޚަބަރު މި ދިނީ."

އާދަނު ފުރަތަމަ ވީ ދެރައެވެ. ހަފީޒާގެ ކިޔެވުން ހުއްޓުނީމައެވެ. ދެން ވީ އުފަލެވެ. ހަފީޒާ ފެންނާނެތީއެވެ. ދެން އަނެއްކާ ވީ ދެރައެވެ. ހަފީޒާއަކީ މީހެއްގެ އަންބެއްކަން ވިސްނުނީމައެވެ. 

"ހަފީޒާ އަންނަ ތަނަށް ދާންވާނެ،" އާދަނަށް ބުނެވުނެވެ. "އެހެން ނޫނީ އަހަރެންގެ ދެލޮލުގެ ވިންދު މަޑެއް ނުވާނެ. ހިތުން ކަރުނައެއް ނުކެނޑޭނެ."

އާދަނު ދެއްކި ވާހަކަ ދޮންމަނިކަކަށް ހަމައެއް ނުޖެއްސުނެވެ. އެހެނަސް އެ ޝަކުވާއެއް ނުކުރެއެވެ. 

"އަހަންނަކަށް ނުފެނޭ ފާލަންދޮށަށް އާދަނު ދާކަށް،" ނަސޭހަތުގެ ރާގެއްގައި ދޮންމަނިކު އެދުނެވެ. "ކެނޑިފަ ހުރި ތަނެއްގަ ލޮނުމިރުސް އެޅުމުގެ ބޭނުމެއް ނެތް."

"ބުނެއެއްނު ލޯތްބަކީ ހުތްފޮނި އެއްޗެކޭ،" އާދަނު މަޑުމަޑުން ބުންޏެވެ. "އޭގަ ހުންނާނެ ދިލައެއް ވެސް. ޖެހޭނީ ކެތްކުރަން. ހަނދާ ދިމާއަށް ވެސް މީހުން ބަލައެއްނު. ކާކަށް އެ ލިބޭނީ؟"

މުޅި ރޭ ކަރަންޓުން ބޮކިތައް ދިއްލާފައި ހުއްޓެވެ. ގިނަ ބަޔަކު އުޅުނީ ހޭލައެވެ. އިއުލާނެއް ވެސް ނެރުނެވެ. އޭގައި އޮތީ ބަޔަކު ރަށްރަށަށް ފޮނުވައިލި ވާހަކައެވެ. ދިހަ މީހުންގެ ނަން އޮތެވެ. ދެން އޮތެވެ. 

"އަޅުގަނޑުމެންގެ މައްޗަށް ތިޔަ އެންމެ ބޭކަލުން ދެއްވި އިތުބާރު ރަނގަޅަށް ހަނދުމަ ކުރައްވައިގެން، ރައްޔިތުންނަށް ތަނަވަސްކަމާއި ފައިދާހުރި ގޮތުގެ މަތީން އަޅުގަނޑުމެން ޤައުމުގެ ކަންތައް ހަމަޖައްސާނޭ ކަމުގެ ޔަގީންކަމުގައި ތިއްބަވާނެ ކަމަށް ކަށަވަރުވެއެވެ. މާތްވެގެންވާ އިސްލާމްދީން އާއި ހަމަތަކާއި މަޑުމައިތިރިކަންމަތީ ދައުލަތުއަށާއި ރައްޔިތުންނަށް ހުތުރު ނުލިބޭނޭ ގޮތުގެ މަތީގައި ތިއްބަވާނެ ކަމަށް ޔަގީން ކުރަމެވެ."

އިއުލާނު ކިޔަން މައިޒާން ދޮށަށް އެއްވެ ތިބި މީހުން، އިއުލާނުގައި ބުނެފައިވާ ދިހަ މީހުންނާ ދިމާއަށް ކިޔާލާ އެއްޗެހިން އާދަނަށް އެ ތަނުގައި ހުންނަން އުނދަގޫވިއެވެ. މީހުންތައް ގެއަށް ދިޔަ އިރު ވެސް އެކަކު އަނެކަކަށް ކިޔެވެ. މާދަމާ ނުކުންނަން ވާނެއެވެ. މި ވަރަކުން ދުލެއް ނުކުރާނަމެވެ. އެދުނު ކަންކަން ކުރިކަން ޔަގީންކޮށްފައި ނޫނީ ހުއްޓައެއް ނުލާނަމެވެ. 

