މުނިފޫހިފިލުވުން / ވާހަކަ

ދެކޭހިތްވޭ ނިކަން

ބުދަ ދުވަހާ ގުޅޭ

"ކޮތަޅު ހުޅުވައިފަ ބަލައިލިއިރު މުޅި ކުރުނބާގަ ހުރީ ފަންޑިތަ ލިޔެފަ." ނާސިހާ ބުންޏެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން އޮތީމެވެ. ހިތަށްއެރިއެވެ. އަހްސަން ގެންނަ އެއްޗެއްސަށް އަހަރެން ޝައްކުނުކުރީ ކީއްވެގެން ހެއްޔެވެ؟ ދެން ހަނދާންވިއެވެ. އަހްސަން ކުރުނބާފަނި ފުރަތަމަ ގެނައި ފަހަރު އަހަރެން ޝައްކުކުރީމެވެ. އަހްސަން ހުރީ އެ ވަރު ވިސްނައިގެންނެވެ. ތައްޓަށް ކުރުނބާފަނި އަޅައިފައި، އަހަންނަށް ވުރެ ކުރިން އަހްސަން ފުޅިން އެތިފޮދެއް ބުޔެވެ. އެއީ، އަހަރެންގެ ޝައްކު ފިލުވައިލުމުގެ ގޮތުން އަހްސަން ޖެހި ދަންތުރައެކެވެ. އެ ފަހަރު އަހްސަން ގެނައީ ފަންޑިތަނަހަދައިހުރި ފެންކަމުގައި ވެދާނެއެވެ. އަހަރެންގެ އިތުބާރުހޯދުމަށް ޓަކައެވެ. ދެން އެންމެ ފަހަރަކު ވެސް އަހްސަން ކުރުނބާފަންޏެއް ނުބޮއެވެ. ފުރަތަމަ ފަހަރު އަހްސަން ދެއްކި ދަޅަޔަށް އަހަންނަށް ހެއްލެވުނީއެވެ. ހިތަށްއެރިއެވެ. އަހްސަނަކީ ހާދަހާ މަކަރުގަދަ ހިޔަޅެކެވެ. އަހަންނަކީ އަހްސަންގެ ދަރިންގެ މަންމައެވެ. އަހަންނަށް ނުވަތަ އަހަރެންގެ މަންމައަށް ފަންޑިތަހަދައިގެން އަހްސަން ހާސިލުކުރަން އެ އުޅެނީ ކޮން ކަމެއްބާއެވެ؟

"އަހަރެން ހާދަ މޮޔައޭ ދޯ؟" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.

މަންމަ ބަލިވާން ފެށިއެވެ. އަހަންނަށް ވުރެ މުރާލިކޮށް އުޅުނު މަންމަ ކުއްލިއަކަށް އެނދުހުރަސްބަލިޖެހުނެވެ. ބަސްހުސްވެފައި އެނދުމަތީގައި އޮންނަން ފެށިއެވެ. ފުރަތަމަކޮޅު ނަމާދުކުރަން މަންމަ ތެދުވިއެވެ. ދެ ހަފުތާއަކަށް ފަހު ނަމާދު ވެސް ކުރަނީ އެނދުގައި އޮވެގެންނެވެ. މަންމައަށް ވާގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ޑަކުޓަރަކަށް ވެސް ނޭނގެއެވެ. އަހަރެން ހިތަށްއެރިއެވެ. މަންމަ ވެސް އަހަންނަށް ގެއްލެނީ ހެއްޔެވެ؟ ކެތްތެރިކަމާއި، ކިޔަމަންތެރިކަމުގެ އިނާމަކީ މިއީ ހެއްޔެވެ؟ އަނިޔާވެރިންނަށް މި ދުނިޔޭގައި އޭގެ ބަދަލު ނުދައްކަވަނީ ކީއްވެގެން ހެއްޔެވެ؟ ގެޔަށާއި ގޭގެ އެންމެންނަށް އަހްސަން ސިހުރުހަދާ ނަމަ އޭގެ ބަދަލު އަހްސަނަށް ލިބެންޖެހޭނެއެވެ. އެ ކުރެވުނީ ކިހައި ނުބައި ބަދުދުއާއެއްކަމެއް އޭރަކު އަހަންނަކަށް ނުވިސްނެއެވެ.