ގިނަ މީހުންގެ އިންތިޒާރު ހަމީދުއަށް ހުއްޓިފައިވާ އިރު، އާދަނުގެ ހިތުގައި ވިކަމުން ދިޔައީ ހަފީޒާއެވެ. ނިދަން އުޅެއުޅެ އާދަނަކަށް ނުނިދުނެވެ. އެ ފެންޑާގައި ފަތްޖެހިއެނދު ބަހައްޓައިގެން ދެތިން މީހަކު ތިއްބެވެ. އޮލަކޮށްލައިގެން އެ މީހުން ވެސް ދައްކަނީ ވެރިކަމަށް ގެނެވުނު އިންގިލާބުގެ ވާހަކައެވެ. ކެރޭ މީހުންގެ ހިތްވަރުގެ ވާހަކަ އާއި ނުކެރޭ މީހުންގެ ފިނޑިކަމުގެ ވާހަކައެވެ. ރައްޔިތުންނަށް ދެން ވާނެ ފަސޭހަތަކާއި ލިބޭނެ ލުއިތަކުގެ ވާހަކައެވެ. އެ ހުރިހައި ވާހަކައެއް އާދަނަށް އިވެއެވެ. އެކަމަކު އާދަނަށް ފެންނަނީ ހަފީޒާގެ ތަސްވީރެވެ. އެތައް ދުވަހެއް ކޮށްފައި ހަފީޒާ ފެންނަ ވަގުތު، ކުޑަމިނުން ހަފީޒާ ބަލައި ވެސް ނުލައިފި ނަމަ އާދަނަށް ދެން ވާނެ ގޮތެވެ. ކޮންމެ ގޮތެއް ވިޔަސް، ބޭފުޅެއްގެ އަންބަކާއި އާދަނަކާ ހަމަހަމައެއް ނުވާނެއެވެ. 

"އާދަނާ! ކީކޭ ކަލޭ ބުނަނީ؟" މީހަކު ސުވާލުކުރިއެވެ. "ނިދީތަ؟"

"ނޫނޭ! އަޑު އަހަން މި އޮންނަނީ." އާދަނު ބުނެލިއެވެ. 

އޯގަސްޓުމަހުގެ ބާވީސްވަނަ ދުވަހު ވެސް މައިޒާންތައް ދޮށަށް މީހުން އެއްވިއެވެ. އާދަނަށް ދެވުނީ މާފަންނު މައިޒާނަށެވެ. އިބްރާހީމްދީދީ އާއި ކިލެގެފާނު ބުނުއްވައިގެން އެ މައިޒާނުގައި ވާހަކަ ދައްކަވަން ތެދުވެންނެވީ ޝިހާބެވެ. އެއްޗެއް ބުނުއްވުމުގެ ކުރިން ރައްޔިތުން އެދުނީ މައިޒާނުގައި ހުރި ހަމީދުގެ ފޮޓޯ އެ ތަނުން ނެގުމަށެވެ. ހަމީދަކީ މިހާރު އާދައިގެ ރައްޔިތަކަށް ވީތީއެވެ. ފޮޓޯލޯގަނޑު ނެގުމުން އެ ތަޅައިލަން ވެސް ބަޔަކު އުޅުނެވެ. މީހުން ތިބީ އެހައި ވެސް ރުޅި އައިސްފައެވެ. ބަޔަކު ނަސޭހަތްދީގެން އެ ކަން ކުރިޔަ ނުދިނީއެވެ. ދެން ފޮޓޯ ބަހައްޓާފައި ހުރީ ބިންމަތީގައި، މައިޒާނުގެ ކަނެއްގައެވެ. އާދަނު ހިތަށް އެރިއެވެ. މީ އިއްޔެ މެދުއުޑުގައި ފިޔަޖެހި ތަރިއެވެ. މިއަދު ބިމަށް ތިރިވީއެވެ. ދުނިޔެއަކީ އެ ކަހަލަ ތަނެކެވެ. 

"ރައްޔިތުން މިއަދު އިބްރާހީމްދީދީ އާއި ކިލެގެފާނަށް ދެއްވި އިތުބާރަކީ ހަރުދަނާ އެއްޗެއް ނަމަ، އެ ބޭފުޅުން ރައްޔިތުންނަށް ގެއްލުން ހުރި އެއްވެސް ކަމެއް ނުކުރައްވާނެކަން ގަބޫލުކުރައްވަން ވާނެ،" ޝިހާބު އަގުހުރި އެތައް ނަސޭހަތެއް ދެއްވިއެވެ. "ދޭތެރެޖައްސަން މަސައްކަތްކުރާ މީހުންނަށް އެ ފުރުސަތު ނުދެއްވުން އެދެން."