މީހުން ބުނެއެވެ. ސިހުރުހަދާކަން އެނގުމަކީ އެއިން ކުރާ އަސަރު ކުޑަވާކަމެކެވެ. މަންމަގެ ހާލު ދެރަކަމުން މަންމައަށް ހުރިހައި ވާހަކައެއް ކިޔައިދޭކަށް އަހަންނަކަށް ނުކެރުނެވެ. ނަސީބަކުން ކުރުނބާފަނި ބުއިން މަންމަ ހުއްޓައިލިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ފަހަކަށްއައިސް އެއްވެސް އެއްޗެއް މާ ގިނައިން ކާން ނުވަތަ ބޯންޖެހިއްޖެއްޔާ މަންމަ ޝަކުވާކުރެއެވެ. އަހަރެން ޖެހެނީ މަންމަގެ ކެއުންބުއިން އަބަދާއަބަދު ބަދަލުކުރާށެވެ. ފަންޑިތަޔާ ބެހޭގޮތުން އަހްސަނާ ސުވާލެއް ނުކުރަމެވެ. އެކަމަކު އަހްސަން ގެންނަ ކުރުނބާފަނި ބުއިން އަހަރެން ހުއްޓައިލީމެވެ. އަހަރެން އެ ކަން ވެސް ކުރީ އަހްސަނަށް ޝައްކުނުވާ ގޮތަށެވެ. ޝައްކުވެއްޖެ ނަމަ އަނެއްކާ އެހެން ގޮތެއް އަހްސަން ހޯދާނެތީއެވެ. ފަނިފުޅި ގެންނަ ވަގުތު ކޮންމެވެސް ބަހަނާއެއް ދައްކައިފައި ނުބޮނީއެވެ. އޭރު ބަހައްޓަނީ އަހްސަން ގެންނަ ކަހަލަ އެހެން ފަނިފުޅިއެއް ގެނެސްފައެވެ. އެ ކަމުގައި ވެސް އަހަރެންގެ އެހީތެރިޔަކީ ނާސިހާއެވެ. ފޯނުގެ ނަރު ބުރިކޮށްލައިފައި، ފޯނު އަލަމާރިޔަށް ލައިފައި ވެސް އަހްސަން ފާރަލައެވެ. ބެހެއްޓި ތަނުގައި، ބެހެއްޓި ގޮތަށް ފޯނު ހުރިތޯ ބަލައެވެ. ފަނިފުޅި އަހަރެން ބޮއެތޯ ވެސް އަހްސަން ބަލާނެކަން އަހަންނަށް އެނގެއެވެ. އެހެންވެ، ނާސިހާ ތައްޔާރުކުރާ ކުރުނބާފަނި ބޮނީ އަހްސަނަށް ފެންނަ ގޮތަށެވެ. ނަތީޖާއަކަށްވީ ކުރީގެ ހާލަތަށް އަހަރެން ރުޖޫއަވުމެވެ. ބޮލުގައިރިހުން ލުއިވިއެވެ. ރާޝިދު ވެސް ހަނދާންވާން ފެށިއެވެ. އެކަމަކު އަހަރެން ތަމްސީލުކުޅެމެވެ. ބޮލުގައި ރިއްސާވަރުން ކެތްނުވާކަމަށް ވެސް ހެދެމެވެ. އަހްސަނަށް ޝައްކުވިޔަ ނުދިނުމަށް ޓަކައެވެ. ރާޝިދަށް ފޯނު ވެސް ކުރަން ފެށީމެވެ. ވީ ހުރިހައި ގޮތެއް ކިޔައިދިނީމެވެ. ރާޝިދުހާ ފަސޭހައިން ވިސްނޭ މީހަކު އަހަރެން ނުދެކެމެވެ.