ފަނަރަ ވަރަކަށް މިނެޓުގެ ނަސޭހަތެއް ދެއްވުމުން މީހުން ކުޑަކޮށް މައިތިރިވާ ގޮތް ވިއެވެ. އެހެނަސް ގެއަށް ދިޔަ މަގުމަތީގައި، ރޭގަނޑު އަދި އެއްވާނެ ކަމަށް ވާހަކަ ދެއްކެވުނު އަޑު އާދަނު އެއްސެވެ. މައްސަލައަކީ އެއް މައްސަލައެކެވެ. ކުށްވެރިން ކަމަށް ރައްޔިތުން އިއްވި ލިސްޓުގައި ހިމެނޭ މީހުން ދޫކޮށްލައި، ފޮރުވާފައި ބައިތިއްބަފާނެ ހެން ހީވުމެވެ. ސަބަބެއް ވެސް އޮތެވެ. އޭގެ ތެރެއިން އެކަކު ސިއްރުން ބައްތެއްޔަކަށް ލައިފައި ފުރުވައިލި ކަމަށް އަޑު ފެތުރުނެވެ. ބައްތެލި ނިކުތީ ތިން ރިޔާ ނަގާފައި ކަޅިންނޭ ވެސް ކިޔެވެ. އެ ބައްތެލި ބަލައި ޖައްރާފު ދޯނި ފަހުން ފޮނުވި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ބައްތެއްޔެއް ނުފެނުނެވެ. 

ހަވީރު ހަތަރުގަޑި ބައިގައި ނާދީގައި ޖަލްސާއެއް އޮތެވެ. ރައްޔިތުން އިސް ސަފަށް ނެރުއްވި ހުރިހައި ބޭކަލުން ޖަލްސާއަށް ހާޒިރުވިއެވެ. އާދަނު ވެސް ކުޅިބަލަން ހުއްޓެވެ. ކުރިޔާ ތަފާތުވީ އެންމެ ކަމެކެވެ. އެއްވެސް އަންހެނަކު ޖަލްސާއަކު ނެތެވެ. ޖަލްސާ ނިމުނީ ހައެއް ޖަހަން އުޅެނިކޮށެވެ. ދެން އާދަނު ދިޔައީ އަތިރިމައްޗަށެވެ. ވަކި މީހަކަށް ޓަކައެވެ. ދިޔަ އިރު ހުރިހައި ދޯންޏެއް ފުރައިފިއެވެ. ބައެއް ބައްތެލި، ރަށްރަށުން ގެނައި ސަމާނާ އެއްކޮށް އަލުން އަންނަން ވެސް ފޮނުވައިލިއެވެ. ފަޅުތެރެ އެހައި ހުސްކޮށް އޮއްވައެއް އާދަނު ދުވަހަކު ވެސް ނުދެކެއެވެ. އާދަނު ހިތުގައި ވަރަށް މުހިންމު ސުވާލެއް ވެސް އުފެދުނެވެ. ދޮށީ މަނިއްޕުޅު ކޮބައިހެއްޔެވެ؟ އެއްވެސް ބައްދަލުވުމަކުން އެ މަނިއްޕުޅު ނުފެނުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟

ރާއްޖެއަށް އެކި ބަދަލުތައް އަންނަން ފެށިއެވެ. ހަމީދު މަނާކުރެއްވި ކަންކަން، ކަމަކަށް ފަހު ކަމެއް ހުއްދަކުރިއެވެ. އެއްބަޔަކު ނުރުހުނެވެ. އަނެއް ބަޔަކަށް ހީވީ އީދެއް އައި ހެންނެވެ. ކިބުރުވެރިކަމާ އެކު މަގުތަކުގައި ގުންފައި ޖަހަމުން ހިނގި އެތައް ބަޔަކު ގެއްލުނެވެ. ބައެއް މީހުން އަށިގެއަށެވެ. ބައެއް މީހުން އަރުވައިލީއެވެ. 

ނަސީބު ގަދަ ބަޔަކު ވެސް އުޅުނެވެ. އެއީ، އިންގިލާބު ގެނައި އިރު މާލޭގައި ނެތް މީހުންނެވެ. ފަނޑިޔާރު މަނިކުފާނަކީ އެކަކެވެ. އޭނާ ވީ ތުލުސްދޫއަށް ދުރުވެއެވެ. އާދަނު ހިތަށް އެރިއެވެ. އެ ވާނީ އޭނާގެ ދުއާގެ ބާރު ކަމަށެވެ. އޭނާ ރަށުގައި ހުންނެވި ނަމަ ހަވަރަށް ދިނީހެވެ. ނާއިންސާފުން ހަމީދު ކަންކަން ކުރެއްވި އިރު ފަނޑިޔާރުމަނިކުފާނު އެ ކަން ހުއްޓުވުމުގެ ބަދަލުގައި ހަމީދުއަށް އެއްބާރުލުން ދެއްވި ކަމުގައި މީހުން ތުހުމަތު ކުރެއެވެ. ކުށްވެރިޔަކު ބަޑި ޖަހައި މެރުމަށް ހުކުންކުރި ދުވަހު ފަނޑިޔާރުމަނިކުފާނު ގަނޑުވަރަށް ދުރުވެފައި ގެއަށް ދުރުވި އިރު، ބައިސްކަލުގެ ޖާލިގަނޑު މަތީގައި ދެ ހާހެއް ހައި ރުފިޔާ ބަނޑެލި ޖަހާފައި ހުރި ކަމަށް ދެތިން މީހަކު ހުވައިކޮށްފައި ބުންޏެވެ. ކުރިން އެ ވާހަކަ ނުދެއްކީ ބިރުންނޯލައެވެ. 

ދިވެހިންނަށް ލިބުނު މިނިވަންކަމާއި ތިޔާގިކަމަށް ޝުކުރުވެރިވުމުގެ ގޮތުން އެކި ގޭގޭގައި ސައި ތައްޔާރުކުރިއެވެ. ބޭނުން މީހަކު އައިސް ސައިބޮއިގެން ދާންވީއެވެ. އާދަނާއި ދޮންމަނިކާއި ދޮހޮއްކޮ ތިބީ ގަލޮޅުގެ ގެއެއްގައެވެ. އެ ގޭގެ ގޯތި ތެރޭގައި ބޮޑު މޭޒެއް ބަހައްޓާފައި ހުއްޓެވެ. މޭޒުމަތީގައި ކިރުސަޔާއި ބަޓަރާއި ޖޭމު ޖަހާފައިވާ މަޑުފާރޮށްޓާއި ދޮންކޭލާއި ސަންބޯސައާއި ކޭކާއި ފޮނިބޯކިބާ ހުއްޓެވެ. ބޭނުން ވަރަކަށް ކާންވީއެވެ. 

"ޔޫސުބު ހުރި ނަމަ ދޯ؟" ދޮންމަނިކު ބުންޏެވެ. "ކިހާ ބޭކާރު ގޮތަކަށް އޭނަ ވަކިވެގެން އެ ދިޔައީ."

"އެކަމަކު އޭނަގެ މަގުސަދު އަހަރުމެން ބޭކާރުވިޔަކަ ނުދޭނަމޭ!" ހިތްވަރާ އެކުގައި އާދަނު ބުންޏެވެ. "ބަލާބަލަ މިހިރަ މޭޒުމައްޗެއް. ކާކު ހީކުރާނީ މި ދުވަސް އަންނާނޭ؟ ކޮން ފަދަ ހާލެއްގަ އަހަރުމެން އުޅުނީ؟"

ކުއްލިއަކަށް މީހުންތައް ހަޅޭއްލަވައިގަތުމުން އެ ތަނުގައި ތިބި ގިނަ ބަޔަކު ދުވެފައި މަގުމައްޗަށް ނުކުތެވެ. އާދަނަށް ފެނުނީ މީހުން އެއްވެފައި އޮތް ތަނެވެ. އާދަނު ދުވެފައި ގޮސް މީހުންތައް ފަޅާފައި އެތެރެއަށް ވަނެވެ. މެދުގައި ހުންނެވީ ދޮށީ މަނިއްޕުޅެވެ. މީހުންތައް އޮތީ ވަށައިލައިފައެވެ. ދެންމެދެންމެ އަރައިގެންފާނެ ކަހަލައެވެ. އާދަނާއި ދޮށީ މަނިއްޕުޅުގެ ހަތަރުކަޅި ހަމަވިއެވެ. އާދަނު ހިތަށް އެރިއެވެ. ހަފީޒާ މިނިވަން ކޮށްލަން މިއަށް ވުރެ ރަނގަޅު ދަނޑިވަޅެއް ނުލިބޭނެއެވެ. (ނުނިމޭ)