"ތީވާ ފިސާރި ފިރިހެނެއް!" ފޯނުން ވާހަކަދައްކަމުން އަހަރެން ބުނީމެވެ. "ރީތިކަން އެވަރު. ބުއްދިވެރިކަން އެވަރު. ލޯބިވާން ވެސް އެވަރު. ތީ ފަތްމިންޏެއްތަ؟"

"އޭ ފަތްމިނި ކިޔަނީ އަންހެނުންނަށޭ އިނގޭ." ސަމާސާ ރާގެއްގައި ރާޝިދު ބުންޏެވެ.

"އެކަން އެނގެޔޭ!" އަހަރެން ބުނީމެވެ. "ދެން ރާޝިދު ބުނެބަލަ ފިރިހެނުންނަށް ކިޔާ ނަން. އަހަންނަކަށް ނޭނގޭ!"

"އަހަންނަކަށް ވެސް އެޔެއް ނޭނގެ،" ރާޝިދު ބުންޏެވެ. "އެނގޭ އެއްޗަކީ އަހަންނަކީ ކިހާ ބޭކާރު މީހެއްކަން. މޫނިގެ ބައްޕަ ނިޔާވެއްޖެ! މަންމަ ބަލިވެއްޖެ! ވައި ވެސް އެޅެން ހެޔޮނުވާ ވަރުގެ މީހަކު އެނދުގަ ތި އޮންނަނީ. އެކަމަކު އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ކީއްކުރާ މީހެއް މީ؟ މިހާރު ވެސް އަހަރެން ބޭނުން މޫނި އުރާލައިގެން ތި ތަނުން ނެރެން."

އަހަރެންގެ ހިތަށްވެރިވެފައިވާ ނުތަނަވަސްކަން ވައިތެރެއަށް ފޭދިގެން ގޮސް ގެއްލުނު ކަހަލައެވެ.

"އަދި އެއްފަހަރު!" އާދޭހުގެ ރާގެއްގައި އަހަރެން އެދުނީމެވެ. "އަދި އެއްފަހަރު ތިހެން ބުނެބަލަ! އަހަރެން އިންނާނަން ލޯމަރާލައިގެން. ބިރުގެންފަ ގޮތްހުސްވެފަ މިއިނީ. ހުރިހާކަމެއް ހަނދާންނެތޭ ވަރަށް ރާޝިދު އަހަރެން އުފާކޮށްދީ! އަހަރެން ހޭލާހުއްޓާ ވަރަށް ރީތިރީތި ހުވަފެނެއް އަހަރެންނަށް ދައްކައިދީބަލަ!"

އަހަރެން ލޯމަރައިލީމެވެ. އިރުކޮޅެއްވަންދެން ރާޝިދު އެއްޗެއް ނުބުނެ ހުއްޓެވެ.

"އަހަރެން ހިތަށްއަރަނީ އަހަންނަށް މޫނި ނުލިބުނަސް ކީއްހޭވާނީ؟ އަހަރެން މިހިރީ މޫނިއަށް ހިބައިންދީގެންނޭ،" ރާޝިދުގެ އަޑުގެ ޖާދޫ އަހަރެންގެ ސިކުނޑީގެ ހިމަ ނާރުތަކާ ކުޅެންފެށިއެވެ. "ކޮންމެވެސް ދުވަހަކުން ތި އުނގުގަ ބޯއަޅާލައިގެން، މޫނިގެ ފަންފަން އިސްތަށިގަނޑާކުޅެން އަހަރެން އޮންނާނަމޭ. އިރުގެ ދޯދިތައް މޫނިގެ އިސްތަށިގަނޑުގަ ފިރުމާގޮތާ، ގަސްގަހުން ފައިބާ މާތައް އިސްތަށިގަނޑުގަ ހަރުލާފަ، ވަކިވާން ބޭނުން ނުވެގެން އުޅޭ މަންޒަރު އަހަރެން ހެކިވާނަމޭ. މޫނި ގޮވައިގެން ހަނދުވަރުމަތީގަ ދޯނި ދުއްވާލަން އަހަރެން ދާނަމޭ. ރިހިން ގިރިޓީވެފައޮތް ލޮނުގަނޑުގަ މޫނިގެ ލޯބިލޯބި އަތްތިލައިން ފަތުރާލާ ބާނިތައް، އުފަލުން ނަށަމުންދާތަން ބަލަންހުންނާނަމޭ. ހުރެފަ ބުނާނަމޭ ނޫނޭވާ އަހަންނަކީ ހާދަހާވާ ނަސީބުގަދަ މީހެކޭ."

ރާޝިދުގެ އަޑުން އަހަންނަށް އިހުސާސްކުރެވުނީ ހާމަކޮށް އުޑުފެންނަ ތަނެއްގައި އަހަރެން ހުއްޓައި، ހިމަފޮދު ވާރޭ ގަޔަށް ވެހެމުންދާއިރު ކުރެވޭ ކަހަލަ އިހުސާސެކެވެ. ދެފިޔަގަނޑު ދަމައިލައިގެން ވައިރޯޅިޔާ ހަވާލުކޮށް ހޯރައަޅަމުންދާ ދޫންޏެއް ފަދައިން، ދެއަތް ދަމައިލައިގެން އަހަރެން އެނބުރުނީމެވެ. ވާރޭފެނުން އަހަރެންގެ އެސްފިޔަތަކާއި ތުންފަތް ތެމެމުންދިޔައެވެ. ވިހުރެމުންދިޔަ އިސްތަށިގަނޑު ފެންތިކިތަކުން ބަބުޅަމުންދިޔައެވެ. ހުރިހާ ނުތަނަވަސްކަމެއް ފެނާ އެކުގައި ބިމަށް ހިނދެމުންދިޔަ ކަހަލައެވެ. އަހަރެންނަށް ކުރެވެމުންދިޔައީ ބަޔާންކުރަން ދަތި އުފާވެރި އިހުސާސެކެވެ. ހިތަށްއެރިއެވެ. އެހާ ބޮޑު އުފަލެއް އަހަންނަށް ލިބުނީ ކިހާ ބޮޑު ހިތާމައެއް ލިބެންބާއެވެ؟

އެރެޔަކީ މަންމަ ނިޔާވި ރެޔެވެ. އެ ކަން ވީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ދަންވަރު އަހަންނަށް ހޭލެވުނީ އަޑުފަށްގަނޑެއް އިވިގެންނެވެ. ނިދިމަޑުވެފައިއޮއްވައި އިވުނު އަޑެއްކަމުން އެ އަޑު ވަރަށް ސާފުކޮށް އިވުނެވެ. ހީވަނީ ތަންކޮޅެއް އުހުން ބިންމައްޗަށް ލަކުޑިތަކެއް އޮއްސައިލިހެންނެވެ. ބުނެވޭ ގޮތުގައި އެއީ ކަށްޑަނަޖެހި އަޑެވެ. އެ އަޑު އިވުނު މީހާގެ ގޭގެ އިސް މީހަކު މަރުވާނެއެވެ. ހޭލާފައި އަހަރެން ދުވެފައި ދިޔައީ މަންމަގެ ހާލުބަލާށެވެ. މަންމަ ނިޔާވިއިރުއޮތީ ދެ ލޯ ތަންމިނަށް ހުޅުވައިގެންނެވެ. ދެ އަތް އޮތީ މުށްކަވައިފައެވެ. ހީވަނީ މަންމަގެ ހަޔާތުގެ ފަހު މިނެޓުކޮޅަކީ ވަރަށް ވޭންދެނިވި ވަގުތުކޮޅެއްހެންނެވެ. ރޮއިރޮއި ލޮލުން ކަރުނަ ހުސްވާނެ ނަމަ އެ ފަހަރު އަހަރެންގެ ލޮލުން ކަރުނަ ހުސްވީހެވެ. އަދި އެއްފަހަރު މަންމަ ނޭވާލާން އަހަރެން ހާދަ ބޭނުންވިއެވެ. މަންމައަކީ އަހަންނަށް ހިތްވަރެއްދޭންހުރި ހަމައެކަނި މީހާއެވެ. އަހަރެންގެ ހިމާޔަތެވެ. އަހަރެންގެ ހަށިފާރަވެރިޔާއެވެ. އެހެން މީހުންގެ ނަޒަރުގައި އަހަރެންގެ މަންމައާއި ބައްޕަ ނިޔާވީއެވެ. އަހަރެންގެ ނަޒަރުގައި އެ މީހުން މަރައިލީއެވެ. ދެއްކޭނެ ހެއްކެއް ނެތެވެ. އެކަމަކު ގާތިލަކީ އަހްސަންކަން އަހަންނަށް ކަށަވަރެވެ.

"ބަދަލަށް ބަދަލުހިފާ!" އަހަރެންގެ ކަންފަތްދޮށުގައި ކޮންމެވެސް މީހަކު ބުނެލި ކަހަލައެވެ.

މަންމަ ވަޅުލުމުގައި އަހްސަން ބައިވެރިވިއެވެ. އެއީ ކީއްވެގެން އަހްސަން ކުރިކަމެއްކަން އަހަންނަށް ވިސްނުނެވެ. އަހްސަންގެ ބޭނުމަކީ ކަންދެއްކުމެވެ. މީހުންގެ ލޮލުގައި އަނދުންއެޅުވުމެވެ.

"ކަލެއަށް އަދަބުލިބެންޖެހޭނެ!" ހިތާހިތުން އަހަރެން ކިޔާލަކިޔާލާ ހުރީމެވެ. "ކަލެއަށް އަދަބުދޭނީ މަ!"

ސަހަރާއިން އެނބުރި އަހްސަން ގެއަށް އައިއިރު އަހަންނަށް ހުރެވުނީ މަންމަގެ އެނދު ކައިރީގައެވެ. އަހަރެންގެ ލޮލަށް މަންމަ ފެންނަ ކަހަލައެވެ. ދެ ލޯ ބޮޑުކޮށްގެން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އޮއްވައެވެ. އަހަރެންގެ އެހީތެރިކަމަށް އެދި ލޮލުން މަންމަ އާދޭސްކުރާ ކަހަލައެވެ. އިންސާފުހޯދައިދިނުމަށް އެދި ސަލާންޖަހާ ކަހަލައެވެ.

"ހާދަހާ ދެރަޔޭ!" އަހްސަން ބުނި އަޑުއިވުނެވެ.

އަޑުއިވުނު ދިމާއަކަށް އަހަންނެއް ނުބަލަމެވެ. ދޮރުމަތީގައި ހުންނާނީ ކާކުކަން އަހަންނަށް އެނގެއެވެ. އަހްސަން އައިސް އަހަރެން ގާތުގައި ހުއްޓުނެވެ.

"ހިތާމައިގެ ކޮޅެއް ވެސް ނެތް،" މަލާމާތުގެ ރާގެއްގައި އަހްސަން ބުންޏެވެ. "މަންމަ ނުޖެހޭ މޫނިޔާ ވަކިވާކަށް. މާމަދަރިން މީހުނާ އިނދެގެން މުނިމާމަ ކިޔަންދެން ވެސް، ނުލާހިކު އަރާމާ އުފަލުގަ މަންމަ ހަމަ އުޅެންވީނު! ކީއްވެ މިހެން ވާންޖެހުނީ؟ ކިހާ ދެރަ! މޫނިއަށް އެނގޭތަ ގޮތްދޫނުކުރުމާ، ނުބެހޭ ކަންތަކާ ބެހުމާ، ދޫ ހިމޭނުން ނުބޭއްވުމަކީ ކިހާ ދެރަކަމެއްކަން؟ މޫނި މަންމަ އެހެން އުޅުނެކޭ އަހަންނެއް ނުބުނަން. ބުނަން މިއުޅެނީ، ބައެއް މީހުން ރުޅިއައީމަ ކޮށްފާނޭ ކޮންމެ ފަދަ ކަމެއް ވެސް."

އަހަރެން އެއްޗެއް ނުބުނަމެވެ. އެހެނަސް ހިތަށްއެރިއެވެ. އަހްސަން އެންމެ ފަހުން ބުނީ ތެދު ވާހަކައެކެވެ. ބަދިގޭގައި ވަޅި ތޫނުކުރަން ހުރިއިރު ވެސް އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔައީ އެ ޖުމުލައެވެ. ބައެއް މީހުން ރުޅިއައީމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ކެތްކުރެވޭނީ ވަކި ވަރަކަށެވެ. އަހަރެން ވަޅި ތޫނުކުރީ ފުނޑާ ދައިގައި ހާކައިގެންނެވެ. މިޔަ ތޫނުވަމުން ތޫނުވަމުންގޮސް ހުޅުނބުފޮއްޗަކަށް ވީއިރު ވެސް އަހަންނަކަށް ހުއްޓައެއްނުލެވުނެވެ. ސިކުނޑިއަށް ތޮއްޖެހެމުންދިޔައީ އަހްސަން އެކި ފަހަރުމަތިން އަހަންނަށް ކުރި އަނިޔާތަކެވެ. ހެދި ދޮގާއި މަކަރުތަކެވެ. ދިން ހިތްދަތިކަމެވެ. އަހަރެން ކޮން ކުށެއްކޮށްގެން ހެއްޔެވެ؟

"މޫނި!" ތަންކޮޅެއް ބާރަށް ނާސިހާ ގޮވައިލިއެވެ.

ސިއްސައިގެންގޮސްފައި އަހަރެން ބަލައިލިއިރު ނާސިހާ ހުރީ އަހަރެން ކައިރީގައެވެ.

"ކީއްހޭ ތިކުރަނީ؟" ނާސިހާ އެހިއެވެ. "މިތާ ހުރެގެން އަހަރެން ހާދަހާ ވާހަކައެއްދައްކައިފީމޭ! އަޑެއްނީވޭތަ؟"

އަހަރެން ވަޅީގެ މިޔައިގައި އަތްޖައްސައިލީމެވެ.

"ސިއްރެއް ހިފޭއްޓޭނެތަ؟" އަހަރެން ބުނީމެވެ. "މިއުޅެނީ މީހަކު މަރާލަންވެގެން!"

ނުނިމޭ

14 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 69%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަޒީ

18 September 2019

ބަޑީ ކޮބާ މިއަދުގެ ބައި؟

The name is already taken The name is available. Register?

އާމި

16 September 2019

އަނެއް ހަޑި ހާވަން އެ އުޅެނީ

The name is already taken The name is available. Register?

އަސްލުގަ

15 September 2019

ރާޝިދު ނަގާނީ އަހުސަންގެ މަރުގެ ޒިންމާ މޫނިގެ ބަަދަލުގަ. އެހެން ދޯ ވާނީ.

The name is already taken The name is available. Register?

ނާޒިމާ

15 September 2019

ޜާޝިދުވެސް މީ ފިނޑިއެއް... ހަޤީޤީ ލޯބިވާނަމަ ލޯބިވެރިޔާ އުޅޭ ހާލު އެނގޭއިރު އެހެން ދުރުގަ ބަލަން ނުހުރެވޭނެ. މިހާ ދުވަސްވާއިރު ކޮންމެސް ހައްލެއް ހޯދަދޭނެ. މޫނި އުޅޭ ހާލު އެނގުން ހިސާބުން މޫނިއަށް ހިމާޔަތް ދިނުން އެއީ ރާޝިދުގެ ޒިންމާއެއް.. ހަމަ އެކަނި ގުޅައިން ފޮނިމާތައް ފޮޅުވިއަސް ނުވާނެ!!

The name is already taken The name is available. Register?

ވާހަކަ ކިޔާ ކުއްޖާ

15 September 2019

ޢޭރުން މޫނިއަށް ކޮންމެ ދުވަހަކު ޜާސިދު ފެންނާނެ، ފެނިލިޔަސް މޫނިގެ ހިތް ފުރޭތާ. މޫނި ނިކަން މޮޔައެއްނު. ވާހަކައިގެ ނަމާ ވެސް އޭރުން ގުޅޭނެ

The name is already taken The name is available. Register?

ވާލުސޮރު

15 September 2019

މީގެ ކުރީ ޕާޓްތައް ކިޔާފަ ބައެއް މީހުން ކޮމެންޓުކުރި ހާދަ ފިނޑިއޭ ފޭކު ވާހަކައޭކޭ، އެހެން ބުނާއިރު މިހާރުވެސް ގިނ އަދަދަކަށް އަންހެނުން ފިރިހެނުން މަޖުބޫރު ކައިވެނި ތަކުގަ ދިރިއުޅޭ. އެއަށް ފިނޑިއޭ ނުކިޔާން މި ކިޔަނީ ދަރިފުޅަށްޓަކައޭ، އުޅޭނެ އެހެން ގޮތެއް ނެތީމައޭ، ކުރިން އެއީ ކާކުކަމެއް ނޭންގުނީމައޭ. މިވެސް ހަމަ އާއްމު ހާލަތުގަ ވަރަށް ހަގީގީ ވާހަކައެއް. މިހާރުގެ ކުދިން ހިޔާލީ ފެންޓަސީ ޑްރާމާ ވާހަކަ ކިޔާތީ ނޭންގެނީ.

The name is already taken The name is available. Register?

ނާޝް

15 September 2019

އަހުސަނަށް ހައްޤު އަދަބު ދޭންވާނެ މޫނި. އެކަމަކު މަރާލައިގެން ނުވާނެ.

The name is already taken The name is available. Register?

ފޫހި

15 September 2019

އޭނާ މަރާލަން އުޅެނިކޮށް ފަޅާ އަރާނީ އެކަމަކު އޭގެ އަދަބަކަށް މޫނި ލާނީ ޖަލަށް. އޭރުން ކުދިންނާވެސް ވަކިވާނީ އަދި ދަރިންނާވެސް ވަކިވާނީ. މޫނި މަންމަ ދުނިޔޭގަ ހުއްޓަ ތިޔަހާ ގަޓް ނައީ ކީއްވެ؟ އަދި އަހްސަންގާތުން ވަރިވެ ގޭން އޭނާ ނުނެރުނީކީއްވެ؟ މޫނި ގެ ފިނޑިކަމާއި ޑިޒިޝަން ނުނެގުމާއި މަންމަމެންނަށް ޙަޤީޤަތް ކިޔައިނުދެވުމުން ހުރިހާއެއްޗެއްގެއްލުނީ. ދެން މިހާރު ކޮންސަކަރާތެއްޖަހަންތިޔައުޅެނީ.

The name is already taken The name is available. Register?

އަމީ

15 September 2019

އަހުސަން މަރާލާފަ މޫނި ޖަލުގަ އޮންނަ ފޮޓޯއެއްދޯ ވާހަކައިގަ މި އިންނަނީ.. ނަމާވެސް އޭރަށް ގުޅެނީ.. "އަހަރެންގެ ހިތުގެ ބަގީޗާ ހަނަފަސްވެއްޖެއެވެ."...

The name is already taken The name is available. Register?

ތުނިޔަ

15 September 2019

އަޅޭ ނޫން....ނޫން މޫނި ތިކަހަލަ މޮޔަކަމެއް ނުކުރާތި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454